މުސާރައިގެ ގޮތުގައި މަހަކު 17،000 އެއްހާ ރުފިޔާ ލިބޭ ފިރިއަކު އޭނާގެ އަނބިމީހާއަށް އެނިވާސަރީ ހަދިޔާއަކަށް ގަނެދިނީ 4،000 ޑޮލަރުގެ "ގުޗީ ބްރޭންޑް" ދަބަހެކެވެ. ޖެހިގެން އައި ހަފުތާ، އަނބިމީހާ ސަޕްރައިޒް ކޮށްލަން ޖައްސާލީ، ގްރީސްގެ ސެންޓޯރިނީއަށް އަގު ބޮޑު ޗުއްޓީ ދަތުރަކަށެވެ. މި ދެ މަފިރިންނަށް ލިބޭ މުސާރައިން 15،000 ރުފިޔާ ދިރިއުޅޭ އެޕާޓްމަންޓުގެ ކުއްޔަށް ދައްކަ އެވެ. އަދި ދެން ހުރި ހަރަދުތައް ކޮށް، ކޮފީ ބޮއިފައި ދެން ރައްކާ ކުރާނެ އެއްޗެއް މަސް ނިމޭއިރު ފިރިމީހާ ވޮލެޓްގައި ގިނަ ފަހަރަށް ނޯވެ އެވެ. އަނބިމީހާއަށް ވެސް 12،000 ރުފިޔާ ލިބުނަސް ބޭންކުން ނަގާފައި އޮންނަ ލުއިލޯނާއި ސައިކަލް އިންސްޓޯލް މަންޓާއި ފޯނުބިލާއި ގޭތެރޭގެ ކެއިންބުއިމުގެ ހަރަދުތައް ބަލަހައްޓާފައި ރައްކާކުރަން އޮންނަނީ 2،000 އަކަށް ރުފިޔާ އެވެ. އާމްދަނީ ލިބޭނެ އިތުރު މަގެއް ނެތް މި ދެމަފިރިންގެ ދިރިއުޅުމުގެ ހާލަތު މިހެން ހުރި އިރު، 4000 ޑޮލަރުގެ ގުޗީ ދަބަހާއި 100،000 ރުފިޔާ ހަރަދުކޮށް ޔޫރޯ ޓްއާތައް އަޅާލެވޭ ވަރުގެ މުއްސަނދިކަމެއް ފިރިމީހާ ހޯދީ ކިހިނެއް ހެއްޔެވެ؟ އެ އަގުބޮޑު ދިރިއުޅުން ފިރިމީހާ ހޯދި ގޮތެއް އަނބިމީހާ ވެސް އޮޅުމެއް ނުފިލުވަ އެވެ. އެންމެ ކުޑަމިނުން ސުވާލެއް ވެސް ނުކުރެ އެވެ. މާގިނަ ދުވަހެއް، ނުވެ ފިރިމީހާ ވަޒީފާގައި އުޅެމުން އައި އޮފީހުގައި ފެންމަތިވި ބޮޑު ހިޔާނާތުގެ ތުހުމަތުގައި ފިރިމީހާ ވަޒީފާއިން ސަސްޕެންޑް ކުރި އެވެ.
މިފަހުން ގައުމީ ބޭންކް، ބީއެމްއެލްގެ ތެރެއިން ފަޅާއެރި 4.2 މިލިއަން ރުފިޔާގެ ހިޔާނާތުގެ ވާހަކަ އެ ބޭންކްގެ މުވައްޒަފުން ކިޔައިދޭ ގޮތަކީ ވެސްމި އެވެ. ބައެއް މުވައްޒަފުން ކިޔައިދޭ ގޮތުން އެ ހިޔާނާތް ހިންގި ކަމަށް ތުހުމަތުކުރާ ބޭންކްގައި ވަޒީފާ އަދާކުރަމުން އައި ދެމަފިރިންގެ ހަޔާތަށް ވޭތުވެ ދިޔަ އަހަރެއްހާ ދުވަހު އައީ ހައިރާންވާ ވަރުގެ ކުއްލި މުއްސަނދި ކަމެކެވެ. އެ މީހުންގެ ޕޮޝް ދިރިއުޅުން ސޯޝަލް މީޑިއާއަށް ނެރެ ސޭލް އެޅުވުމުން އޭރު އެ ވާހަކަ ތުންތުން މަތިން ބޭންކް ތެރޭގައި ދެއްކި އެވެ. އެކަމަކު އެއީ ބޭންކްގެ ފައިސާ ނަގައިގެން ހޯދައި މުއްސަނދިކަމެއްކަން އެއްވެސް މީހަކަށް އޭރު ލަފާކޮށްލަން ވެސް ނޭނގުނެވެ. އެކަން އެއްވެސް ބައެއްގެ އެލާޓަކަށް އޭރު އަރާގޮތެއް ނުވި އެވެ.
