ސްޓެލްކޯ

ކޮރަޕްޝަން ނައްތާލާނެ ފުރަތަމަ ކުންފުންޏަކީ ސްޓެލްކޯ: މުޣުނީ

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަން ނައްތާލާނެ ފުރަތަމަ ކުންފުންޏަށް މައި ކަރަންޓު ކުންފުނި، ސްޓެލްކޯ ވާނެ ކަމަށް އެ ކުންފުނީފެގެ އާ މެނޭޖިން ޑިރެކްޓާ ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ.

މިއަދު ސްޓެލްކޯގައި ކުރިއަށްދިޔަ ކޮރަޕްޝަން ހުއްޓުވުމުގެ އިގްރާރުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުޣުނީ ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގައި ހާއްސަށް ސަމާލު ކަމެއް ދީފައިވަނީ ދައުލަތުގެ ކުންފުނިތަކުން ކޮރަޕްޝަން ނައްތާލަން ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ އަވަހަށް ކޮރަޕްޝަން އެކުގައި ނައްތާލުމަށް މަސައްކަތްކޮށް އެކަން ކާމިޔާބު ކުރާނީ ސްޓެލްކޯ ކަމަށެވެ. އެ ވައުދު ފުއްދައި ދިނުމަށްޓަކާ ސްޓެލްކޯއިން ކުރަން ނިންމާފައިވާ މަސައްކަތަށް ފަށަނީ މުވައްޒިފުން ސޮއިކުރާ އިގްރާރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހާއްސަށް މެހުމާނެއްގެ ގޮތުގައި މިހާރު ރައީސް އޮފީހުގެ މިނިސްޓަރު، އަދި ކުރިން ސްޓެލްކޯގައި މަސައްކަތް ކުރެއްވެވި އަހްމަދް ސަމީރު ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތުގައި މުޣުނީ ވިދާޅުވީ، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މަސައްކަތް ކުރާ މުވައްޒިފުންނާމެދު ހަރުކަށި ފިޔަވަޅު އަޅަން އެއްވެސް ވަރަކަށް ފަސްޖެހި ވަޑަައި ނުގަންނަވާނެ ކަމަށެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި ސްޓެލްކޯގައި މަސައްކަތްކުރާ 1000 މުވައްޒަފުން އިގްރާރުގައު ސޮއިކޮށްފައި ވެއެވެ.