ދުނިޔެ

1.4 ޓްރިލިއަން ޑޮލަރާ އެކު ދުނިޔޭގެ މުއްސަނދިކަން 26 މަހުޖަނެއްގެ މުށުތެރޭ

Jan 22, 2019
1

ދުނިޔޭގެ 26 މަހުޖަނެއްގެ މިލްކިއްޔާތަށް ކޮންމެ ދުވަހަކު 2.5 ބިލިއަން ޑޮލަރު އިތުރުވަމުން އަންނައިރު، އާބާދީގެ ދެބައިކުޅަ އެއްބައި މީހުންގެ މުއްސަނދިކަމާއި މިލްކިއްޔާތު ދުވަހެއް ދުވަހަކަށް ފަގީރުވަމުން އަންނަ ކަމަށް، ފަގީރުކަމާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ، ޖަމްއިއްޔާތަކުން ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.

ބޮޑެތި މަހުޖަނުންނާއި ގައުމުތަކުގެ ސިޔާސީ ވެރިން ބައިވެރިވިގެން ސްވިޒަލޭންޑްގެ ޑާވޯސްގައި އިއްޔެ ފެށި، ވޯލްޑް އިކޮނޮމިކް ފޯރަމްއާ ދިމާކޮށް ފަގީރުކަން ނައްތާލުމަށް މަސައްކަތް ކުރާ، އޮކްސްފާމް އިންޓަނޭޝަނަލް އިން އާންމު ކުރި ރިޕޯޓެއްގައި ބުނީ 2016 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި މާލީ ކާރިސާއަށް ފަހު ބިލިއަނަރުންގެ އަދަދު ދުނިޔޭގައި ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށާއި އެގޮތުން ދުނިޔޭގައި ތިބި ބިލިއަނަރުންގެ އަދަދު 2،208 އަށް އަރާފައިވާ ކަމަށެވެ.

ޖުމްލަ 106 ސޮފްހާގެ މައްޗަށް ހިމެނޭ އެ ރިޕޯޓްގައި ބުނީ، މަހުޖަނުންގެ ލިސްޓްގެ އެންމެ ކުރީގައި ތިބި 26 ފަރާތުގެ މިލްކިއްޔާތު 1.4 ޓްރިލިއަން ޑޮލަރަށް މިދިޔަ އަހަރު ނިމުނު އިރު އަރާފައިވާ ކަމަށެވެ. މިއީ އާބާދީގެ 3.8 ބިލިއަން މީހުން ނޫނީ އާބާދީގެ 50 ޕަސެންޓް މީހުންގެ މިލްކިއްޔާތާ އެއްވަރުގެ އަދަދެއް ކަމަށް ރިޕޯޓްގައިވެ އެވެ. އެއީ، 2017 ވަނަ އަހަރާ އަޅާބަލާއިރު، 900 ބިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

އެ ރިޕޯޓްގައިވާ ގޮތުގައި މަހުޖަނުންގެ މިލްކިއްޔާތު 12 ޕަސެންޓް އިތުރުވިއިރު، ފަގީރުކަމަށް ބަލާ މިންގަނޑަށް ފެތޭ މީހުންގެ މިލްކިއްޔާތު 11 ޕަސެންޓް ވަނީ ދަށަށް ގޮސް، އިތުރަށް ފަނގީރުވެފަ އެވެ. އެ ރިޕޯޓްގައި އިތުރަށް ބުނީ، މަހުޖަނުންގެ ޖުމްލަ މިލްކިއްޔާތުން އެއް ޕަސެންޓްގެ ވެލްތް ޓެކްސްއެއް ނަގައިފި ނަމަ، 418 ބިލިއަން ޑޮލަރު ސަރުކާރުތަކުގެ އާމްދަނީއަށް އިތުރަށް ހޯދޭނެ ކަމަށެވެ. އަދި އެ ފައިސާއަކީ ސްކޫލަށް ނުދެވިފައި ތިބި ހުރިހާ ކުދިންނަށް ކިޔަވައިދިނުން ނޫނީ ތިން މިލިއަން މީހުން މަރުން ސަލާމަތްކުރުމަށް ބޭނުންވާ ސިއްހީ ހިދުމަތް ފޯރުކޮށްދެވޭ ވަރުގެ އަދަދެއް ކަމަށެވެ.