"އެންމެންވެސް ހަމަ ހިތަށް އަރަނީ މިވެނި ކުއްޖަކު މި އުޅެނީ ހާދަ މުއްސަނދިކޮށްނޭ. އެކަމަކު އެކަންތައް ބަލަމުންދާކަމެއް ފާހަގަނުކުރެވޭ. މި މައްސަލާގައި މިހާތަނަށް ސަސްޕެންޑްކޮށްފައިވާ ސްޓާފުންގެ ފަރާތުންވެސް މިކަހަލަ ކަންތައް ފެނިފައިވޭ،" ބީއެމްއެލްގެ މުވައްޒަފަކު ބުންޏެވެ. އެންމެންގެ އެލާޓަށް އެ ދެމަފިރިންގެ މުއްސަނދިކަން އަޔަސް އެކަމާ މެދު މާބޮޑު ސީރިއަސް ކަމެއް ނުދެވުނެވެ. ނަތީޖާއަކަށްވީ ހާހުން ފެށުނު ވައްކަން، ލައްކައަށް ބަދަލުވެ، އެންމެ ފަހުން ފަޅާއެރިއިރު 4.2 މިލިއަނެއްހާ ރުފިޔާއަށް އަރައިގެން ދިޔުމެވެ.
ލިބޭ އާމްދަނީއާ ނުބައްދަލު މުއްސަނދިކަން ރާއްޖޭގައި އާންމުވިލެއް ބޮޑުކަމުން އެފަދަ މައްސަލަތައް ސީރިއަސްކޮށް ނަގާ ބަޔަކު ނެތެވެ. ދުވަހަކު ވަޒީފާއަކަށް ނުގޮސް ހުންނަ ޒުވާނާގެ ދިރިއުޅުން ކުއްލިއަކަށް ތަނަވަސްވެ، ދުނިޔޭގެ ކޮންމެ އުފަލަކަށް ވެސް އަތްފޯރުވޭ މީހަކަށްވެ އެވެ. ކުންފުންޏެއްގެ އިސް މަގާމަކާ ހަވާލުވާތާ، މަދު ދުވަސްކޮޅެއްގެ ތެރޭ ބޭންކް އެކައުންޓަށް މިލިއަނުން ރުފިޔާ ޖަމާވެ، ގެސްޓްހައުސްތަކާއި ކެފޭތައް އަދި ކަންމަތީ ފިހާރަ ހުޅުވައި ބޮޑު ސޭޓަކަށް ބަދަލުވެ އެވެ. މަޖިލިސް މެންބަރު ކަމަށް އަންނައިރު އަތުގައި ލޯ ލާރިއެއް ނެތި ދަރާފައި ހުންނަ ބޭފުޅާ ދައުރު ނިންމާލަނީ، މާލެއިން ދެތިން ގޯއްޗާއި ބޭރު ގައުމުތަކުން އަގު ބޮޑެތި އެޕާޓްމަންޓްތައް ގަނެގެން އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ ރާއްޖޭގައި ހިނގާ 90 ޕަސެންޓް ހިޔާނާތްތަކާ ކޮންމެވެސް ހިސާބަކުން ނުހައްގު މުއްސަނދިކަމާ ވަނީ ގުޅިފަ އެވެ. ތަޖުރިބާގެ މައްޗަށް ބަރޯސާވެ، މުއައްވިޒު ވިދާޅުވީ ނުހައްގު މުއައްސަނދިކަން ނޫނީ އެކަށީގެންވާ ސަބަބެއް ނެތި ކުއްލިއަކަށް މީހުން މުއްސަނދިވާ މައްސަލަތައް ތަހުގީގު ނުކުރެވޭހާ ހިނދަކު ކޮރަޕްޝަނާއި ހިޔާނާތް ހުއްޓުވަން މަސައްކަތް ކާމިޔާބުވުމަކީ ވާނެ ކަމެއް ނޫނެވެ. މުއައްވިޒުގެ ނަޒަރުގައި، ކުއްލި މުއްސަނދިކަން އެއީ ޖިނާއީ ކުށަކަށް ކޮންމެހެން ވެސް ހަނދަން ޖެހެ އެވެ.
"ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ވެސް މިހާރު ނުހައްގު މުއްސަނދިކަން އެއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ. ގާތްގަނޑަކަށް 40 އަކަށް ގައުމުގައި ވަރަށް ކްލެއާކޮށް ލިޔެފައި އޮވޭ ގާނޫނުތަކުގައި އެއީ ޖިނާއީ ކުށެއް ކަމަށް. ނުހައްގު މުއްސަނދިކަން އެކަށީގެންވާ ގޮތުގައި ތަހުގީގު ކުރެވޭނީ އެއީ ނުހައްގު މުއްސަނދިކަމަކީ ޖިނާއީ ކުށަކަށް ހަދައިގެން،" މުއައްވިޒު ވިދާޅުވި އެވެ.
ގައުމީ ބޭންކްގެ ތެރޭގައި މިފަހުން ފެންމަތިވި ހިޔާނާތުގެ މައްސަލަ ގަނޑުގައިވެސް އެންމެ ފުރަތަމަ ފާހަގަވީ، އެކަމުގައި އުޅުނު މުވައްޒަފުގެ ދިރިއުޅުމަށް އައި ކުއްލި މުއްސަނދިކަމެވެ. އެކަމަށް އެކަށީގެންވާ ވަރަށް ފާރަވެރި ނުވެވުނު ނަމަވެސް، ބޭންކްގެ މުވައްޒަފުންގެ މުދަލާއި ފައިސާގެ ތަފްސީލްތައް ޑެކްލެއާ ކުރަން ޖެހޭ އުސޫލުތައް ބޭންކްގައި އޮވެ އެވެ. އަދި ފައިސާ އާއި މުދާ ހޯދި ގޮތުގައި ޝައްކު ހިނގާނަމަ، އެ ކަންކަން ބެލޭނެ އުސޫލުތައް ވެސް އޮވެ އެވެ. އެކަމަކު، ރާއްޖޭގެ ހާލަތަކީ ކުއްލި މުއްސަނދިކަމެއް ފާހަގަވިޔަސް، ރަހުމަތްތެރިން ވެސް އަދި އާއިލާގެ މީހުން ވެސް އެކަމާ އަޅާލަން ބޭނުމެއް ނޫނެވެ. އަދި އެކަމާ ބެހޭ ގޮތުން ސުވާލުވެސް ކޮށްލަން ބޭނުމެއް ނުވެ އެވެ. އެންމެން ވެސް ބަލަނީ އެ މުއްސަނދިކަމުން ފައިދާއެއް ޖަހައިގަންނާށެވެ.
"ބައެއް ފަހަރު އެއީ އަޅާނުލެވޭ ކަމަކަށް ވެސް ވޭ. އެކަމަކު އާމްދަނީއާ ނުބައްދަލު މުއްސަނދިކަމަކީ އެއީ އަޅާނުލާ ދޫކޮށްލާވަރުގެ ކަމެއް ނޫން. މީހަކަށް ފައިސާ ލިބުނު ގޮތުގައި ޝައްކު އުޅޭ ނަމަ އެއީ ކިހިނެތް ހޯދި ފައިސާއެއްތޯ ނޫނީ މުދަލެއްތޯ ބުނެދޭން ޖެހޭ،" މުއައްވިޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑަށް ކޮރަޕްޝަނާއި ހިޔާނާތުގެ ކަންކަން ހިނގަނީ ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގަ އެވެ. އަދި އެފަދަ ހިޔާނާތްތަކުން ލިބޭ މަންފާތަކުން ކުންފުނިތަކުގެ ވެރިން މުއްސަނދިވާ ކަމުގެ ތުހުމަތު ބޮޑެވެ. މުއައްވިޒު ވިދާޅުވި ގޮތުގައި ކުއްލިއަކަށް ލިބޭ މުއްސަނދިކަމާ މެދު ސުވާލުކޮށް، އެފަދަ މުވައްޒަފުން ޖަވާބުދާރީ ކުރެވޭނެ އުސޫލުތަކެއް ކުންފުނިތަކަށް ކޮންމެހެން ވެސް މުހިންމެެވެ.
