ހަބަރު

އައްޑު ގޮނޑި އިތުރުކުރާ މައްސަލައިގެ ޝަރީއަތް މާދަމާ

އައްޑޫ ސިޓީގެ އިންތިހާބީ ދާއިރާތައް އިތުރު ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލާގެ ޝަރީއަތް މާދަމާ ފެށުމަށް ތާވަލުކޮށްފި އެވެ.

މައްސަލަ ކޯޓަށް ހުށަހަޅުއްވާފައިވަނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި މަރަދޫފޭދޫއަށް ނިސްބަތްވާ މުމްތާޒު އަލީ ކިޔާ މީހެކެވެ. މައްސަލާގެ ފުރަތަމަ އަޑުއެހުން ހައިކޯޓުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރަށެވެ.

ސުއޫދު އިސްވެ ހުށަހަޅުއްވާފައިވާ މައްސަލާގައި އެދިފައިވަނީ މަރަދޫފޭދޫ ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. މިހާރު މަރަދޫދޭދޫ އޮންނަނީ ވަކިން އޮންނަ މީދޫ ދާއިރާގެ ބައެއްގެ ގޮތުގަ އެވެ. އެހެންވެ، މަރަދޫފޭދޫގެ ބައެއް ހައްގުތައް ގެއްލޭ ކަމަށް އެ ދާއިރާގެ ބައެއް ރައްޔިތުން ވެސް ދެކެ އެވެ.

އެ މައްސަލާގައި ގޮތެއް ކަނޑައަޅެންދެން އެ ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ކަންކަން މަޑުޖައްސައިދިނުމަށް އެދި ވަގުތީ އަމުރެއް ހޯދުމަށް ވެސް ވަނީ އެދިފަ އެވެ.

އެ އަމުރަށް އެދުނު ސަބަބެއް ކަމަށް ބުނެފައިވަނީ ޕާޓީތަކުންނާއި އާއްމުންގެ ފަރާތުން އިންތިހާބަށް ކެމްޕޭންކޮށް ހަރަދުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަކީ އެކަމުގެ ސަބަބުން މި މައްސަލައިގެ ޝަރީއަތުން ވަކިގޮތެއް ކަނޑައެޅޭއިރު، މައްސަލައިގެ މަގްސަދު ހާސިލް ނުވެ، އެއީ މައްސަލަ ހުށަހެޅި ފަރާތާއި އައްޑޫ ސިޓީގެ އެންމެހައި ރައްޔިތުންނަށާއި ދައުލަތަށް އެތައް ގެއްލުމެއް ލިބޭނެ ކަމަކަށްވާތީ އެވެ.

ހައިކޯޓަށް ހުށަހެޅި މައްސަލާގައި ނެރެދިނުމަށް އެދިފައިވަނީ މައްސަލައިގެ ވަކިގޮތެއް ކަނޑައެޅެންދެން، އައްޑޫ ސިޓީގެ މިހާރު އިންތިހާބީ ދާއިރާތައް ކަނޑައެޅިފައިވާ ގޮތަށް އިންތިހާބާބެހޭ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށާއި އައްޑޫ ސިޓީގެ އިންތިހާބާ ގުޅޭ އެންމެހައި ކަންކަން ހުއްޓުމަށެވެ. އަދި އައްޑޫ ސިޓީގެ އިންތިހާބާ ގުޅޭ ގޮތުން އެއްވެސް ފިޔަވަޅެއް ނުވަތަ އިޖުރާއަތެއް ކުރިއަށް ނުގެންދިއުމަށް އަންގައި އިލެކްޝަން ކޮމިޝަނާއި ދައުލަތުގެ އެންމެހައި އިދާރާތަކުގެ މައްޗަށް އަންގުމަށެވެ.

މަރަދޫފޭދޫ ވަކި ދާއިރާއަކަށް ހަދައިދިނުމަށް އެ އަވަށުގެ ރައްޔިތުން މީގެކުރިން އިލެކްޝަން ކޮމިޝަނުގައި އެދިފައިވެ އެވެ. އެކަމާ ގުޅިގެން ކޮމިޝަނުން އެ އަވަށުގެ ރައްޔިތުންނާ އެކި ފަހަރު މަތިން ބައްދަލު ވެސް ކުރި އެވެ. ނަމަވެސް އެންމެފަހުން ކޮމިޝަނުން ނިންމީ މިހާރު ވެސް އޮތް ގޮތަށް މަރަދޫފޭދޫއަކީ މީދޫ ދާއިރާގެ ބައެއްގެ ގޮތުގައި ބޭއްވުމަށެވެ. އިލެކްޝަން ކޮމިޝަނުން މަޖިލިސް ދާއިރާ އިތުރުކުރީ މާލެއަށް އެކަންޏެވެ. އެއީ ހެންވޭރު އާއި މައްޗަންގޯޅިއަށެވެ.