މި ރަށުގެ އެއް ފަރާތުގައި އެ އޮތީ މަޝްހޫރު "ކަނިމެންދޫ ރާޅު" ޕޮއިންޓެވެ. އެއީ ގާތްގަނޑަކަށް މި ރަށުގެ "ގޮނޑު" ދޮށެވެ. އެހާވެސް ކައިރި އެވެ. މިއީ ދުނިޔޭގެ މަޝްހޫރު ރާޅާ އެޅުންތެރިންގެ "ސުވަރުގެ" އެވެ. އެ ރާޅުތަކުގައި ބީއްސަން ދުނިޔޭގެ އެތަށް މިތަކުން ކޮންމެ އަހަރަކު ވެސް އެތައް ލައްކަ ބަޔަކު އާދެ އެވެ. އަދި މި ރަށަށް މަތިންދާ ބޯޓު ޖައްސާތާ ފަސް އަހަރުވީ އެވެ. އަދި މި ރަށަކީ ރާއްޖޭގެ އެހެން ގިނަ ރަށްރަށަށް ނުލިބި އޮތް "ނަސީބެއް" ގެ ވެރި ރަށެވެ. މި ރަށުގައި މީރު ފެން ލިބޭ ފެނުގެ ނިޒާމާއި ނަޖިސް ހިންދުމަށް ބިމުގެ އަޑީގައި ނަރުދަމާގެ ފުރިހަމަ ނިޒާމެއް ސަރުކާރުން ގާއިމްކޮށްދީފައިވެ އެވެ. އެހެންވެ، މި ރަށަށް އަރާ މީހާ ތާޒާ ފެނުން ފެންވަރާލުމުގެ ފުރުސަތު ލިބޭނެ އެވެ. މިއީ މަޝްހޫރު ތިމަރަފުއްޓެވެ.
މިރަށުއި އަރައި ފައިބަން ރަނގަޅު ފެންވަރުގެ ރީތި ބަނދަރެއް ވެސް އެބައޮތެވެ. މި ރަށުގެ ތެރޭގައި ހިނގާލަން ދިޔަ ގަޑިއެއްހާއިރު ތެރޭގައި އެ ބަނދަރު މައްޗަށް ވެސް ދެވިއްޖެ އެވެ. ބަނދަރުމަތީ ދެ ފުރާޅަށް ހިޔާކޮށްފައިވާ ކުޑަ ހޮޅު އައްޓެއްގައި މެދު އުމުރުގެ ދެ މީހަކު ތިއްބެވެ. އެ މީހުންގެ މޫނުމަތިން އަރާފައިބަމުން ދިޔަ ކުލަވަރުން ރަށުގެ ހާލަތުގެ ކޮންމެވެސް ވަރެއްގެ ތަސްވީރެއް ކުރަހައި ލެވޭވަރު ވެއެވެ. ފެނުނީ ނުތަނަވަސް ކަމެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟ މި ރަށުގެ ބައެއް މީހުންނާ ސުވާލު ކުރީމެވެ. އެ މީހުންގެ ބަހަކީ "މި ރަށުގައި އެއް ކަމެއް ވެސް ނެތެ" ވެ.
"ރަށުގެ އެއާޕޯޓަށް ހަ އަހަރު މިއޮއް ފުރެނީ. އެކަމަކު ހަމައެކަނި އޮތީ އެއާޕޯޓެއް އެކަނި. މި ރަށުގައި އެއް ކަމެއް ވެސް ނެތް. އަހަރެމެންގެ މަސައްކަތަކީ ހަމަ މަހަށް ދިއުން. އެކަން މިކުރަނީ،" ތ. އަތޮޅުގެ މެދުތެރޭގައި އޮންނަ ތިމަރަފުށީ، ބަނދަރު މަތީގައި ހުރެ މިރަށު އަހަންމަދުބޭ ރަށާބެހޭ ގޮތުން ދެވެން އޮތް މައުލޫމާތެއް ދިނެވެ. އޭނާގެ ވާހަކައަކީ ވެސް "މިރަށުގައި އެއްވެސް ކަމެއް ނެތޭ" އެވެ.
