ލައިފްސްޓައިލް

އެއްޗެއް އަހާލަންތަ؟ ތީ ޝޮޕްއަހޯލިކެއްތަ؟

ފިހާރައަކުން ދަބަހެއް، ފައިވާނެއް ހެދުމެއް ފެނި ރީތިވެއްޖެ ނަމަ އެދާ ގޮތަށް ގޮސް ވަގުތުން ގައްނަން ހެއްޔެވެ؟ ނޫނީ ފަހަށް ގަންނަން ބަހައްޓަނީ ހެއްޔެވެ؟ އޯކޭ، ދަބަހާއި ފައިވާނުގެ ވާހަކަ ބާއްވަމާ ހިނގާށެވެ. އެންމެ ފަހުން ނިކުންނަ އައިފޯނާއި ސްމާޓް ޓީވީ އާއި ލެޕްޓޮޕް ވެސް ހަމަ ނުގަނެ ދޫކޮށްލަނީ ހެއްޔެވެ؟ އެކަނި ބަލައިލަނީ ފޮޓޯ ހެއްޔެވެ؟ ނޫނީ ލުއި ލޯނެއް ވިޔަސް ނަގައިގެންވެސް މި ތަކެތި ހަމަކުރަނީ ހެއްޔެވެ؟ މިހެން މި އެހީ މާގިނައިން އެއްޗެހި ގަތުމަކީ ބައެއް މީހުންގެ ދިރިއުޅުމުގައި އޮންނަ އާދައަކަށްވާތީ އެވެ.

ކޮމްޕަލްސިވްކޮށް ގަތުމަކީ މީހާގެ އަމިއްލަ މާލީ ތަނަވަސްކަމާއި ނުބައްދަލު ވަރަކަށާއި ބޭނުން ނުވާ މިންވަރަކަށް އެއްޗެހި ގަތުމެވެ. މިގޮތަށް ދިމާވާ އެއް ސަބަބަކީ ވިޔަފާރި ކުރާގޮތް އެތައް ގުނައަކަށް ފަސޭހަވެގެންގޮސްފައި ވުމެވެ. އޮންލައިން ކްލިކަކުންވެސް ބޭނުން އެއްޗެއް ގަނެވޭ ޒަމާނަށް ބަދަލުވެގެން ދިއުމެވެ.

މިއީ އެއްޗެއް ގަންނަން ނަގުދު ފައިސާ ބޭނުންވާ ޒަމާނެއް ނޫނެވެ. ދިވެހިންނަކީވެސް އެމޭޒަން އާއި އީބޭ އަދި އަލީ އެކްސްޕްރެސް ފަދަ ކޮންމެ ތަނެއްގައިވެސް އެކައުންޓެއް އޮވެ ކޮންމެވެސް އެއް ވިޔަފާރީގެ މުއާމަލާތެއް ހިންގާފައިވާ ބަޔަކަށް މިއޮތީ ވެފައެވެ.

އެހެންވެ ވިޔަފާރި ކުރުމަށް މިހާ ބޮޑު ފަސޭހަތަކެއްވެފައި އޮތް މި ޒަމާނުގައި ބޭނުންވާ ވަރަށްވުރެ އިތުރުރަށް ގަތުމަށް ސަމާލުވާންވީ އެވެ. އަދި ޒަމާނީ މާކެޓިން އުކުޅުތަކުގެ ސަބަބުން ކޮންމެ އެއްޗަކީވެސް ހަމަ ކޮންމެހެންވެސް ބޭނުންވާ، ދެން ހަމަ ނުގަނެ ނުވާނެ އެއްޗަކަށް މި އޮންނަނީ ހަދާފަ އެވެ. އެންމެ ކުޑަމިނުން ސްކޫލަށްދާ ކުއްޖަކަށް ބަލާލާއިރު ސުކޫލް ފޮތް ދަބަހަށް ލަންޗް ބޮކްސް ލެވޭއިރު ހަމަ ލަންޗް ބޭގެއް ވަކިން އޮތުން މުހިއްމު ހެއްޔެވެ؟

ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި އޯވަ ޝޮޕިން ދަނީ އިތުރުވެގެންނެވެ. މުޖުތަމައުގައި މިއޮތީ މާއްދީކަންކަމަށް ގޮސް ހުސްވެފައެވެ. އަދި ބޭނުންވާ ވަރަށްވުރެ އިތުރު ނުގަނުމަށްޓަކައި ބަޖެޓެއް ހަދާ ގަންނަން ބޭނުންވާ އެއްޗެހި ދުރާލައި ވިސްނައި ޕްލޭންކޮށްގެން ހޯދުމުން މާ ހިތްހަމަޖެހުން ލިބޭނެ އެވެ.

