ރިސޯޓު ހަދަން، ރަށް ދޫކުރުން މެދުކަނޑާލާފައި ބޭއްވުމަށްފަހު، ޖުލައި މަހުން ފެށިގެން އާ ރަށްތަކެއް ބިޑަށް ހުޅުވާލަން ސަރުކާރުން ތައްޔާރު ވެއްޖެ އެވެ.
މި ސަރުކާރު އައިސް ވަނީ ރިސޯޓް ހަދަން ރަށްތައް ކުއްޔަށް ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ. އެއީ ރަށްތައް ދޫކޮށްފައިވާ ގޮތް ބަލައި، ދިރާސާއެއް ހެދުމަށެވެ. ސަރުކާރުން ބުނީ ކުރީގެ ސަރުކާރުން ރަށް ދޫކުރީ ދެމެހެއްޓެނިވި ޕްލޭނެއްގެ ދަށުން ނޫން ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރަށް ދޫކުރުން މެދުކަނޑާލާފައި އޮތުމަށްފަހު، އަލުން ރަށް ދޫކުރަން ފަށަނީ ދިރާސާ ކުރުމަށްފަހުގައި ކަމަށެވެ.
"މިހާރު އަޅުގަނޑުމެންގެ މެނިފެސްޓޯ އާއި ރާއްޖޭގެ ޓޫރިޒަމް ދިރާސާކޮށް ގާތްގަނޑަކަށް ނިންމާލެވިއްޖެ. އެހެންވެ އޯޕަން ބިޑިން އަށް ރަށްތައް ނެރެވޭނެ ކަމަށް މި ބެލެނީ ޖުލައި މަހުގެ ކުރިން. މިކަން ކުރަނީ ކަމާބެހޭ މިނިސްޓްރީތަކާ ސްޓޭކް ހޯލްޑަރުންނާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު،" އަލީ ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މި ފަހަރު ރަށްތަށް ބިޑަށް ހުޅުވާލާނީ ރިސޯޓު ނެތް ސަރަހައްދުތަކަށް އިސްކަން ދީގެން، ރައްޔިތުންނާއި ކައުންސިލް ތަކުން ހޯދި ހިޔާލުގެ މައްޗަށް ބަލައިގެން ކަމަށެވެ.
"މާލެ ޒޯން މި ވަނީ ފްލަޑްވެފައި، ކަރަންޓު ޑިވްލޮޕްމަންޓް އަތުވެއްޖެނަމަ 10،000 ބެޑުގެ އަދަދު އަރާނެ. އަޅުގަނޑުމެންގެ އެބައޮތް ސެންޓްރަލް ޒޯނަށް 2،000 ބެޑްގެ ވައުދެއް. މި ވަރަށް ދޫކޮށްލިއްޔާ ހުރި ފަޅުތަކާއި ބެޑް ތަކާއެކު 10،000 ބެޑަށް އިތުރުވޭ އެބަ. މި ކަމަށް އެޑްރެސް ކުރާނެ އިކޮނޮމިކް ކައުންސިލްގައި. އަޅުގަނޑުމެން ބޭނުންވަނީ ސަސްޓޭނަބަލް ޓޫރިޒަމަށް ދާން،" އަލީ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ސޯލިހުގެ ވިސްނުން ފުޅު ވެސް ހުރީ ޓޫރިޒަމް ނުގޮސްހުރި ހިސާބުތަކަށް ޓޫރިޒަމް ފުޅާ ކުރުމަށް ކަމަށެވެ.
"ތިމަފުންމަތި [ލ. އަތޮޅު] އެއީ ހުރިހާ ސަރުކާރަކުން ވަރަށް ބޮޑަށް އިހުމާލުވެފައި އޮތް ހިސާބެއް. އަދި އައްޑޫ، ފުވައްމުލަށް ހުވަދޫ. އަދި ތ. އަތޮޅު،" އަލީ ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި މިހާރު 140 ރިސޯޓު ދަނީ ހިންގަމުންނެވެ. އަދި ޓޫރިޒަމާ ގުޅުންހުރި 132 މަޝްރޫއެއް މިހާރު ކުރިއަށްދާއިރު، ތެރޭގައި 140 އަށްވުރެ ގިނަ ރަށް ދަނީ ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރަމުންނެވެ. އަދި މީގެ ތެރެއިން 54 ރަށެއްގެ މަސައްކަތް އެކި ސަބަބުތަކާ ހުރެ ވަނީ ހުއްޓިފަ އެވެ.