ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ރައްޔިތުންގެ ހައްގުތައް ހަނިކުރަން އަޅާފައިވާ ފިޔަވަޅުތައް ނަގައި، ހައްގުތައް އިޔާދަކުރަން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދައި ދިނުމަށް، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިޔު) އިން ގޮވާލައިފި އެވެ.
ރާއްޖެ ހިމެނޭގޮތަށް ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުގައި އިންސާނީ ހައްގުތަކުގެ ހާލަތުގެ މައްޗަށް ނެރުނު ރިޕޯޓުގައި، ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ކުރީގެ ސަރުކާރުން ކޮށްފައިވާ ކަންކަން ރަނގަޅު ކުރުމަށް ކުރެވުނު މަސައްކަތްތައް ފާހަގަކޮށްފައިވެ އެވެ.
މިގޮތުން، އަސާސީ ހައްގުތަކާއި މިނިވަންކަން ހަނި ކުރުމަށް ފާސްކޮށްފައިވާ ގާނޫނުތައް އުވާލުމާއި، ސިޔާސީ ހައްޔަރީންނާއި، ސަރުކާރަށް ފާޑުކިޔައިގެން ޖަލަށްލާފައިވާ މީހުން ދޫކޮށްލުމުގެ އިތުރުން، މަރާލާފައިވާ އަދި ގެއްލުވާލެފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދުން ފަދަ މުހިންމު މަސައްކަތްތަކެއް ރައީސް ސޯލިހުގެ ސަރުކާރުން ކޮށްފައިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
"ގާނޫނީ ވެރިކަމެއް އިޔާދަކުރުމަށް ވަރަށް މުހިންމު ފިޔަވަޅުތަކެއް ރައީސް ސޯލިހުގެ ސަރުކާރުން ވަނީ އަޅާފައި، ނަމަވެސް، ހުރިހާ ދިވެހި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް އަދިވެސް ބޮޑެތި މަސައްކަތްތަކެއް ކުރަންވަނީ ޖެހިފައި،" އެޗްއާރުޑަބްލިޔުގެ އޭޝިއާ ސަރަހައްދުގެ އެސޯސިއޭޓު ޑިރެކްޓަރު ޕެޓްރީޝިއާ ގޮސްމަން އެ ރިޕޯޓުގައި ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން، ވަރުގަދަ އިސްލާހީ މަސައްކަތެއްގެ ތެރެއިން، ރައްޔިތުންގެ މެދުގައި ތަފާތުކުރުން ނައްތާލައި، އިންސާފު ގާއިމުކުރުމުގެ މުއައްސާތަކުގެ އިތުބާރު ކަށަވަރުކުރުމަށް ޖަވާބުދާރީ ކުރުވޭނެ ނިޒާމުތައް ހަރުދަނާ ކުރަންޖެހޭ ކަމަށްވެސް ގޮސްމަން ވަނީ ވިދާޅުވެފަ އެވެ.