ދުނިޔެ

މޯދީއާ ދެކޮޅަށް ބައި މިލިއަނަށްވުރެ ގިނަ މީހުން ނުކުމެއްޖެ

Jan 20, 2019
2

ކަލްކަޓާ (ޖެނުއަރީ 19) - އަންނަ މެއި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބާއި ދިމާކޮށް އިދިކޮޅު ޕާޓީތައް އެއްވެގެން ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާއި ދެކޮޅަށް ބޭއްވި ބޮޑު މުޒާހަރާގައި ބައި މިލިއަން މީހުން ބައިވެރިކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ހޮނިހިރު ދުވަހު ކަލްކަޓާގައި "ޔުނައިޓް އިންޑިއާ" ގެ ނަމުގައި 20 ޕާޓީއެއް އެކުވެގެން ބޭއްވި އެއްވުމުގައި، މޯދީގެ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އާ ދެކޮޅަށް ވަނީ އަޑުއުފުލާފަ އެވެ.

އެ އެއްވުމާއި ގުޅިގެން، އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރަނީ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމަށްކަމަށް މޯދީ ވަނީ ވިދާޅުވެފަ އެވެ.

"އެ އިއްތިހާދު މަސައްކަތް ކުރަނީ އަހަރެންނާއި ދެކޮޅަކަށް ނޫން، އިންޑިއާ އާދެކޮޅަށް،" މޯދީ ވިދާޅުވި އެވެ.

ބީޖޭޕީ އިން 2014 ގައި ތަނަވަސް އަގުލަބިއްޔަތަކުން އިންތިހާބު ކާމިޔާބުކޮށް ވެރިކަމާއި ހަވާލުވި ނަމަވެސް، އިތުރު ދައުރަކަށް އައުމަށް ކުރާ އުއްމީދުތަކަށް ވަނީ ގިނަ ގޮންޖެހުންތަކާއި ކުރިމަތިވެފަ އެވެ. މޯދީގެ ދައުރުގައި އިގުތިސޯދު ހީނަރުވުމާއި، ވަޒީފާނެތް މީހުންގެ އަދަދު އިތުރުވެގެން ދިޔުމުގެ ސަބަބުން، ވެރިކަންކުރާ ޕާޓީއަށް ކުރިން އޮތް ތާއީދު ވަނީ ކުޑަވެފަ އެވެ.