އަވަސް ހުކުރު

ރައްޔިތުން އެދޭނަމަ، ނާޒިމް ރައީސް ކަމަށް ކުރިމަތިލައްވާނެ

ރައިސުލްޖުމްހޫރިއްޔާގެ މަގާމަކީ ކޮންމެ މީހަކަށް ވެސް ހައްގު މަގާމެއް ކަމަށާއި ރައްޔިތުންގެ ތާއީދު އޮތްނަމަ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ނާޒިމް، އެ މަގާމުގައި ވެސް ފާހަގަވެގެން ދިޔައީ ބޮޑެތި ބަދަލުތަކެއް ގެންނެވި މިނިސްޓަރެއްގެ ގޮތުގަ އެވެ. އެއާއެކު ނާޒިމް ވެރިކަމަށް ކުރިމަތިލައްވަފާނެ ކަމުގެ އަޑުތައް އޭރުވެސް ފެތުރުނެވެ.

މިހާރު ނާޒިމް ވަނީ އޭނާ ފްރޭމް ކުރި ޖަލު ހުކުމުން ސަލާމަތްވެ ވަޑައިގެން އަލުން ސިޔާސީ ހަޔާތް ފައްޓަވާފަ އެވެ. ނާޒިމްގެ މިސްރާބު މިހާރު ހުންނެވީ ރައްޔިތުންގެ މަޖިލީހަށެވެ. ނަމަވެސް، އޭނާގެ ޝައުގުވެރިކަން އަދިވެސް ވެރިކަމަށް އެބައޮތެވެ.

"ވަކި ބަޔަކަށް ލިޔުއްވާފަ އޮންނަ ކަމެއް ނޫން ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ ކަމަކީ، ކޮންމެ ދިވެހި ރައްޔިތަކަށް، އަޅުގަނޑަށް ވެސް ތިޔަބޭފުޅާއަށް ވެސް އަދި އެހެން ބޭފުޅަކަށް ވިޔަސް ކޮންމެ މީހަކަށް ވެސް އޮތް ހައްގެއް، ވަކި މީހަކަށް، ވަކި އާއިލާއަކަށް، ވަކި ނަސަބަކަށް އޮތް ކަމެއް ނޫން،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މަސައްކަތެއް ކުރަންވާނީ އުއްމީދެއް ނޫނީ ހުވަފެނެއް އޮވެގެނެވެ. ވިޔަފާރިއެއް ކުރިޔަސް އެންމެ މައްޗަށް ދިޔުމަށް ވިސްނާ ފަދައިން ސިޔާސީ މައިދާނުގައި ވެސް ވިސްނާނީ އެންމެ މައްޗަށް ދިޔުމަށް ކަމަށެވެ.

"އަޅުގަނޑު މި ދަނީ ސިޔާސީ ގޮތުން އެންމެ މައްޗަށް ދެވޭތޯ، ވަރަށް ސާފު ވާހަކައެއް މިބުނީ، ކޮންމެ މީހަކު ވެސް މަސައްކަތް ކުރާނީ އެގޮތަށް، އެހެންވީމަ އެމީހަކު ކުރާ މަސައްކަތުގައި މާތްﷲ އެމީހަކަށް ކާމިޔާބު ދެއްވާނެ،" ނާޒިމް ވިދާޅުވި އެވެ.

ނަމަވެސް ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވުމަށް މިވަގުތު އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭނާގެ ސިޔާސީ ހަޔާތުގައި އަދި ވަރަށް ދުވަސް އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުން ބަލައިގަންނަން ޖެހޭ ދެއްތޯ އެމީހެއް، ރައްޔިތުން ބަލައިގަތީމަ އަޅުގަނޑު ގަބޫލު ކުރަނީ އެކަން އައިސް އެ ޖެހުނީ ކަމަށް، އޭރަށް ރައްޔިތުން ވޯޓު ލާނީ، ރައްޔިތުންނަށް ގަބޫލު ކުރެވެން ޖެހޭނެ އެމީހަކީ މިވަގުތު ތިމަންނަމެން ގޮވައިގެން އުޅެވޭނެ މީހެއް ކަމަށް،" ނާޒިމް ވިދާޅުވި އެވެ. "އެ ލެވެލަށް ދެވުނީމަ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވިއްޖެނަމަ އަޅުގަނޑު ވެރިކަމަށް ކުރިމަތިލާނަން، ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް އިހްސާސް ކުރެވެން ޖެހޭނީ،"