ރިޕޯޓްގެ މުހިންމު ހޯދުންތައް

  • މިދިޔަ ދެ އަހަރު ތެރޭ ކޮންމެ ދެ ދުވަހަކުން އާ ބިލިއަނަރެއް އުފެދޭ
  • އިތޯޕިއާގެ ހެލްތް ބަޖެޓަކީ އެންމެ މުއްސަނދި ޖެފް ބެޒޮސްގެ މިލްކިއްޔާތުގެ %1 އެއްވަރުގެ އަދަދެއް
  • ފަނގީރުންގެ ކެޓަގަރީގައި ހިމެނޭ %10 މީހުން މުއްސަނދިންނަށް ވުރެ ގިނައިން ޓެކްސް ދައްކާ
  • މާލީ ކާރިސާއަށް 10 އަހަރުވީ އިރު ބިލިއަނަރުންގެ އަދަދު ދެ ގުނަ ގިނަަވެއްޖެ

ފޯބްސްއިން ނެރޭ ބިލިއަނަރުންގެ ލިސްޓާ ހަވާލާދީ އޮކަސްފާމްގެ ރިޕޯޓްގައި ބުނީ، ދުނިޔޭގެ ދެބައިކުޅައެއްބައި މީހުންގެ މުއްސަނދިކަން ލިބިފައިވާ 26 މަހުޖަނުންގެ ތެރޭގައި އެންމެ ގިނައީ އެމެރިކާއަށް ނިސްބަތްވާ ވިޔަފާރިވެރިން ކަމަށެވެ. އެ ލިސްޓްގެ އެންމެ ކުރިން ޖާގަ ހޯދާފައިވާ އެންމެ ބޮޑު އޮންލައިން ބާޒާރު އެމެޒޯންގެ ވެރިޔާ ޖެފް ބެޒޮސް އާއި މައިކްރޯސޮފްޓްގެ ވެރިޔާ ބިލް ގޭޓްސް އާއި އިންވެސްޓްމަންޓް ކުންފުނި ބާގްޝިއާ ހަތަވޭގެ ވެރިޔާ ވަރަން ބްފެޓް އަދި ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާކްގެ މިލްކިއްޔާތު 357 ބިލިއަން ޑޮލަރަށް އަރާ ކަމަށް ރިޕޯޓްގައިވެ އެވެ.

"މިދިޔަ އަހަރކީ ވެސް މުއްސަނދިންގެ މިލްކިއްޔާތު އާދަޔާ ހިލާފަށް އިތުރުވެ ފަގީރުން އިތުރަށް ގިނަވި އަހަރެކެވެ. ދުނިޔޭގެ މުއްސަނދިކަން މަދުބައެއްގެ މެދުގައި ވަނީ ދަނީ ބެހިގެން އެވެ. މުއްސަނދިންނާއި ފަނގީރުންގެ ފަރަގު އަހަރަކަށް ވުރެ އަހަރެއް މިހާބޮޑަށް އިތުރުވަމުން އައުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އަދި މިކަންކަން ހައްލު ކުރަން ސަރުކާރުތަކުން އަވަސް ފިޔަވަޅުތަކެއް މި ވަނީ އަޅަން ޖެހިފަ އެވެ،" އޮކްސްފާމްގެ ރިޕޯޓްގައިވެ އެވެ.

އެ މައްސަލަ ހައްލުކުރަން، އޮކްސްފާމްގެ ރިޕޯޓްގައި ލަފާދީފައި ވަނީ މުއްސަނދިންގެ އަތުން ނަގާ ޓެކްސް ބޮޑުކޮށް އެ ފައިސާ ފަގީރުންނަށް ބެހިގެން ދާނެ ގޮތަށް އޮންނާނެ ޓެކްސް ނިޒާމެއް ބައްޓަން ކުރުމަށެވެ. އެގޮތުން އާމްދަނީ އާއި
ކޯޕަރޭޓް ޓެކްސްގެ މިންވަރު އިތުރު ކުުރުމާއި ބޮޑެތި ކުންފުނިތަކާއި މަހުޖަނުންނަށް ޓެކްސްއަށް މަކަރު ހެދުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކޮށް ހަރުކަށި ކުރުމަށް ވެސް އެ ރިޕޯޓްގައި ގޮވާލާފައިވެ އެވެ. މީގެ އިތުރުން، އަންހެނުން ވެސް ހިމެނޭނެ ގޮތުން އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ސިއްހީ ހިދުމަތާއި ތައުލީމު، ފެނާއި ނަރުދާ އަދި އެހެނިހެން ވެސް އަސާސީ ހިދުމަތްތައް ހިލޭ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް ގޮވާލާފައިވެ އެވެ.

ހާއްސަކޮށް ފަގީރުންގެ އިންސައްތަ ބޮޑު، އިންޑިއާ ފަދަ ގައުމުތަކުގައި މިފަދަ ޕޮލިސީތައް ވީހާވެސް އަވަހަކަށް އެކަށައަޅައި އަމަލު ކުރަން ފެށުމަށް ވަނީ ބާރުއަޅައިފަ އެވެ.