އެއް މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަގު އަރާ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ. އެތަކެތި އަތުލައިގެންފައިވަނީ ރާއްޖެއަށް އެތެރެ ކުރަން އުޅުމުގެ ތެރޭގަ އެވެ.
ކަސްޓަމްސްއިން މިއަދު މައުލޫމާތު ދިން ގޮތުގައި އިންޑިއާގެ ޓުޓިކޮރިންއިން ރާއްޖެއަށް ކަނޑުމަގުން އައި ކާގޯ އުޅަނދަކުން 2.12 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން ވަނީ އަތުލައިގެންފަ އެވެ. އެތަކެތި އަތުލައިގެންފައިވަނީ ފުލުހުންގެ އިސްނެންގެވުމާއެކު ކަސްޓަމްސްއާއި ފުލުހުން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގަ އެވެ.
އެ އުޅަނދު ބަލާފާސްކުރުމުގައި މުދާތަކުގެ ތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްފެނި، އިތުރަށް ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްއަށްވަނީ ޕޮޒިޓިވްވެފައިވާ ކަމަށާއި ތަކެތީގެ މަގުމަތީ އަގަކީ އެއް މިލިއަން ރުފިޔާކަމަށް އަންދާޒާކުރެވޭ ކަމަށް ކަސްޓަމްސްއިން ބުންޏެެވެ.
މި މައްސަލައިގައި ޝާމިލްވާ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގަށްޓަކައި ފުލުހުންނާ ހަވާލުކޮށްފަ ކަމަށް ވެސް ބުންޏެވެ.
ދެން މަސްތުވާތަކެތި އަތުލައިގެންފައިވަނީ ރާއްޖެއަށް އައި އުމުރުން 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަތުންނެވެ. އެއީ ވެސް އިއްޔެގެ ވަގުތެއްގަ އެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި ރާއްޖެއައި އެމީހާގެ އަމަލުތައް ހުރި ގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލާފާސްކުރުމުން އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައިހުރި ޕެކެޓްތަކެއްގައި 1936 އޮރެންޖު ކުލައިގެ ގުޅަތަކެއްވަނީ ފެނިފައިވާ ކަމަށާއި އެތަކެތި ތަހުލީލުކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓެމައިން (ޔާބާ)އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެތަކެތީގެ މަގުމަތީ އަގަކީ ދެ ލައްކަ ރުފިޔާކަމަށް އަންދާޒާކުރެވޭ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މި މައްސަލައިގައި ވެސް ޝާމިލްވާ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގުކުރުމަށްޓަކައި ފުލުހުންނާ ހަވާލުކޮށްފަ އެވެ.