ހަބަރު

ޝަކުވާ ހުށަހަޅާ މުއްދަތު ހަމަވިއިރު، ވަރަށްގިނަ ޝަކުވާ ލިބިފައިވޭ: ޖަލު އޮޑިޓް ކޮމިޝަން

ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވި އިރު، ކޮމިޝަންސް ފޯ ޕްރިޒަންސް އޮޑިޓަށް ވަރަށް ގިނަ އަދަދެއްގެ ޝަކުވާ ލިބިފައިވާކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ޖަލުތައް އޮޑިޓް ކުރާ ކަމިޝަންއަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތު 10 ޖަނަވަރީ ގައި ވަނީ ބަންދުކޮށްފައ އެވެ، އެކޮމިޝަނުން ބުނީ އެމުއްދަތުގެ ތެރޭގައި އާންމު ފަރާތްތަކުންނާއި، ޖަލުތަކުގައި ތިބި ފަރާތްތަކުގެ އާއިލާތަކުން ފޯނުންނާއި، ހާޒިރުވެ އަދި ސިޓީގެ ޒަރިއްޔާއިން ޖަލުތަކާއި ގުޅޭ ވަރަށް ގިނަ ޝަކުވާ އެ ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ. އެހެން ނަމަވެސް އެޝަކުވާތަކުގެ ތަފާސްހިސާބެއް ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން އެކޮމިޝަނުން މިހާރުވަނީ ޖަލުތައް ހިންގުމާއި ގުޅޭ ގޮތުން އަމަލުކުރަމުންދާ ގާނޫނުތަކާއި، އޭގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި، އުސޫލްތަކާއި އަދި ވަކިވަކި ޖަލުތަކުގައި ހަދާފައިވާ ޖަލު އަމުރުތަކާއި، ރާއްޖެއިން ތަސްދީގުކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި، ގަރާރުތަކާއި، މިންގަނޑުތަކުގެ އިތުރުން، މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުކުރެވޭ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް އެފަރާތްތައް އަނިޔާއާއި އެހެނިހެން ލާއިންސާނީ އަމަލުތަކުން ރައްކާތެރިކުރެވިފައިވާ މިންވަރު ބަލާ ކަށަވަރުކުރުމަށް ގާއިމްކުރެވިފައިވާ ނިޒާމްތަކާއި، ކަންކަން ދިރާސާކޮށްފަ އެވެ.

މީގެ އިތުރުން، މިނިވަން މުވައްސަސާތަކުން ޖަލުތަކަށް ޒިޔާރަތްކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓްތަކާއި، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއިން ތައްޔާރު ކޮށްފައިވާ ރިޕޯޓްތަކާއި، ބައިނަލް އަގުވާމީ މުއާހަދާތަކާއި ގުޅިގެން ދިވެހި ދައުލަތުން ހުށަހަޅާފައިވާ ސްޓޭޓް ރިޕޯޓްތަކާއި، ޝެޑޯ ރިޕޯޓްތައް ހިމެނޭ ގޮތަށް ކޮމިޝަނަށް ހޯދާ އަދި އެލިޔެކިޔުންތައް ދިރާސާ ކުރުމުގެ މަސައްކަތްކޮށްފައިވާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ޖަލު އޮޑިޓް ކޮމިޝަނުން އިތުރަށް ބުނީ، ގާނޫނީ ވަކީލުންނާ ބައްދަލުކޮށް، މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުކުރާ މީހުންގެ ބަންދާއި، އެފަރާތްތައް ދައުލަތުގެ ބެލުމުގައި ދަށުގައި ބޭތިއްބުމުގެ އިޖުރާތްތައް ފުރިހަމަ ކުރުމުގައި ގެންގުޅޭ މިންގަނޑުތަކާއި، މިހާރު ޖަލުތަކާއި ކަސްޓޯޑިއަލްތަކުގައި މީހުން ބަންދުކުރުމުގައި ކަނޑައެޅިފައިވާ ގާނޫނީ އޮނިގަނޑުގެ ރައްކާތެރިކަމާއި ހިމާޔަތްތެރިކަން، ބަންދުކުރެވޭ މީހުންނަށް ލިބިދީފައިވާ މިންވަރު ދެނެގަނެ އެފަރާތްތަކުގެ ކަންބޮޑުވުންތަކާއި ދަތިތައް ވެސް އޮޅުންފިލުވާފައިވާނެ ކަމަށެވެ.