ލައިފްސްޓައިލް

ހަކުރު ހުންނަ މީހުނަށް ހާއްސަ ފަސް ބަދަނެއް!

ޑައިބެޓިސް ނުވަތަ ހަކުރު ބައްޔަކީ ލޭ ގައި ހަކުރު އެކުލެވޭ މިންވަރު މަދުވެ ދައްވުމުން ބައެއް މީހުންނަށް ދިމާވާ ބައްޔެކެވެ. ހަކުރު ބަލި ޖެހިފައިވާ މީހުން ކެއުން ބުއިމުގައި ވަކި މިންގަނޑުތަކަކަށް ސަމާލުވާން ޖެހޭ އިރު، ކޮންމެ ދުވަހަކު ބަދަން މުށެއް ކެއުމަކީ އެއް ލެވެލެއްގައި ހަކުރު ދަމަހައްޓަން ފަސޭހަ ކޮށްދޭނެ ކަމެކެވެ. ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންގެ ކެއުމުގައި "ޖީ-އައި ފުޑްސް" ގެންގުޅުމަކީ ޑޮކްޓަރުން އެދޭ ކަމެކެވެ. "ޖީ-އައި ފުޑްސް" އެންމެ ދަށް ކާނާގެ ތެރޭގައި އެކި ކަހަލަ ބަދަން ހިމެނެ އެވެ.

ފާޑު ފާޑުގެ ބަދަނަކީ އޭގައި ވަރަށް ގިނަ ފައިދާތަކެއް އެކުލެވޭ އެއްޗިއްސެވެ. ބަދުނުގައި އެކުލެވިގެންވާ ފައިދާ ކުރަނިވި މާއްދާތަކުގެ ތެރޭގައި އެކި ކަހަލަ ވިޓަމިންސް އާއި މިނަރަލްސްގެ އިތުރުން ކަށިވަރުގަދަ ކުރުމަށް ބޭނުންވާ ކެލްސިއަމް އާއި އަންސެޗުރޭޓަޑް ފެޓީ އެސިޑްސް ފާހަގަ ކޮށްލެވެ އެވެ. ކޮންމެ ދުވަހަކު ވެސް ބަދަން މުށެއް ކެއުމަށް އާދަ ކުރުމަށް ސިއްހީ މާހިރުން އެދޭ އިރު، ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް މުހިއްމު ފަސް ބަދަނެއް މި ލިޔުމުގައި ހިމަނާލާނަމެވެ.

އާމަންޑްސް

އާމަންޑްސް އަކީ ބަރުދަން ލުއި ކުރުމަށް ގިނަ ބަޔަކު ބޭނުން ކުރާ ބަދަނެކެވެ. ބަރުދަން ލުއި ކުރުމުގެ އިތުރުން، އާމަންޑްސް އިން ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ވެސް ބޭނުން ކުރެވިދާނެ އެވެ. ކެއުމެއް ނިންމާލާފައި ފަސް ވަރަކަށް އާމަންޑް ކެއުމުން ގްލްކޯޒް ލެވެލް ދަށް ކުރުމަށް އެހީވެދޭނެ އެވެ. މި ބަދަން ހުހަށް ކާން ބޭނުން ނުވާ ފަރާތްތަކުން ފުނޑު ކޮށްފައި ކިރަށް އަޅައިގެންވެސް ބޭނުން ކުރެވޭނެ އެވެ. އަދި އާމަންޑްސް ކެއުމުގައި ބޮޑަށް އެދެވެނީ، ލޮނު ނުލައި ހުންނަ ބަދަން ކެއުމަށެވެ.

ވޯލްނަޓްސް

ދިރާސާތައް ދައްކާ ގޮތުން ވޯލްނަޓް ކެއުމަކީ، ހިތުގެ ބަލިތަކާއި ކޮލެސްޓްރޯލް އަދި ހަކުރު އެއް ލެވެލް އެއްގައި ހިފަހައްޓައި ދިނުމަށް އެހީވެދޭ އެއްޗިއްސެވެ. ވޯލްނަޓަކީ ފައިބާ އިން ފުރިފައިވާ އެއްޗެއް ކަމުން ހަށިގަނޑުގައި މި ބަދަން ހަޖަމުވާން ވަގުތު ނަގާނެ އެވެ. އަދި ބަނޑު ފުރިފައި ހުންނަ ކަމުގެ އިހުސާސް ކޮށްދީ، އިތުރަށް ހަކުރު މަތި ވުމުގެ ފުރުސަތު ދަށްކޮށްދޭނެ އެވެ.