ވައިގެ މަގުން ދަތުރުކޮށްލުމުގެ ނަސީބު ތިމަރަފުށީ ރައްޔިތުންނަށް ލިބުނީ 2012 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ރަށުގެ ބޮޑުމިނުގެ "އަދި އެއް ތިމަރަފުށި" ހިއްކައިގެން އެމްޓީސީސީ އިން ހެދި 30 މިލިއަން ރުފިޔާގެ އެއާޕޯޓާއެކު އެވެ. އެއާޕޯޓު ހުޅުއްވައި ދެއްވީ 2013 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެމަނިކުފާނެވެ. އެ ދުވަހުން ފެށިގެން މި ރަށުގެ އިގްތިސޯދަށް ކޮންމެ ވެސް ވަރެއްގެ ދިރުމެއް ލިބިގެން ދިޔަ އެވެ. އަދޮ ރަށުގެ އެކަހެރިކަން ފިލައިގެން ދާނެ ކަމަށް އުންމީދު ކުރެވުނެވެ. އެކަމަކު އެއާޕޯޓަށް ފަސް އަހަރު ފުރި ހަ އަހަރަށްދާއިރު ވެސް ރަށު ތެރެއިން އެކަމެއް ނުފެނުނެވެ.
އުމްރާނީ ވަސީލަތް ފުރިހަމަ ރަށެއް
ތިމަރަފުށީގެ ރައްވެހިކަމުގެ އާބާދީ އުޅެނީ 3200 މީހުންނެވެ. ބާކީ ތިބި މީހުން ފެން އޮތް ތަނަށް މަސްދާ އުސޫލުން މާލެ އަށް ހިޖުރަކުރީ އެވެ.
މި ރަށުގެ އިގްތިސޯދުގެ މައިނާރަކީ މަސްވެރިކަމެވެ. މި މަސައްކަތުގައި ހަތަރު ދޯނި އޮވެ އެވެ. މީގެތެރޭގައި ބޮޑު ކަންނެލީގެ ދެ ދޯންޏާއި ކަނޑު މަހުގެ މަސްވެރިކަމުގެ ދެ ދޯނި ވެސް ހިމެނެ އެވެ. އެހެން އުޅަނދު ފަހަރު ހާއްސަ ވަނީ މާލެ ދަތުރު ކުރާ މުދާ އުފުލާ "ނާލު ބޯޓު" ފަހަރުގެ ގޮތުގަ އެވެ. ދެން ހުރީ ފަރު މަހަށް ދާ ކުދި އޮޑި ފަހަރެވެ. އަދި ރަނގަޅު ފެންވަރުގެ ސްކޫލަކާއި 24 ގަޑިއިރު "ކަރަންޓު ޔަގީން" އިންޖީނުގެ އެއް ވެސް ހުރެ އެވެ. އެހެންވެ، މި ރަށަކީ ރާއްޖޭގެ ފެންވަރުން އުމްރާނީ ވަސީލަތް ރަނގަޅު ރަށެއްގެ ގޮތުގައި ބެލެވިދާނެ އެވެ.
މި ހުރިހާކަމެއް ފުދިފައި އޮތް ނަމަވެސް މި ރަށުގެ އިގްތިސޯދު އޮތީ "މަރު" ވެފަ އެވެ. މި ރަށުގެ މީހުން ދެކޭ ގޮތުގައި އެއާޕޯޓާއި ގުޅިގެން އަންނަންޖެހޭ ހިދުމަތްތައް ސަރުކާރުން ފުރިހަމަ ކޮށްނުދީ އޮތުމަކީ ތިމަރަފުށި "މަރުވެފައި" އޮތް ސަބަބެވެ.
އެއާޕޯޓު އަޅައިދިން ނަމަވެސް އެއާޕޯޓުން ރަށު ތެރެއަށް އަރާ މަގު އޮތީ ނުހަދަ އެވެ. ރަށުގެ މަގުތައް ވެސް އޮތީ ނުހަދަ އެވެ. މިދިޔަ ހަފުތާގައި އެ ރަށަށް ރޭގަނޑު ފްލައިޓު އުދުއްސަން ފެށި ނަމަވެސް، އެއާޕޯޓަށްދާ މަގު އޮތީ ކަނު އަނދިރީގަ އެވެ. އެއާޕޯޓަށް ދާ މަގު އޮތީ ވިނަ ފަޅައި ތޮނަދަނޑެއް ހެދިފަ އެވެ. ހިއްކި ބިން ކަނޑު އަކިރިން ފުރިފަ އެވެ. އެއާޕޯޓް މަގު އޮތީ ހަދާފަ އެވެ. އެކަމަކު މި މަގެކޭ "އޮއްވަޅު ގޮނޑި" އެކޭ ތަފާތެއް ނެތޭ ބުނުން މިއީ ގޯހަކަށް ވެގެން ނުވާނެ އެވެ. މި މަގުން ރޭގަނޑު ދުއްވާނަމަ ކަނު ބަނދެގެން ދުއްވުން ވެސް ރަނގަޅުވާނެއޭ ހިތަށް އަރަ އެވެ. މި ރަށު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ މި އެވެ. މި ޝަކުވާ ރައްޔިތުން ކުރަމުން ދަނިކޮށް ދެ ވެރިކަން ނިމިއްޖެ އެވެ.
