ވިޔަފާރި

މިދިޔަ އަހަރު 1.4 މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފި

މިދިޔަ އަހަރު ރާއްޖެއަށް 1.4 މިލިއަން ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމަށް 6.8 ޕަސެންޓުގެ ކުރިއެރުމެއް ލިބިގެން ދިޔަ ކަމަށެވެ. އަދި މިދިޔަ އަހަރު ނިމުމުއިރު ރާއްޖޭގައި ހުރި ޓޫރިސްޓު އެނދުގެ އަދަދު 44،860 އަށް އަރާފައިވާ ކަމަށް ވިދާޅުވި އެވެ.

"މި ކާމިޔާބު ލިބުމުގައި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ބޮޑު. އެހެންވެ، މި ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" އަލީ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި މި އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ގިނައިން މީހުން އައި އެއް އަހަރަށް ހަދަން ކުރަން ޖެހޭ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ.

"ޓޫރިޒަމް އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ. އެކަމަށްޓަކައި ދަނީ މަސައްކަތް ކުރަމުން،" އަލީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2017 ވަނައަހަރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1.3 މިލިއަން މީހުންނެވެ.