"ސިޔާސީ މީހުން އެކަންޏެއް ނޫން، ކުންފުނިތަކުގެ އެންމެ މަތިން ފެށިގެން ޑެސިޝަން މޭކިންލެވަލްގައި ތިބޭ ފަރާތްތަކުގެ މުދަލާއި އާމްދަނީގެ ތަފްސީލްތައް ހިމެނޭ ގޮތުން މާލީ ބަޔާންތައް އެބަ ޖެހޭ އެނުއަލީ ނަމަވެސް ލިބެން. މިއީ ނުހައްގު މުއްސަނދިކަން ހޯދުމަށް އޮންނާނެ ފަރުވާއެއް. އަދި އެފަދަ ކަންކަމުގެ ތުހުމަތުގައި ކުރެވޭ ތަހުގީގުތަކުގެ މައުލޫމާތު އާންމުންނަށް ތިލަކޮށް ދެ ފުއްފެންނަ ގޮތަކަށް އެކަން ކުރުމުގެ މުހިންމުކަން ބޮޑު. އާންމުން ކުރާ ތުހުމަތުތަކަށް ޖަވާބު ލިބެން ޖެހޭ،" މުއައްވިޒު ވިދާޅުވި އެވެ. "2012 ވަނަ އަހަރުން ފެށިގެން އަޅުގަނޑުމެން މަސައްކަތް އެބަ ކުރަން ނުހައްގު މުއްސަނދިކަން ޖިނާއީ ކުށަކަށް ހަދަން. އެކަމަކު އެކަމަށް ސީރިއަސް ކަމެއް ނުފެނޭ އިދާރާތަކުން ވެސް،"
ދައުލަތުގެ މުދަލަށް ހިޔާނާތްވެފައިވާ މީހުންނަށް ވެސް އުފަލާއި އަރާމުގައި ހިތްހަމަ ޖެހިލައިގެން ވެސް އުޅެވޭ އެންމެ ބޮޑު ސަބަބަކީ ކުއްލި އަކަށް ހޯދި މުއްސަނދިކަން އަނބުރާ ދައުލަތަށް ނެގޭނެ މަގުތައް ހަނިވުމެވެ. ހިޔާނާތާއި ކޮރަޕްޝަންގެ ތަހުގީގުތައްކޮށް މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވިޔަސް ހިޔާނާތުގެ ތެރެއިން ހޯދި ފައިސާ ނޫނީ މުދާ އަތުލުން އޮންނަނީ ގާތްގަނޑަކަށް ނުވާނެ ކަމެއްގެ ގޮތުގަ އެވެ.މުވައްޒަފުގެ އަމިއްލަ ބޭނުމަށް ނެގި ބީއެމްއެލްގެ 4.2 މިލިއަން ރުފިޔާގެ މައްސަލައިގައި އޭނާ އުމުރަށް ވެސް ޖަލަށް ލެވިދާނެ އެވެ. އެކަމަކު އެ ފައިސާ އަނބުރާ ހޯދޭނެ އެކަށީގެންވާ ގާނޫނީ އޮނިގަނޑެއް ނެތުން އެއީ ޔަގީނުން ވެސް ހުރަކަށް ވާނެ އެވެ. އެކަށީގެންވާ ސަބަބެއް ނެތި ކުއްލިއަކަށް މުއްސަނދިވުމާ ގުޅިފައި ވަނީ ހިޔާނާތާއި ވައްކަމާއި ފަސާދަ ނޫން ދެވަނަ ދެކަމެއް ނޫނެވެ. އެކަމަކު ކުއްލި މުއްސަނދިކަން އެއީ ރާއްޖޭގައި ހުއްދަވެފައި އޮންނަ ކަމަކަށް ވާ ނަމަ އެފަދަ މުއްސަނދިން އެމީހުންގެ ފައިސާގައި އުދުހުން ނޫން ކަމެއް ނުކުރާނެ އެވެ. ކަސްޓަމާއި އިމިގްރޭޝަން އަދި ފުލުހުންގެ ބައެއް އޮފިސަރުންނަށް އޮހޭ ހަދިޔާތަކުން ބޮޑެތި މުއްސަނދިނަށް އިސާހިތަކު އެމީހުން ބަދަލުވާކަން، އެއީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. އެކަމަކު އެކަން ހުއްޓުވަން އެޅުނީ ކޮން ފިޔަވަޅެއް ހެއްޔެވެ؟ މިހާރު ކުރަން އޮތް ސުވާލަކީ ކުއްލި މުއްސަނދިކަމަށް ފާރަވެރިވެ، އެކަން ހުއްޓުވާނީ އަދި ކިތައް ބިލިއަން ރުފިޔާގެ ހިޔާނާތާއި ކޮރަޕްޝަން ފަޅާއެރީމާ ހެއްޔެވެ؟