ވިޔަފާރި

ރެކޯޑަކާއެކު މިދިޔަ މަހު ޓޫރިޒަމަށް 36 ޕަސެންޓުގެ ކުރިއެރުމެއް

ރާއްޖޭގެ ޓޫރިޒަމްގެ ވޭތުވެ ދިޔަ 13 އަހަރުގެ ރެކޯޑަކާއެކު، މިދިޔަ މަހު ރާއްޖޭގެ ޓޫރިޒަމަށް 36.3 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިދިޔަ އެޕްރީލް މަހު ރާއްޖެ އަށް ޓޫރިސްޓުން އައި އަދަދު ބޮޑުތަން އިތުރުވެފައިވާ ކަމަށާ، މިއީ ސުނާމީއަށް ފަހު އެންމެ ބޮޑު ކުރިއެރުން ލިބުނު މަސް ކަމަށެވެ.

"މިއީ މި ސާސްކަފްގައި ވެސް އެންމެ ބޮޑު ކުރިއެރުން ލިބުނު މަސް. މި ކުރިއެރުން ލިބިފައި މި ވަނީ މުޅި އިންޑަސްޓްރީ އާއި ސަރުކާރުން ގުޅިގެން ކުރި މަސައްކަތުން. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމާއެކު ރާއްޖެއަށް އައި ހަމަޖެހުމުގެ ނަތީޖާ،" އަލީ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމަށްފަހު، ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް 190،713 މީހުން ވަނީ އައިސްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އެޕްރީލް މަހު އައިސްފައިވަނީ 163،000 މީހުންނެވެ. އަދި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 646،092 މީހުން ވަނީ އައިސްފަ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 539،816 މީހުންނާ އަޅާ ބަލާއިރު 19.7 ޕަސެންޓުގެ ކުރިއެރުމެކެވެ.

ރާއްޖެ އަށް ޓޫރިސްޓުން އަންނަ ވަކިވަކި ގައުމުތަކަށް ބަލާއިރު ޗައިނާ މީހުންގެ އަދަދު ވަނީ ހަތް ޕަސެންޓް އިތުރުވެފަ އެވެ.އެ ގައުމުން މި އަހަރުގެ މިހާތަނަށް 95،272 މީހުން ވަނީ އައިސްފަ އެވެ. އަދި އިޓަލީވިލާތުން އައި މީހުންގެ އަދަދު 36 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. އަދި ޖަރުމަނީއިން އައި މީހުންގެ އަދަދު 8.5 ޕަސެންޓް އަދި އިނގިރޭސިވިލާތާއި އިންޑިއާއުން އައި މީހުންގެ އަދަދު ވެސް ވަނީ 7.6 ޕަސެންޓް އިތުރުވެފަ އެވެ.