ކައިރީ ރިސޯޓެއް ނެތް: ދެރައެއް!
ތިމަރަފުށީގައި ޓޫރިޒަމް ފައްކާ ކުރުމުގައި އޮތް އަނެއް ހުރަހަކީ މި ރަށް ކައިރީގައި ޓޫރިޒަމް ނެތުމެވެ. މިރަށް ކައިރީގައި އޮތީ ހަމައެކަނި މާލެ ފުއްޓެވެ. އެހެންވެ އެއާޕޯޓަށް އަންނަ ޓޫރިސްޓުންގެ އަދަދު މަދުވެ އެވެ. މޯލްޑިވިއަން އިން މިހާރު ހޯމަ އާއި ބުދަ ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހަފުތާއަކު ފަސް ފްލައިޓު އަޅަ އެވެ. ނަމަވެސް މި ފްލައިޓު ތަކުން ވެސް ޓޫރިސްޓުން މި ރަށު އެއާޕޯޓަކަށް ނާދެ އެވެ.
ކުރިން އެއާޕޯޓަށް ޓޫރިސްޓުން ފޭބި ނަމަވެސް މާލެ ފުއްޓަށް ސީޕްލޭންގައި ޓޫރިސްޓުން އުފުލަން ފެށި ހިސާބުން މިހާރު އެ އޮޕަރޭޝަން އެއް މި ރަށަކަށް ނެތެވެ. އެހެންވެ، އައިލެންޑް ޓޫރިޒަމް އަށް ރާއްޖެ ފައްކާވަމުން ދިޔަ ނަމަވެސް މިރަށް އޮތީ މިކަމުގެ މާފަހަތުގަ އެވެ. ރަށުގައި ހުޅަނދު ފަރާތު ގޮނޑުގައި އޮތީ އެންމެ މަގުބޫލު އެއް ރާޅު ޕޮއިންޓެވެ. އެކަމަކު މި ރަށަށް ޓޫރިސްޓުން ގެންނަން މި ރަށުގައި ގެސްޓްހައުސް ވިޔަފާރި އަދި ފައްކާ ކުރެވިފައެއް ނުވެ އެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟
މި ރަށުގައި ކުލީ ކޮޓަރިދޭ ގެތައް ހުރި ނަމަވެސް ގެސްޓްހައުސްގެ ގޮތުގައި ހުރީ އެންމެ ތަނެވެ. ކުލީ ކޮޓަރީގެ ގޮތުގައި މިހާތަނަށް ގެސްޓުން ގެނެސްފައި ވަނީ ވެސް ދެ ތަނަކަށެވެ. އެއީ "ބިނާ ގެސްޓް ހައުސް " އާއި މިދިޔަ މަހު ހުޅުވި "ފިނި މަސް ރެސިޑެންސް" ގެސްޓް ހައުސް އެވެ.
ހަ ކޮޓަރީގެ ފިނި މަސް ރެސިޑެންސް ހިންގާ، މި ރަށު ޓީޗަރެއް ކަމަށްވާ އަހުމަދު އަބްދުﷲ ވިދާޅުވި ގޮތުގައި ގެސްޓުން ގެނައުމުގައި މި ރަށުގައި އޮތް އެންމެ ބޮޑު ހުރަހަކީ ޓިކެޓުގެ އަގު ބޮޑުވުމެވެ.
"މިހާރު ޓޫރިސްޓުން ދެކޮޅަށް އެބަ ދައްކަން ޖެހޭ 200 ޑޮލަރު [ގާތްގަނޑަކަށް 3،000ރ] ވަރު. އެހެންވެ، ބުކިން ނުލިބެނީ. މިއީ އެންމެ ބޮޑު ދައްޗަކީ،" އަބްދުﷲ ވިދާޅުވި އެވެ.
