ރާއްޖޭގެ މާލީ ނިޒާމުގެ ބޭރުން ދޫކުރާ އެކި ބާވަތްތަކުގެ ފައިނޭންޝަލް ހިދުމަތްތަކަށް ސަމާލުވުމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ގޮވާލައިފި އެވެ.
މަރުކަޒީ ބޭންކުން މިގޮތަށް ގޮވައިލާފައި މިވަނީ ބައެއް ފަރާތްތަކުން ހައުސިން އާއި މިނޫން ވެސް ބައެއް ތަފާތު ބޭނުންތަކުގައި ބޭނުން ކުރެވޭ ފަދަ ފައިނޭންޝަލް ވަސީލަތްތައް އިޝްތިހާރު ކުރަމުންދާތީ އެވެ.
އެމްއެމްއޭ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މިހާރަކަށް އައިސް ސޯޝަލް މީޑިއާގައި މި ފަދަ މުއާމަލާތްތައް ކުރާ ފަރާތްތަކާއި މި މުއާމަލާތްތައް ހަމަޖައްސައި ދިނުމުގެ ހިދުމަތްދޭ ފަރާތްތަކުން އެ ވިޔަފާރިތައް އިސްތިހާރު ކުރަމުންދާކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މި ފަދަ މުއާމަލާތްތަކުގައި ބައިވެރިވުމުގެ ކުރިން ދިމާވެދާނެ މާލީ ގެއްލުމަކަށް ހޭލުންތެރިވެ ރައްކާތެރިވުމަށް އާންމުންނަށް އިލްތިމާސްކުރާ ކަމަށެވެ.
ރާއްޖޭގައި އާއްމުކޮށް އިޝްތިހާރު ނުކުރާ މާލީ ހިދުމަތްތަކުގެ ގޮތުގައި ދޭ ފަރުދުންގެ ނުވަތަ ކުންފުނިތަކުގެ މެދުގައި ކުރެވޭ ތަފާތު މާލީ މުއާމަލާތްތަކުގެ ތެރޭގައި ދަރަންޏަށް ފައިސާ ދޫކުރުމާއި އިންވެސްޓް ކުރުމާއި ތަފާތު ވައްތަރުތަކުގެ ފައިނޭންސް ލީސްގެ އެރޭންޖްމަންޓްތައް ހިމެނޭ ކަމަށެވެ.
އެ އޮތޯރިޓީން ބުނީ މިހާރަކަށް އައިސް ސޯޝަލް މީޑިއާގައި މި ފަދަ މުއާމަލާތްތައް ކުރާ ފަރާތްތަކާއި މިމުއާމަލާތްތައް ހަމަޖައްސައި ދިނުމުގެ ހިދުމަތްދޭ ފަރާތްތަކުން އެވިޔަފާރިތައް އިސްތިހާރު ކުރަމުންދާކަން މި އޮތޯރިޓީއަށް ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ.
"މިގޮތުން، މި ފަދަ ވިޔަފާރިތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މާލީ ނިޒާމަށާއި މީގެ ބައިވެރީންނަށް ނޭދެވޭ އަސަރެއްކޮށްފާނެތީ، އެފަދަ ވިޔަފާރިތައް އިތުރަށް ބަލައި އެކަށީގެންވާ ރެގިއުލޭޓަރީ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް މި އޮތޯރިޓީން ކުރަމުންގެންދާ ވާހަކަ ދަންނަވަމެވެ،" އެމްއެމްއޭ އިން ބުނެފައިވެ އެވެ.