ދުނިޔެ

އެންމެ އެކަނިވެރި ބޮކަށް 10 އަހަރު ފަހުން ބައިވެރިއެއް!

ދުނިޔޭގެ އެންމެ އެކަނިވެރި ބޮކުގެ ގޮތުގައި މަޝްހޫރުވެފައިވާ، "ރޯމިއޯ"އަށް އެންމެ ފަހުން ބައިވެރިއެއްގެ ގޮތުގައި އަންހެން ބޮކެއް ލިބިއްޖެ އެވެ. ރޯމިއޯ އަކީ، ދުނިޔެއިން ނެތި ގޮސްފައިވާ ސްވެންކަސް އާއިލާގެ ބޮކެކެވެ.

މީގެ 10 އަހަރު ކުރިން ބޮލީވިއާގެ ޖަންގަލި ތެރެއިން ސައިންސްވެރިން ހޯދި ރޯމިއޯ އަކީ، އިއްޔެއާ ޖެހެންދެން ދުނިޔޭގައި އޮތް ސްވެންކަސް އާއިލާގެ ހަމައެކަނި ބޮކެވެ. ސްވެންކަސް އާއިލާގެ ބޮއް ދިރިއުޅެނީ، ބޮލީވިއާގެ ޖަންގައްޔެއް ކަމަށްވާ، "ކްލައުޑް ފޮރެސްޓް"ގެ ވޯޓާފޯލްތަކާއި ކޯރުތަކުގެ އަޑީގަ އެވެ. ބޮލީވިއާގެ އެކުއޭރިއަމްއެއްގައި "ރޯމިއޯ" މިދިޔަ 10 އަހަރު އެކަނިމާއެކަނި ހޭދަކުރީ އޭނާއަށް ބައިވެރިއަކު ހޯދުމަށް ސައިންސްވެރިން ބޮލީވިއާގެ ޖަންގަލިތަކުގައި އެކި ފަހަރުމަތިން އަތްފުނާ އެޅި ނަމަވެސް އެ އާއިލާގެ ބޮކެއް ނުފެނިގެން އެވެ.

އެކަމަކު ސައިންޓިސްޓުން ހިތްވަރު ދޫނުކޮށް "ރޯމިއޯ"އަށް ލޯބިވެރިއަކު ހޯދުމަށް އެހީތެރިވުމަށް އާދޭސްކޮށް "މެޗް.ކޮމް"ގައި ރޯމިއޯގެ ޕްރޮފައިލް ޝާއިއުކުރި އެވެ. އެއާ އެކު ރޯމިއޯއަށް އޮހުނު ލޯތްބާއި ފައިސާގެ ތެރެއިން، ޒޫލޮޖިސްޓް ތެރެސާ ކެމާޗޯ ބޮލީވިއާގެ "ކްލައުޑް ފޮރެސްޓް"ގެ ތެރެއަށް ނުކުމެ ރޯމިއޯއަށް ބައިވެރިއަކު ހޯދުމަށް މަސައްކަތް ފެށި އެވެ. އެންމެ ފަހުން ވަރުބަލިވެ، މަސައްކަތް ހުއްޓާލާފައި އެނބުރި އައި މަގުމަތީގައި ޖަންގަލީ ތެރޭގައި އޮތް ފެންގަނޑަކުން ކެމާޗޯއަށް ފެނުނީ ފުންމަމުން ދިޔަ ބޮއްއައިނެކެވެ. ކުޑަ ނަމަވެސް އޮތް އުންމީދުގައި ކެމާޗޯ އެ ފެންގަނޑަށް އެރި ދެ ދުވަހު ކުރި މަސައްކަތުން އޭނާ ވަނީ ސްވެންކަސް އާއިލާގެ ތިން ފިރިހެން ބޮކަކާއި ދެ އަންހެން ބޮއް ހޯދައިފަ އެވެ. އެކަމަކު ދަރިއެއް ހޯދާ އުމުރުގައި އޮތީ އޭގެ ތެރެއިން އެއް އަންހެން ބޮކެވެ.

އެ ބޮކަށް ސައިންސްވެރިން ނަން ދީފައި ވަނީ، "ޖޫލިއަޓް"ގެ ނަމުން އެވެ. ޒޫ ލޮޖިސްޓް، ކެމާޗޯ ބުނާ ގޮތުގައި ރޯމިއޯއަށް ވުރެ ޖޫލިއަޓް މާ ހަރަކާތްތެރި އެވެ. އެކަމަކު ރޯމިއޯއަށް އަދި ބައިވެރިއަކު ލިބުނު ކަމުގެ އުފާވެރި ހަބަރު ދީފައެއް ނުވެ އެވެ. ސައިންސްވެރިން ބުނަނީ ޗޫލިއަޓާ ރޯމިއޯ ބައްދަލު ކުރާނީ، އަންނަ 14 ފެބުރުއަރީ "ވެލަންޓައިންސް ޑޭ"
ލޯބިވެރިންގެ ދުވަހު އެވެ.

ސައިންސްވެރިން ބުނަނީ، ރޯމިއޯއަށް ބައިވެރިއަކު ލިބުމުން ސްވެންކަސް ބޮއް ދުނިޔޭގައި އަލުން އާލާކުރުމަށް ކުރާ
މަސައްކަތް ގާތްގަނޑަކަށް ނިކުމަކަށް އައީ އެވެ. ސައިންސްވެރިން ބުނާ ގޮތުގައި އެ މީހުންގެ އުންމީދަކީ ރޯމިއޯ އާއި ޖޫލިއަޓް ލޯބިކޮށް ސްވެންކަސް އާއިލާގެ އިތުރު ބޮއްތަކެއް އުފަންވުމެވެ. އެ ބޮއްތައް ބޮލީވިއާގެ ޖަންގަލިތަކަށް ދޫކުރުމަށް ސައިންސްވެރިން ވަނީ ރާވައިފަ އެވެ.

ސްވެންކަސް ބޮއް ދުނިޔެއިން ނެތި ދިޔައީ، ކޯރުތައް ތަޣައްޔަރުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެވެ.