ވިޔަފާރި

ރާއްޖޭގެ ޓޫރިޒަމަށް އާ ޕްރޮޑަކްޓްތަކެއް ތައާރަފު ކުރަނީ

ރާއްޖޭގެ ޓޫރިޒަމްގައި މިހާރު އިޝްތިހާރު ކުރާ ބާވަތްތައް ނޫން، "އާ ޕްރޮޑަކްޓްތަކެއް" ތައާރަފު ކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ޓޫރިޒަމްގެ އާ ބާވަތްތައް ތައާރަފު ކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ފަށާފަ އެވެ.

މިނިސްޓްރީން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި މިނިސްޓަރު އަލީ ވަހީދު ވިދާވީ "ޑައިވާސް ޓޫރިޒަމް ސެކްޝަން" އެއްގެ އިތުރުން ގެސްޓްހައުސް ވިޔަފާރިއަށް ހާއްސަ "އައިލެންޑް ޓޫރިޒަމް ސެކްޝަން" އެއް އުފެއްދުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.

"މެނިފެސްޓޯގައި ހިމެނިފައިވާނެ ސްޕޯޓްސް އާއި ޓޫރިޒަމް އަދި މެޑިކަލް އާއި އެޑްވެންޗާ ޓޫރިޒަމްގެ އިތުރުން ތަފާތު އެކި ބާވަތްތަކުގެ ޓޫރިޒަމް ގެންނަން. އެހެންވެ ޑައިވާސް ޓޫރިޒަމް ސެކްޝަނެއް މި އުފައްދަނީ ޓެކްނިކަލް މީހުންނާއެކު. ނަގާނެ ވަގުތަކީ ފިނޭންސުން އެޕްރޫވް ވެގެން ސިވިލް ސާވިސްގެ ތެރެއިން ނަގާނެ ވަގުތެއް،" އަލީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ރާއްޖެއަށް ސްޕޯޓް ޓޫރިޒަމް ތައާރަފު ކުރުމުގެ ގޮތުން ރާއްޖެއަށް ކޮންމެ އަހަރަކު ބޭރުގެ އެއް ކްލަބް ގެނެވޭނެ ގޮތެއް ހަދަން ވެސް މަސައްކަތް ފަށާފަ އެވެ.

ޓޫރިޒަމްގެ އާ ޕްރޮޑަކްޓްތަކެއް އުފައްދަން، "ޑައިވާސް ޓޫރިޒަމް" ސެކްޝަނެއް އުފެއްދިއިރު، ރާއްޖޭގައި މިހާތަނަށް މައިގަނޑު ގޮތެއްގައި އިޝްތިހާރު ކުރަނީ "ސަން" އާއި "ސޭންޑް" އަދި "ސީ" ގެ މައިގަނޑު ތީމުގެ ދަށުން ރާއްޖޭގެ ގޮނޑުދޮށްތަކާއި މޫދު އަޑި އެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި ސަގާފީ ޓޫރިޒަމް އާއި ކުޅިވަރު ޓޫރިޒަމް ފަދަ ގިނަ ދާއިރާތައް އިޝްތިހާރު ކުރެ އެވެ.