ގޭންގްތަކާއި ފަނޑިޔާރުންނާ ގުޅުން އޮންނަ ކަމަށް މަރުތަކާ ބެހޭ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ކުރެއްވި ތުހުމަތުތަކާ ގުޅޭ ހެކިތައް ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއާ މިއަދު ހިއްސާ ކުރައްވައިފި އެވެ.
ހެކިތައް ސުއޫދު ހިއްސާ ކުރެއްވީ، އެ މައްސަލަ ބެލުމަށް ޖޭއެސްސީއިން އެކުލަވާލި ކޮމެޓީއަށް މިއަދު ހާޒިރުކުރުމުންނެވެ. އެ ކޮމެޓީގެ ރައީސްއަކީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ.
މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ ފަރާތުން މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވެފައިވާ ގޮތުގައި ކޯޓުތަކަށް ވަނީ ވަރަށް ބޮޑަށް ގޭންގުތަކުގެ ނުފޫޒު ފޯރާފަ އެވެ. މަރުގެ ބޮޑެތި މައްސަލަތަކުގައި ވެސް ގޭންގުތަކުން ބުނާ ގޮތް ބައެއް ފަނޑިޔާރުން ހައްދަވަ އެވެ.
ފަނޑިިޔާރުން ސެކިއުރިޓީ ފޯރުކޮށްދިނުމުގައި ބައެއް ގޭންގުތައް ހަރަކާތްތެރިވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އަދި ފަނޑިޔާރުން އައްޔަން ކުރުމުގެ ކޯޓާތަކެއް ވެސް ބައެއް ގޭންގުތަކަށް ލިބިފައި އޮންނަ ކަމަށް ސުއޫދު ތުހުމަތު ކުރެއްވެވި އެވެ. އެގޮތުން ގޭންގުތައް ބޭނުންވާ ބަޔަކު ވަކި ކޯޓުތަކަށް އައްޔަން ކުރާ ކަމަށާއި ގޭންގުތަކާ ގުޅުން ހުރި މައްސަލަތައް ކުރިޔަށް ދާއިރު ބައެއް ސިއްރު ހެކިތައް ދޭ ފަރާތްތަކުގެ މައުލޫމާތު ގޭންގުތަކަށް ދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ސްޕްރީމް ކޯޓުން ވެސް ވަނީ އެ މައްސަލަ ބަލަން ނިންމާފަ އެވެ. ނަމަވެސް އެ ތުހުމަތުތަކާ ގުޅޭ ތަފްސީލުތައް ހިއްސާ ކުރުމަށް ސުއޫދު ދެކޮޅު ހައްދަވާފައިވާ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ބުނެފަ އެވެ.