ޕިސްޓާޗިއޯސް

ކޮންމެ ދުވަހަކު ވެސް މިކަހަލަ ދެބަދަން ކެއުމުން، ޑައިބެޓިސް ޓައިޕް 2 އަށް ފަރުވާ ހޯދާ ފަރާތްތަކަށް އެހީވެދޭނެ އެވެ. ހަކުރު ބަލި ހުންނަ މީހުން ދުވާލަކު ދެ ޕިސްޓާޝިއޯސް ބޭނުން ކުރުމުން ހަށިގަނޑުގައި ހަކުރު އެކުލެވޭ މިންވަރު ރަނގަޅު މިންވަރެއްގައި ހިފަހައްޓައިދިނުމަށް އެހީވެދޭނެ އެވެ. އަދި މިއީ ފައިބާ އާއި ޕްރޮޓީން އިން ފުރިފައިވާ ބަދަނެއް ކަމުން ހަށިގަނޑުގެ އެކި ގުނަވަންތަކަށް ވެސް ފައިދާ ކުރާނެ އެވެ.

ކެޝޫ

ކެޝޫ ނަޓް އަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ބަދަނެކެވެ. ބައެއް ކެއުންތަކުގައި ޒީނަތްތެރި ކުރުމުގެ ގޮތުން ކެޝޫ ނަޓް ކޮޅެއް ބުރުވާލާއިރު މި ބަދަނަކީ ހުހަށް ކެއުމަށްވެސް ވަރަށް މުހިއްމު އެއްޗެކެވެ. އެހެން ބާވަތްތަކުގެ ބަދަނާ އަޅާ ބަލާއިރު، ކެޝޫނަޓުގައި އެކުލެވޭ ސަރުބީގެ މިންވަރު މަދެވެ. ގަވައިދުން ކެޝޫނަޓްބޭނުން ކުރުމަކީ ހަކުރު ކޮންޓްރޯލް ކުރުމުގެ އިތުރުން ހިތުގެ ބަލިތައްވެސް ދުރުކޮށްދޭ ކަމެކެމެވެ.

ޕީނަޓްސް

މިއީ ބަދަންތަކުގެ ތެރެއިން އެންމެ އާއްމު ބަދަނެވެ. ފައިބާ އާއި ޕްރޮޓީންސް އިން ފުރިފައިވާ މި ބަދަނަކީ ދިވެހިންގެ ތެރޭގައިވެސް އެންމެ އާއްމު ބަދަނެވެ. ހަކުރު ބަލި ޖެހިފައިވާ މީހެއްގެ ހަށިގަނޑުގައި ހަކުރު ހުރި މިންވަރު ކޮންޓްރޯލް ކުރުމަށް ޕީނަޓްސްއިން އެހީވެދެ އެވެ. އަދި ސިއްހީ މާހިރުން ބުނާ ގޮތުގައި ދިރިއުޅުމުގައި ގަވައިދުން ޕީނަޓްސް ބޭނުން ކުރުމަކީ ހަކުރު ބަލި ޖެހުމުން ދުރުކޮށްދޭ ކަމެކެވެ.

ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންގެ ކެއުން ބުއިމުގައި ވަކި ހަމަތަކެއް ގެންގުޅުމަށް ލަފާ ދޭއިރު، މިކަހަލަ ބަދަން ކޮޅެއް ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނާލުމަކީ މުހިއްމު ކަމެކެވެ. އަދި، ލޮނާއި ހަކުރު އުނގުޅާފައި ނުހުންނަ ބަދަން ބޭނުން ކުރުމަކީ ބުއްދިވެރި ކަމެއް ކަމަށްވެސް ސިއްހަތާ ބެހޭ ކަންކަން ދިރާސާކުރާ މީހުން ބުނެ އެވެ.