ރިޔާސީ އިންތިހާބަށްފަހު ޕީޕީއެމްއިން ބޭއްވި ކޮންގްރެސް ސައްހަ ކަމަށް ހައިކޯޓުން ކަނޑައެޅި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް އިލެކްޝަން ކޮމިޝަން، އީސީއިން ހުށަހެޅި މައްސަލާގެ ޝަރީއަތް އަންނަ އާދިއްތަ ދުވަހު ފަށަން ތާވަލުކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ތާވަލްގައިވާ ގޮތުން އަންނަ އާދިއްތަ ދުވަހު ހެނދުނު 10:15 ގައި އެ މައްސަލާގެ ފުރަތަމަ އަޑުއެހުން އޮންނާނެ އެވެ.
ޕީޕީއެމްގެ ހިންގުން ސިވިލް ކޯޓުގެ ހުކުމަކުން 2016 ގައި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފައިވެ އެވެ. އަދި އެ ހުކުމްގައި ގައުމީ ޖަލްސާއެއް ރައީސް ޔާމީންގެ ދަށުން ބޭއްވުމަށް އަމުރުކޮށްފައިވެ އެވެ. ނަމަވެސް އެ ޕާޓީއިން ގައުމީ ޖަލްސާއެއް ބޭއްވީ އޭގެ ދެ އަހަރެއްހާ ދުވަސް ފަހުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
އެ ގައުމީ ޖަލްސާގައި ޕީޕީއެމްގެ ރައީސް ކަމަށް ރައީސް ޔާމީން ވަނީ އިންތިހާބުކޮށްފަ އެވެ. އަދި ނައިބު ރައީސުންގެ ގޮތުގައި ވެސް ހަތަރު ބޭފުޅަކު އިންތިހާބުކޮށް ކައުންސިލް ވެސް އަލުން އެކުލަވާލާފައިވެ އެވެ. ނަމަވެސް އެ ޖަލްސާގެ ނިންމުންތައް ބަލައިނުގަންނަ އިލެކްޝަން ކޮމިޝަނުން ވަނީ ނިންމި އެވެ. އިލެކްޝަން ކޮމިޝަންގެ އެ ނިންމުން ބާތިލް ކަމަށް ކަނޑައަޅަން ޕީޕީއެމްއިން ހައިކޯޓަށް މައްސަލަ ހުށަހެޅި އެވެ.
ހައިކޯޓުން ނިންމީ، ޕީޕީއެމްގެ ކޮންގްރެސް ބާއްވާފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބުނާ ބުނުމުގައި ހަގީގަތެއް ނެތް ކަމަށެވެ. އިލެކްޝަން ކޮމިޝަންގެ ނިންމުން ބާތިލްކުރުމަށްފަހު ކޮންގްރެސްގައި މަގާމުތަކަށް އިންތިހާބުކުރި ފަރާތްތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ދަފުތަރުގައި ހިމެނުމަށް ކޮމިޝަންގެ މައްޗަށް އަމުރުކުރި އެވެ.
މި މައްސަަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހަސަން އަލީ އާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ. ރިޔާސަތުގައި އިންނެވި ފަނޑިޔާރު ފައިސަލާއި ފަނޑިޔާރު ހަސަން އަލީގެ މަސްލަހަތު ފުށު އަރާ ކަމަށް ބުނެ އިލެކްޝަން ކޮމިޝަނުން ބެންޗް ބަދަލުކޮށް ދޭން ވެސް ހައިކޯޓުގައި އެދުނެވެ. ފަނޑިޔާރު ފައިސަލަކީ ކުރިން ރައީސް އަބްދުﷲ ޔާމީންގެ މެންބަރެއްގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގައި އިންނެވި ބޭފުޅާ އެވެ. ފަނޑިޔާރު ހަސަން އަލީ ފަނޑިޔާރު ކަމުގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން ސަރުކާރުގެ ބައެއް މަގާމުތައް ފުރުއްވާފައިވެ އެވެ. އާސަންދައިގެ އެމްޑީކަން ވެސް ކުރެއްވި އެވެ.