ދުނިޔެ

ޑްރަގް ނަގާ މީހުން މެރުމުގެ ސިޔާސަތަށް ސިރިސޭނާގެ ތާއީދު

Jan 19, 2019
2

ޑްރަގް ބޭނުން ކުރާ މީހުންނާއި އޭގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދީގެން މައްސަލަ ހައްލު ކުރަން ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ގެންގުޅުއްވާ ހަރުކަށި ސިޔާސަތަކީ އެ މައްސލަ ހައްލު ކުރަން އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވެ އެ ސިޔާސަތަށް ސްރީލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނަ ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަފުޅު ދައްކަވައިފި އެވެ.

ޑްޓާޓެ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ޑްރަގްގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ސިފައިންނަށް ބޮޑެތި ބާރުތަކެއް ދީ ޑްރަގް ބޭނުން ކޮށްގެން މަގުމަތީ އުޅޭ މީހުންނާއި، އޭގެ ވިޔަފާރި ކުރާ ކަމަށް ޝައްކު ކުރެވޭ މީހުން ވަގުތުން މަރާލުމުގެ ބާރު އެ ގައުމުގެ ސިފައިންނަށް ދިނެވެ. ހަތިޔާރު އެޅި ސިފައިން ނެރެގެން ހިންގާ އެ އޮޕަރޭޝަންތަކުގައި ކުށެއް ނެތް އެތައް އާންމުންނެއް މަރުވެފައިވާ ކަމަށް ބުނެ، ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުން އެ ގައުމަށް އަމާޒުވެފައިވެ އެވެ.

ނަމަވެސް، ސްރީލަންކާގެ ރައީސް ސިރިސޭނާ މިހަފްތާ ފިލިޕީންސަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ޑުޓާޓެއާއެކު މީޑިއާތަކަށް ދެއްވި ރަސްމީ ސްޓޭޓްމަންޓްގައި ވިދާޅުވީ ޑްރަގްގެ މައްސަލަ ހައްލު ކުރަން ޑުޓާޓެ ގެންގުޅުއްވާ ސިޔާސަތަކީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ނަމޫނާއަކަށް ބަލަން ޖެހޭ ސިޔާސަތެއް ކަމަށާއި އެ ސިޔާސަތަށް އޭނާ ފުރިހަމަޔަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި ސްރީލަންކާއިން ވެސް އެ ސިޔާސަތު ނަމޫނާއަކަށް ނަގައި އެގޮތަށް އަމަލު ކުރާނެ ކަމަށް ވިދާޅުވި އެވެ.

"ސްރީލަންކާއަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާއަކީ ޑްރަގްގެ މައްސަލަ. އެކަމުން ސަލާމަތްވާން ސްރީލަންކާއިން ވެސް މަނިކުފާނުގެ [ޑްޑޭޓްގެ] ސިޔާސަތަށް އަމަލު ކުރަން ޖެހޭ ކަމަށް ދެކެން،" ސިރިސޭނަ ވިދާޅުވި އެވެ.

ޑުޓާޓެ ވެސް އެމަނިކުފާނުގެ ސްޓޭޓްމަންޓްގައި ވިދާޅުވީ، ޑްރަގާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ސްރީލަންކާގެ ވިސްނުން އޭނާއާ ވަރަށް އެއްގޮތް ކަމަށާއި ޑްރަގާ ދެކޮޅު ހަނގުރާމަ ކާމިޔާބު ކުރަން ދެ ގައުމު ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

ޑުޓާޓެގެ މި ހަރުކަށި ސިޔާސަތުން ހިތްވަރު ލިބިގެން، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ސިރިސޭނަ ވަނީ، ޑްރަގް އެތެރެ ކުރުމުގެ މައްސަލައެއްގައި ހިމެނޭ ދެ މީހަކަށް މަރުގެ އަދަބު ތަންފީޒު ކުރުމަށް އަމުރު ކުރައްވައިފަ އެވެ. އޭރުވެސް ސިރިސޭނަ ވިދާޅުވީ، ފިލިޕީންސްގެ ރައީސް ގެންގުޅުއްވާ ހަރުކަށި ސިޔާސަތު ކާމިޔާބު ކަމަށާއި ސިފައިން މެދުވެރިކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން ޑްރަގްގެ މައްސަލަ ހައްލު ކުރަން ސްރީލަންކާއިން ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ޑްރަގާ ދެކޮޅަށް ޑުޓާޓެ ހިންގަވާ، ލޭއޮހޮރުވުން ބޮޑު އޮޕަރޭޝަންގައި، ކުށެއް ނެތް 20،000 އާ އެއްހާ މީހުން މަރުވެފައިވާ ކަމަށް ބައިނަލްއަގުވާމީ ޖަމާއަތްތަކުން ބުނެ އެވެ. އަދި އެ މައްސަލަ ދަހޭގްގައި ހުންނަ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ކޯޓަށް ވެސް ހުށަހަޅާފައިވެ އެވެ. އެ ހުރިހާ ފާޑުކިޔުންތަކާ އެކުވެސް ޑުޓާޓެ ވިދާޅުވަނީ ޑްރަގާ ދެކޮޅަށް އޭނާ ގެންގުޅޭ ހަރުކަށި ސިޔާސަތު ވަރަށް ކާމިޔާބު ކަމަށެވެ. އަދި ޑްރަގްގެ ވިޔަފާރީގައި ހިމެނޭ މީހުން އެންމެ ގިނައިން މަރާ ސިފައިންގެ އޮފިސަރުންގެ އަގު ވަޒަންކޮށް ޕްރޮމޯޝަން ދެއްވުމަށް ވެސް އޭނާ ވަނީ ނިންމަވައިފަ އެވެ.

ޑުޓާޓެ އަކީ ކޮރަޕްޝަނާ ދެކޮޅަށް ވެސް ހަރުކަށި ފިޔަވަޅު އަޅުއްވާ ބޭފުޅެކެވެ. އެގޮތުން ކޮރަޕްޝަންގެ ތެރެއިން ހޯދާފައިވާ މުދާ ސަރުކާރަށް ނަގައި އެތަކެތި ވަގުތުން ހަލާކުކޮށްލުމަށް ސިފައިންގެ މައްޗަށް އޭނާ ވަނީ އަމުރެއް ނެރުއްވާފަ އެވެ. އެ އޮޕަރޭޝަންތަކުގެ ތެރެއިން އަތުލައިގަތް ގިނަ އަދަދެއްގެ އަގު ބޮޑެތި ކާރުތަކުގެ މައްޗަށް ބުލްޑޯޒަރު އަރުވައި އެ ކާރުތައް ވަނީ އާންމުންނާއި އޭގެ ވެރިންގެ ކުރިމަތީގައި ހަލާކުކޮށް ފުނޑުފުނޑުކޮށްލައިފަ އެވެ.