ޝޮޕިންއަކީ އެޑިކްޝަނަކަށް ވެސް ވެދާނެ!

ބައެއް މީހުން އެއްޗެހި ގަންނަނީ ނަފްސާނީ ކޮންމެވެސް މައްސަލައެއްގެ ސަބަބުން އެމީހާގެ ސެލްފް އެސްޓީމް ރަނގަޅު ކުރުމަށެވެ. އަނެއް ބައިމީހުން ހަމަ ދުނިޔެވީ އެދުންތައް ބޮޑީ އެވެ. އެއްޗެހި ގަތުމަކީ ބައެއް މީހުން ކުރާ ބޭކާރު ކަމެއް ކަމުގައި ވިޔަސް ބައެއް މީހުން އެއްޗިސް ގަތުމުގައި ހައްދުން ނެއްޓި ސީރިއަސް އެޑިކްޝަނަކަށް ވެސް އެކަން ވެގެން ދެއެވެ.

ދިރިއުޅުމުގައި ދިމާވާ މައްސަލައަކާއި ކުރިމަތިވާ ހިތްނުތަނަވަސްވާ ކަހަލަ ކަންކަމާއި ކުރިމަތިލުމުގެ ބަދަލުގައި ކޮންމެވެސް ވިޔަފާރިއެއް ކޮށްލައިގެން ހިތްހަމަޖައްސާލައި ރީޓެއިލް ތެރަޕީން އުފާ ހޯދާލުމަކީ އެޑިކްޝަނަކަށް މަގުފަހިކުރާ ކަމެއްކަމުގައި ވެދާނެއެވެ.

ބޭނުންނުވާ އެއްޗެއްސާއި މާލީ ތަނަވަސްކަން ނެތް މިންވަރަކަށް ބާޒަރުކޮށް ގަންނަ ކަމުގައިވާނަމަ ބޮޑެތި މައްސަލަތަކަކާއި ކުރިމަލާން ޖެހިދާނެ އެވެ. މިގޮތުން ކްރެޑިޓް ކާޑު ވިޔަފާރީގެ ސަބަބުން ދަރަނިވެރިވުމާއި، ވަޒީފާގެ މާހައުލުގައި މައްސަލަތައް ދިމާވުމާއި އަދި ޑިޕްރެޝަނާއި އެންޒައިޓީ އާއި ކުރިމަތިލާންޖެހެ އެވެ.

ބައެއް މީހުން ހޭދަކުރާ މިންވަރު ފޮރުވުމުގެ ގޮތުން ދަރަނި އަދި ގަންނަތަކެތި ފޮރުވަ އެވެ. މީގެ ސަބަބުން ތެދުވެރިވުމާއި އިތުބާރު ގެއްލެން މެދުވެރިވެއެވެ. އަދި ދަރަނިވެރިވުމުގެ ސަބަބުންނާއި ދެންވާނެ ގޮތެއް ނޭނގި މީހާ ބޮޑު ހާސްކަމަކަށް ވައްޓާލަ އެވެ. އާއިލާ ރޫޅުމާއި ޒުވާބު ކުރުމާއި މައްސަލަތައް ޖެހުން އިތުރު ވެއެވެ.

އެއްޗެހި ގަތުން އިންތިހާއަށް ގޮސްފިނަމަ، މިކަމަށް ނަފްސާނީ ގޮތުން އެހީތެރިކަން ހޯދިދާނެ އެވެ. އެކަނިވެރިކަމާއި މާޔޫސްކަން ފިލުވައިލުމަށް ޝޮޕިން ކުރުމާއި ކަމެއް ފާހަގަކުރުމަށް ޝޮޕިން ކުރުމުގެ ބަދަލުގައި މިފަދަ ކަންކަމާއި ކުރިމަތިލުމަށް އެހެންގޮތެއް ހޯދުމަކީ އެޑިކްޝަނާއި ދުރުވެވިދާނެ ގޮތެކެވެ.