އިލެކްޝަންސް ކޮމިޝަން

ލޭބާ ޕާޓީއިން މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުން ނެރެނީ

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމްކޮކްރަޓިކް ޕާޓީ ވެސް އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެންޑިޑޭޓުން ނެރޭނެ ކަމަށް އެ ޕާޓީއިން މިއަަދު ބުނެފި އެވެ.

ލޭބާ ޕާޓީ މިއަދު ވަނީ އިލެކްޝަން ކޮމިޝަންގައި ރަޖިސްޓްރީކޮށްފަ އެވެ.

ލަވެންޑްރާ ރެސްޓޯރެންޓުގައި ކުރިއަށް ގެންދިޔަ އެ ޕާޓީގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސްޕޯކްސް ޕާސަން މައުރޫފް ޒަކީ ވިދާޅުވީ މިއަހަރުގައި އޮންނަށް މަޖިލިސް އިންތިހާބުގައި އެޕާޓީގެ ފަރާތުން ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެބަ އޮތް ކަމަށެވެ. އަދި އެހެން ސިޔާސީ ޕާޓިތަކުން މަޖިލިސް އިންތިހާބަށް ވާދަކުރާ ބޭފުޅުން އެ ޕާޓީގެ އެހީތެރިކަން ބެނުންވާނަމަ، އެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް ޒަކީ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޒަކީ ވިދާޅުވީ، މިހާތަނަށް އެ ޕާޓީގެ ޓިކެޓުގައި ށ. މިލަންދޫ ދާއިރާއަށް އާދަމް ޝާފިއު ވާދަކުރަން ނިންމާފައިވާ ކަމަށެވެ.

ޒަކީ ވިދާޅުވީ އެހެން ޕާޓީއަކުން ވާދަކުރާ ކެންޑިޑޭޓަކު ލޭބާ ޕާޓިގެ އެހީތެރިކަމަށް އެދޭއިރު، އެ ފަރާތުގެ އަމަނާތްތެރިކަމާ އަދި މަސައްކަތެރިންގެ ހައްގުގައި މަސައްކަތަށް ކޮށްފައިވާ ފަރާތެއްތޯ ބަލާނެ ކަމަށެވެ. އެގޮތުން ލޭބާ ޕާޓީގެ އެހީތެރިކަން ލިބިގެންދަނީ އަމާނާތްތެރި އަދި މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތު ކުރާ މީހުނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓުންވެސް ބޭނުންވެއްޖެނަމަ މިޕާޓީން އެހީ ފޯރުކޮށްދޭނެ، އެ ކެންޑިޑޭކަށް ސަޕޯޓް ކުރަން ރަނގަޅު ކަމަށް ނިންމާނީ ޕާޓީގެ ލީޑާ ޝިޕުން އެއީ އިންޓަގްރިޓި އަދި މަސައްކަތްތެރިންގެ ހައްގާއިގެން އުޅޭ މީހެއްތޯ ބެލުމަށްފަހު،" ޒަކީ ވިދާޅުވި އެވެ.

ލޭބާ ޕާޓިން އަދި އެއްވެސް ޕާޓީއަކާ އެކު ކޯލިޝަން ހަދަން މަޝްވަރާ ނުކުރާ ކަމަށާއި، އަދި އެހެން ޕާޓީ އަކުންވެސް އެފަދަ ހުށަހެޅުމެއް ލިބިފައި ނުވާކަމަށް ޒަކީ ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަކީ އިތުރަށް ވިދާޅުވީ، މަހުޖަނުންގެ ނުފޫޒުން ޕާޓީ އެއްކިބާ ކުރުމުގެ ގޮތުން ޕާޓީ ހިންގުމަށް ބޭނުންވާ ފައިސާ ހޯދަނީ ޕާޓީގައި ރަޖިސްޓްރީ ވެފައިވާ މެމްބަރުންގެ އަތުން ނަގާ ފީއަކުން ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީން އެންމެއް އިސްކަންދޭނީ މަސައްކަތްތެރިންގެ ހައްގު ކަށަވަރު ކޮށްދިމުމަށްޓަކައި ކަމަށާއި، އެގޮތުން މިހާރުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރާ ސިޔާސީ ޕާޓީތައް ބައިވެރިވާ ބައިނަލްއަގްވާމީ ޖަމިއްޔާއެއްގައި ބައިވެރިވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.