ތިމަރަފުއްޓަށް މިއީ އައިލެންޑް ޓޫރިޒަމް ފުޅާ ކުރަން ހުރަހެއްގެ ގޮތުގައި ބެލެވުނު ގޮތަށް މި މައްސަލަ މުޅި ރާއްޖޭގައި ވެސް ބޮޑެވެ. އެކަމަކު ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކޮންމެ ވެސް ވަރަކަށް ޓޫރިޒަމް އޮތީ އުފެދިފަ އެވެ. މިރަށުގައި ތަފާތަކީ ޓޫރިސްޓުން އެއްވެސް ވަރަކަށް ނުގެނެވުމެވެ. އަދި މިރަށް ކައިރީގައި އޮންނަ ބައެއް ރަށްރަށް ވެސް ދަނީ ޓޫރިޒަމަށް ފައްކާ ވަމުންނެވެ. ސުވާލަކީ ތިމަރަފުށީގައި ޓޫރިޒަމް އިގްތިސާދުގެ ބަދައަކަށް ނުހެދެނީ ކީއްވެގެން ބާ އެވެ؟
ޓޫރިޒަމް ދާއިރާގެ މާހިރުންގެ ނަޒަރުގައި ރަށު ޓޫރިޒަމް ފައްކާ ކުރުމުގައި ރަށް ޕްރޮމޯޓް ކުރުން މުހިންމު ރޯލެއް އަދާކުރެ އެވެ. ހާއްސަކޮށް "ރަށް ވިއްކަން" ކުރާ މަސައްކަތް މިއީ އެންމެ މުހިންމު އެއް ސަބަބެވެ. މިސާލަކީ މާފުއްޓެވެ. އަދި ދުރުންނަމަ އުކުޅަސް ނެގިދާނެ އެވެ. މި ދެ ރަށް ވިއްކަން ރަށުގެ ރައްޔިތުން ކުރި މަސައްކަތް ތަކުން ވަކި ޑެސްޓިނޭޝަންއެއްގެ ގޮތުގައި ދުނިޔެ އަށް މި ދެރަށް ވަނީ މަގުބޫލުވެފަ އެވެ.
ޓިކެޓުގެ މައްސަލާގައި އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެހެންވެ ފުރަތަމަ ދިވެހިންނަށް ޓިކެޓުގެ އަގު މިވަނީ ހެޔޮ ކޮށްފަ އެވެ. ގާތްގަނޑަކަށް 25 ޕަސެންޓުގެ ހެޔޮވުމެއް ދަތުރުކުރާ ދިވެހިންނަށް މިހާރު އިހުސާސް ކުރެވެއެވެ. ނަމަވެސް ރަށު ޓޫރިޒަމަށް ވެސް މިއަގު ގެނެސްދޭނެ ކަމަށް މި ވިޔަފާރިވެރިން އުންމީދު ކުރެ އެވެ.
މި ރަށުގެ ފިނިމަސް ގެސްޓްހައުސްއިން ވާހަކަ ދެއްކެވި އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި ޓޫރިސްޓުންނަށް ހާއްސަ އަގެއް ދީފިނަމަ މި ރަށުގައި ވެސް ޓޫރިޒަމް ތަރައްގީ ވެގެންދާނެ އެވެ.
"އަޅުގަނޑުމެން އުންމީދުކުރަން ޓޫރިސްޓުންނަށް ވެސް ޓިކެޓުގެ އަގު ހެޔޮވާނެ ކަމަށް. މިހާރު ޓިކެޓު މި ލިބެނީ ލޯކަލް ޓިކެޓުގެ ދެ ޓިކެޓު ނަގާ އަގުގައި،" އޭނާ ވިދާޅުވި އެވެ.
އެކަމަކު، މުސްތަގުބަލް އުޖާލާ
ފިނިމަސް ރެސިޑެންސް ގެސްޓްހައުސް ހުޅުވި އަބްދުﷲ ވިދާޅުވި ގޮތުގައި މި ވިޔަފާރިއަކީ ތިމަރަފުށީގައި ކުރިއެރުވިދާނެ ވިޔަފާރިއެކެވެ.
"އަންނަ މަހަށް ޔޫރަޕުގެ ގިނަ ބުކިތަކެއް އެބަހުރި ލިބިފައި. އެހެންވެ ބެލެވެނީ ރަނގަޅު ވާނެ ކަމަށް. ގިނައިން ބުކިން މި އަންނަނީ ވެސް ރާޅު މީހުން. މި ސަރަހައްދު މަޝްހޫރު ވެފައި އޮންނަނީ ވެސް އެގޮތަށް،" އަބްދުﷲ ވިދާޅުވި އެވެ.
މޯލްޑިވިއަން އިން ރޭގަނޑު ފްލައިޓު ޖައްސަން ފަށަން، ތިމަރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވި ގޮތުގައު މި ފެށުނު ހިދުމަތާއެކު މި ރަށުގެ ވިޔަފާރިއަށް ދިރުން ލިބިގެންދާނެ އެވެ.
ތިމަރަފުށިން މިހާރު ފަޅުކަން ފެނުނުނަމަވެސް މުސްތަގުބަލް އުޖާލާ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެ އެވެ. ސަބަބަކީ މޯލްޑިވިއަން އިން ރޭގަނޑު ފްލައިޓުތައް ފެށުމެވެ. މި ދަތުރުތަކާއެކު މިރަށުގައި އާ މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށް އުންމީދު ކުރެވެނީ އެހެންވެ އެވެ.