ވިޔަފާރި

ޓޫރިސްޓުން ބަހައްޓާ ތަންތަން މިނިސްޓްރީއިން އިންސްޕެކްޓް ކުރަން ފަށަނީ

ރާއްޖޭގައި ޓޫރިސްޓުން ބަހައްޓާ ހުރިހާ ތަނެއް، މިނިސްޓްރީގެ ފަރާތުން އިންސްޕެކްޓް ކުރަން ނިންމައިފި އެވެ.

މި ފަހުން އެކި ހާދިސާތައް ދިމާވެ ޓޫރިސްޓުން މަރުވަމުން ދާ މައްސަލައާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޓޫރިސްޓުން ބައިތިއްބާ ހުރިހާ ޕްރޮޕޮޓީތަކެއް ކުރިއަށް އޮތް އަށް މަސްދުވަހުގެ ތެރޭގައި އިންސްޕެކްޓް ކުރާނެ ކަމަށެވެ. އެ އިންސްޕެކްޝަންގެ ބޭނުމަކީ، ޓޫރިސްޓުންނަށް ރައްކާތެރި މާހައުލެއް އެ ތަންތަނުގައި ހުރިތޯ ޔަގީން ކުރުން ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ރިސޯޓްތަކުގައި ދިވެހި މުވައްޒަފުން ގެންގުޅޭ އަދަދުތަކާއި އެހެން ވެސް ގާނޫނުތަކާއި ގަވާއިދުތަކަށް ރިސޯޓްތަކުން އަމަލު ކުރޭތޯ ބަލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި އިންސްޕެކްޝަންތައް އަޅުގަނޑުމެން ކުރާނީ އެމްއެންޑީއެފްއާއި ފުލުހުން އަދި މަޓީގެ ވެސް އެހީތެރިކަމާ އެކު. މިއީ ރައީސް ސޯލިހުގެ ހާއްސަ އެންގުމުގެ ދަށުން އަޅުގަނޑުމެން ފަށާ އިންސްޕެކްޝަންތަކެއް،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި މަސައްކަތް ހަ މަހާއި އަށް މަސް ދުވަހުގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާ ކަމަށެވެ.

"މި އިންސްޕެކްޝަންގައި ބަލާނެ ހުރިހާ ކަމަށް. މީގެ ކުރިން އާއްމު ގޮތެއްގައި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ ޓޫރިޒަމް މިނިސްޓްރީ އަމިއްލަ އަށް. ނަމަވެސް މި އިންސްޕެކްޝަން ނިމުމުން ރާއްޖޭގެ ޓޫރިޒަމްގެ އަސްލު މަންޒަރު ފެނިގެންދާނެ،" އަލީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި އިންސްފެކްޝަން ކުރިއަށް ގެންދާނީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއް ގުޅިގެން ކަމަށެވެ.

"އިންސްޕެކްޝަން ނިމުމަށްފަހު އިސްލާހު ކުރަން ޖެހޭ ހުރިހާ ކަމެއް އިސްލާހު ކުރެވިގެން ދާނެ،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.