ވިޔަފާރި

ޔޫރަޕުގެ ބޮޑެތި ކްލަބްތައް ރާއްޖެ ގެނެވޭތޯ ބަލަން މިނިސްޓަރު ދުބާއީއަށް

ޔޫރަޕުގެ ބޮޑެތި ކްލަބްތައް ރާއްޖެ ގެނެވޭނެ ގޮތެއް ބަލައި އެކަމަށް މަޝްވަރާ ކުރުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަންނަ މަހު ދުބާއީއަށް ވަޑައިގަންނަވަން ނިންމައިފި އެވެ.

ރާއްޖެއަށް ސްޕޯޓް ޓޫރިޒަމް ތައާރަފު ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ދާދި ފަހުން ވަނީ ރިޔާލް މެޑްރިޑަށް ކުޅެފައިވާ ސްޕޭންގެ މަޝްހޫރު ކުޅުންތެރިޔާ ސަލްގާޑޯއާއެކު މަޝްވަރާ ކޮށްފަ އެވެ. އަދި މި މަޝްވަރާތައް ފިޔަވަހި ތަކަށް ބަހާލައިގެން ކުރިއަށް ގެންގޮސް ރާއްޖެއަށް ސްޕޯޓް ޓޫރިޒަމްގެ ހަރަކާތްތަކެއް ހިންގަން އޮތީ ނިންމާފަ އެވެ. މީގެ ތެރޭގައި ޔޫރަޕުގެ މަޝްހޫރު ކްލަބްތަކެއް ގެނައުން ހިމެނެ އެވެ.

މިނިސްޓަރު އަލީ ވިދާޅުވެފައިވާ ގޮތުގައި އަހަރަކު އެއް ކްލަބް ރާއްޖެ ގެނެވޭތޯ ބެލުން އެއީ އަޒުމެއް ކަމަށެވެ. އަދި ޔޫރަޕުގެ ޓީމުތަކުގައި ރާއްޖޭގެ އިޝްތިހާރު ޖެހުމަކީ ކުރަން ބޭނުންވާ ކަމެއް ކަމަށް އަލީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވިދާޅުވީ ސްޕޯޓް ޓޫރިޒަމް ރާއްޖޭގައި ތައާރަފު ކުރަން ބަލާއިރު، އެންމެ ބޮޑު އެއް ދައްޗަކީ ރާއްޖޭގައި އެކަށީގެންވާ ފެސިލިޓީ ނެތުން ކަމަށެވެ. އެހެންވެ، ދުނިޔޭގެ މަޝްހޫރު ޓީމުތައް ރާއްޖެ ގެނެސް ޕްރެކްޓިސް ކޮށްލެވޭ ގޮތަށް ގިނަ ވަސީލަތްތައް ހިމެނޭ ރަށެއް ހެދުމުގެ ވިސްނުން ސަރުކާރުގައި އެބަހުރި ކަމަށެވެ. އަދި މި މަސައްކަތް ކުރާނީ ސަރުކާރުގެ މެނިފެސްޓޯގައިވާ ގޮތުގެ މަތިން ކަމަށް މިނިސްޓަރު އަލީ ވިދާޅުވި އެވެ.

"ރާއްޖޭގައި ފެސިލިޓީ ނެތީ. ނަމަވެސް ބައެއް ތަންތަން އެބަހުރި. ދެން ޖެހޭނީ އެތަނާ ގުޅިފައިވާ ތަންތަނުގައި ފެސިލިޓީ ގާއިމް ކުރަން. އެހެންވެ ސްޕޯޓްސް އައިލެންޑް މަޝްރޫއެއް ގެނަން ބޭނުންވޭ. މިހާރުވެސް މި އޮތީ ސޯޝަލް ސެންޓަރު،" އަލީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި މަޝްވަރާތަކުގެ ދެވަނަ ބައެއްގެ ގޮތުން މި ދުބާއީގައި އޮންނަ 13 އަހަރުން ދަށުގެ އިންޓަކޮންޓިނެންޓަލް މުބާރާތް ހިންގާ ދުބާއީއަށް އަންނަ މަހު ވަޑައިގަންނަވާނެ ކަމަށެވެ.

މި މުބާރާތަކީ ދުނިޔޭގެ މަޝްހޫރު ކްލަބްތައް ކަމަށްވާ ރިޔާލް މެޑްރިޑް އާއި މެންޗެސްޓާ ޔުނައިޓެޑް ފަދަ ކްލަބްތަކުގެ ވައިޑީޕީ ކުޅުންތެރިން ކުޅޭ މުބާރާތެވެ. މިއީ މި މުބާރާތް ބާއްވާތާ ތިން ވަނަ އަހަރެވެ.

"ރައީސްގެ ވައުދެއް އެބައޮތް ދަނޑުތައް ފުރާލާނެ ކަމަށް. އެހެންވެ ޓޫރިޒަމްއިން މަސައްކަތް ކުރާނަން ބޮޑެތި ކްލަބްތައް ރާއްޖެ ގެންނަން،" އަލީ ވިދާޅުވި އެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ދުނިޔޭގެ މަޝްހޫރު ކުޅުންތެރިން އާދެ އެވެ. ނަމަވެސް އަދި މިހާތަނަށް ޔޫރަޕުގެ މަޝްހޫރު ކްލަބެއް އެއްކޮށް އައިސް ރާއްޖޭގައި ހަރަކާތްތެރިވެފައެއް ނުވެ އެވެ. މިހާތަނަށް ރާއްޖެ އައިސްފައިވާ ޔޫރަޕުގެ އެންމެ ބޮޑު ޓީމަކީ ބުންޑަސްލީގާގެ ހާތާ ބާލިން އެވެ.