ހަބަރު

ލަތީފުގެ އިސްލާހުން ޖޮއިންޓްޕީޖީއަށް ބުރޫއަރާފާނެ ކަމުގެ އިންޒާރެއް އެމްޑީޕީން ދީފި

ކުރީގެ ރައީސުންނަށް އަމާޒުކޮށް، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބުދުލްލަތީފު މުހަައްމަދު މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދަވާފައިނުވާތީ އެކަމުގެ ސަބަބުން ގުޅިފައިވާ ޕާޓީތަކުގެ ޖޮއިންޓްޕާލިމަންޓްރީ ގުރޫޕަށް ބުރޫ އަރާފާނެ ކަމުގެ އިންޒާރެއް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ދީފި އެވެ.

ލަތީފުގެ އިސްލާހު އަނބުރާ ގެންދަވާފައިނުވާތީ އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިނުލެއްވޭނޭގޮތް ހެއްދެވުމަށްޓަކައި ޖުމްހޫރީ ޕާރޓީއަށް ނިސްބަތްވެވަޑައިގަންނަވާ ދިއްދޫ ދާއިރާގެ މެމްބަރ ޢަބްދުލްލަތީފު މުހައްމަދު، ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް މަޖިލީހަށް އިސްލާހެއް ހުށަހަޅާ، އަދި އެ އިސްލާހު އަނބުރާ ނަންގަވާފައި ނުވާތީ، އެމްޑީޕީގެ ޕާރލަމެންޓްރީ ގްރޫޕުން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރާކަމަށެވެ.

އެމްޑީޕީ ޕީޖީގގެ ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ޝަރުތުތައް ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، އެ ޝަރުތުތަކުން ބޭރުން އިތުރު ޝަރުތުތައް ކަނޑައެޅުމަށް ހުށަހަޅާ ހުށަހެޅުމަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު ހުށަހެޅުމެއްކަމަށާއި، އަދި އެއީ ޖޮއިންޓް ޕާރލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު މަސައްކަތްކުރުމަށް އޮންނަ އެންމެހާ އުސޫލުތަކާ ވެސް ހިލާފު އަމަލެއް ކަމަށެވެ.

ލަތީފުގެ ހުށަހެޅުމުގެ ބޭނުމަކީ އެ ޕާރޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާނޭކަން އިއުލާނުކުރައްވައި ކޭމްޕޭންކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް އަމާޒުކޮށް ފުރައްސާރަކުރެއްވުން ކަމަށާއި، ނިމިދިއަ ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް އެ މެމްބަރާމެދު ހިންގެވި އަމަލުތަކެއްގެ ޝިކާރައަކަށްވުމަށް ފަހު، ހިންދެމިލެއްވުމާއެކު އެހެން މީހުންގެ ސިޔާސީ ހައްގުތަކަށް އަރައިގަތުމަކީ މައްސަލައެއް ނޫންކަމަށް ދެކެވަޑައިގަންނަވާތީ ލަތީފު ހިންގެވި ދަށުދަރަޖައިގެ ފިނޑި އަމަލެއްކަމަށް ވެސް އެމްޑީޕީގެ ޕީޖީއިން ވަނީ ބުނެފަ އެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެ ޕާރޓީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، ގާނޫނުއަސާސީއާ ހިލާފަށް ހުށަހަޅާފައިވާ އެ އިސްލާހު އަނބުރާ ނެގުމަށް ގޮވާލާ، ޖުމްހޫރީ ޕާރޓީގެ ލީޑަރޝިޕުން އެކަމުގައި އިސް ދައުރެއް އަދާކުރައްވާ، އެކަން ކަށަވަރުކޮށްދިނުމަށް ގޮވާލާ ކަމަށެވެ. އަދި މިފަދަ ޢަމަލުތަކުގެ ސަބަބުން ޖޮއިންޓް ޕާރލަމެންޓްރީ ގްރޫޕްގެ ގުޅުމަށް އަރައިފާނޭ ބުރުލަކާ މެދު ވިސްނާވަޑައިގަތުމަށާއި މަސްލަޙަތު ނުގެއްލޭނޭގޮތަށް ޢަމަލުކުރެއްވުމަށް ވެސް އިލްތިމާސްކުރާކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.