ހަބަރު

މެންބަރު ރުކުމާ އާއި ދީދީއަށް ވެސް ޓިކެޓް ނުލިބުނު

އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް ދެ މެންބަރަކަށް ޕްރައިމަރީގައި ނާކާމިޔާބުވެ، އަންނަ މަޖިލީހަށް ވަޑައިގެންނެވުމަށް އޮތް ދޮރު ބަންދުވެއްޖެ އެވެ.

މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި ނާކާމިޔާބުވެފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް، ރުކުމާއަށާއި ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއާ، ރިޓަޔާޑް އިބްރާހިމް ދީދީއަށެވެ.

ހެންވޭރު ދެކުނު ދާއިރާގެ ޓިކެޓް ކާމިޔާބުކޮށްފައިވަނީ ހުސެއިން ޝަހީމް، އަނދުން ހުސެއިން އެވެ. ހިތަދޫ މެދު ދާއިރާގެ ޓިކެޓް ކާމިޔާބުކޮށްފައިވަނީ ޕީޕީއެމްގައި އުޅުއްވުމަށްފަހު އެމްޑީޕީއަށް ސޮއިކުރެއްވި ވިޔަފާރިވެރިޔާ ހިޔަލީ މުހައްމަދު ރަޝީދުގެ ކޮއްކޮ އަހުމަދު ރަޝީދެވެ.

އެ ދެ މެންބަރުންގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަށް ވެސް ޓިކެޓް ނުލިބުނެވެ. އޭނާއާ ވާދަކޮށް އެ ދާއިރާގެ ޓިކެޓް ކާމިޔާބުކޮށްފައިވަނީ ހުސައިން ޒިޔާދު، ފިއްޓޭ އެވެ.

ތިން މެންބަރުންނަށް އިންތިހާބުގައި ނާކާމިޔާބުވީއިރު މިހާރު މަޖިލީހުގައި ތިއްބަވާ، ޕްރައިމަރީގައި ވާދަ ކުރެއްވި އެހެން ގިނަ މެންބަރުންނަށް ޓިކެޓް ވަނީ ކަށަވަރުވެފަ އެވެ.

އެގޮތުން އައްޑޫ މީދޫ ދާއިރާގެ ޓިކެޓް ރޮޒައިނާ އާދަމް ކަށަވަރު ކުރައްވާފައިވާއިރު މާފަންނު ހުޅަނގު ދާއިރާގެ ޓިކެޓް މިހާރު ވެސް އެ ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވަނީ ކާމިޔާބު ކުރައްވާފަ އެވެ. ހިތަދޫ އުތުރު ދާއިރާގެ ޓިކެޓް މިހާރު ވެސް އެ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު މުހައްމަދު އަސްލަމް ވެސް ވަނީ ކާމިޔާބު ކުރައްވާފަ އެވެ.

މީގެއިތުރުން ޕްރައިމަރީއަކާ ނުލާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު، ބިގޭ ވަނީ ޓިކެޓް ހޯއްދަވާފަ އެވެ.