މާލޭގެ ކޮންމެ ދުވާރަކުން މަގަށް ފަސޭހައިން ނިކުމެވޭ ގޮތަށް ހެދި ރޭމްޕުގައި ވެސް ސައިކަލު ޕާކު ކުރާތީ، ދެވަނަ ފަހަރަށް ޑިޒައިން ބަދަލުކޮށްގެން ހެދި ރޭމްޕުގައި ވެސް ޕާކު ކުރަން ފަށައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ދުވާރުތައް ކައިރީ ބަހައްޓާފައި ހުރި ޕެލެޓުތައް ނެގުމަށް ފަހު ރޭމްޕުތައް ހަރު ކުރަން ފެށީ ސައިކަލު ޕާކު ކުރާނެ ޖާގައެއް ނުދީ މަގުތަކުގައި ހުސް ޕެލެޓު ޖަހާފައިވުމާ ގުޅިގެން އެކަމުގެ ޝަކުވާ ކުރާތީ އެވެ. ޕެލެޓުތައް ނެގުމަށް ފަހު ސޮނީ ހާޑްވެއާ ކުރިމަތީގައި ނަމޫނާ ރޭމްޕް ސިޓީ ކައުންސިިލުން ހެދި އެވެ. ނަމަވެސް އެ ރޭމްޕު މަތީ ސައިކަލު ޕާކު ކުރާތީ އަލުން ޑިޒައިން ބަދަލުކޮށް އާ ރޭމްޕެއް ހެދި އެވެ.
ނަމަވެސް މާލެ ސިޓީ ކައުންސިލް މެންބަރު ޝަމާއު ޝަަރީފް ވަނީ އާ ރޭމްޕު މަތީގައި ވެސް ސައިކަލެއް ޕާކުކޮށްފައިވާ ފޮޓޮއެއް ޓްވީޓުކޮށްފަ އެވެ. ޝަމާއު ވިދާޅުވީ ކަމެއް ރަނގަޅު ކުރަން ބަޔަކު މަސައްކަތް ކުރާއިރު އަނެއްބައި މީހުންގެ އަމަލު އެ ދަރަޖައަށް ހުރުމަކީ ދެރަ ކަމެއް ކަމަށެވެ.
ޝަމާއުގެ ޓްވީޓާއެކު ގިނަ ބަޔަކު ވަނީ ރޭމްޕު މަތީގައި ޕާކު ކުރުމުން ބޮޑު ޖޫރިމަނާއެއް ކުރާ ގޮތަށް ގަވައިދެއް ހަދަން އެދިފަ އެވެ. އާ ފަރުމާއަށް މިހާރު މަޖީދީ މަގުގައި ވަނީ ރޭމްޕެއް ހަދާފަ އެވެ.