ދުނިޔެ

ތުރުކީގެ ވޯޓާސް ރަޖިސްޓްރީގައި 165 އަހަރުގެ މީހެއް!

Jan 22, 2019

އަންކާރާ (ޖެނުއަރީ 22) - ތުރުކީގައި އަންނަ މާޗު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ރަޖިސްޓްރީގައި 165 އަހަރުގެ މީހަކު ހިމެނިފައިވާތީ، ލިސްޓުގެ ސައްހަކަމާމެދު ސުވާލު އުފައްދައިފި އެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، އެ ލިސްޓުގައި ފުރަތަމަ ފަހަރަށް ވޯޓުލާ 100 އަހަރުން މަތީގެ އެތަކެއް ބަޔަކު ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން، އެއް އެޑްރެހެއްގައި 1،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާކަމަށް ބުނެ، ރައީސް ރަޖަބު ތޮއްޔިބު އުރުދުގާނުގެ ސަރުކާރުން އިންތިހާބު އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުވެސް އިދިކޮޅު ޕާޓީތަކުން ދަނީ ކުރަމުންނެވެ.

އިގުތިސޯދު ހީނަރުވުމުގެ ސަބަބުން، ތުރުކީގެ މައި ސިޓީތަކުގެ ސަޕޯޓު އުރުދުގާނަށް ގެއްލިފައިވާކަމަށް ތަޖުރިބާކާރުން ވަނީ ލަފާކޮށްފަ އެވެ.

އިދިކޮޅު ޕާޓީތަކުން ބުނާ ގޮތުންނަމަ، 100 އަހަރުން މަތީގެ 6،000 އަށް ވުރެ ގިނަ މީހުން ލިސްޓުގައި ހިމެނެ އެވެ. އޭގެ ތެރޭގައި، 1854 އަހަރުގައި އުފަންވި ކަމަށް ބުނާ 165 އަހަރުގެ މީހާ ވެސް ލިސްޓުގައި ހިމަނާފައިވަނީ ފުރަތަމަ ފަހަރަށް އިންތިހާބެއްގައި ވޯޓުލާ މީހެއްގެ ގޮތުގަ އެވެ.

މިހާތަނަށް އެންމެ ގިނަ ދުވަހު ދިރިހުރި މީހާގެ އުމުރަކީ 116 އަހަރެވެ. ނަމަވެސް، ތުރުކީ އިންތިހާބުގައި 148 އަހަރާއި 149 އަހަރުގެ މީހުން ލިސްޓުގައި ހިމެނޭކަމަށް ވެސް އިދިކޮޅުން ވަނީ ބުނެފަ އެވެ.

އަދި އިންތިހާބުގެ ކުރިން އެ މައްސަލަތައް ރަނގަޅަށް ތަހުގީގުކުރުމަށް އިދިކޮޅުން ވަނީ ތުރުކީގެ އިލެކްޝަންސް ކޮމިޝަނަށް ގޮވާލައިފަ އެވެ.