ހަބަރު

މާލޭގެ ބަސް ސްޓޮޕްތައް ހިޔާކުރަން ފަށައިފި

މާލޭ ރިންގް ރޯޑްގައި ހަދާފައިވާ ބަސް ސްޓޮޕްތައް ހިޔާ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްޕީއެލް އިން ބުނީ، މާލޭގައި ހަދާފައިވާ ބަސް ސްޓޮޕްތައް ހިޔާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ހަފުތާއެއްގެ ތެރޭގައި އެ މަސައްކަތް ނިންމާނެ ކަމަށެވެ. މާލޭ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ބަސްތައް މަޑުކުރުމަށް ހަތަރު ތަނެއް ކަނޑައަޅާފައި ވެއެވެ.

އެމްޕީއެލުން ބުނީ، ބަސް ދަތުރުކުރާ މަގުތައް އިތުރު ކުރުމުން އިތުރު ބަސް ސްޓޮޕްތައް ހަދަން ފަށާނެ އެވެ. އެ ސްޓޮޕްތައް ހިޔާ ކުރާނެ އެވެ.

ބަސްދަތުރުގެ ހިދުމަތްތައް މިހާރު ދެނީ މްޕީއެލް އިންނެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބަހުގެ ހިދުމަތް ދިނުން އެމްޓީސީސީގެ ދަށަށް ބަދަލުކޮށްފަ އެވެ. އަދި މިނީ ބަސް ތައާރަފް ކުރަން ވެސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ސިނިމާލެ ބުރިޖު އަދި ހުޅުމާލެ އިން މާލެ ނުވަތަ އެއާޕޯޓަށް ބަހުން ދަތުރު ކުރުމަށް 10ރ. ޗާޖް ކުރެ އެވެ. ބަހުން ދަތުރު ކުރެވެނީ އެކަމަށް ހާއްސަ ކާޑެއް ބޭނުންކޮށްގެންނެވެ. ފިހާރަތަކުން އެކާޑް ރިޗާކް ކުރެވޭ ގޮތްވެސް މިހާރު ވަނީ ހަދާފަ އެވެ.