ދިވެހި ސިނަމާ

"ގޮށްރާޅު"ގެ ދެވަނަ ޓްރެއިލާ ހަބޭސް!

ދިވެހި ސިނަމާގެ އެންމެ ނުފޫޒުގަދަ ޕްރޮޑަކްޝަން ހައުސް، ޑާކްރެއިން އެންޓަޓެއިންމަންޓްސް އިން ގެނެސްދޭ ފިލްމު "ގޮށްރާޅު"ގެ ފިލްމު ޕްރިމިއާ ކުރަން ދެހަފްތާ އަށް ވެފައި ވަނިކޮށް ދެވަނަ ޓްރެއިލާ އެއް ބެލުންތެރިންނަށް ދައްކާލައިފި އެވެ. މި ޓްރެއިލާ އާއެކު މިފަހަރު ސިނަމާއަށް ނުގޮސް ނުވާނެ ވަރު ކޮށްލައިފި އެވެ.

ގޮށްރާޅުގެ ދެވަނަ ޓްރެއިލާ

ފެބްރުއަރީ ހަތަރެއްގައި އަޅުވަން ހަމަޖެހިފައިވާ މި ފިލްމުގެ ޓްރެއިލާ އެއް މިއަދު ބެލުންތެރިންނަށް ދައްކާލައިފި އެވެ. އެއް މިނެޓާއި ވިހި ސިކުންތުގެ ކުރު ޓްރެއިލާ އެއް މިއަދު ދޫކޮށްލިއިރު މޫނުގައި ސުވާލުމާކެއް ޖަހައިގެން އިންދާ ޓްރެއިލާ ނިމިއްޖެ އެވެ. ޓްރެއިލާ ނިމި، ޕްރޮޑަކްޝަން ޓީމުގެ ނަން އެރުމުންވެސް ބޭނުންވީ ދެންވާނީ ކިހިނެއްތޯ ބަލާލުމަށެވެ. ޓްރެއިލާވެސް މާ ބޮޑަށް ކުރު ވީ އެވެ. ޑާކްރެއިން ޓީމުން މި ބުނަނީ މި ސުވާލު މާކު ފިލުވާލުމަށް ފިލްލު ބަލަން ސިނަމާއަށް ދާށޭ ދޯ އެވެ؟

ޓްރެއިލާ ފަށަނީ ފިލްމުގައި މުހިއްމު ރޯލަކުން ފެންނާނެ އައިޝަތު ތަސްނީމާ (ޒައިނާ) މާލޭ އިމާރާތެއް މަތީ ހުރެ އަމިއްލަ އަށް ފުއްމާލާ ތަނުންނެވެ. "ސޫސައިޑް" އަކުން ޓްރެއިލާ ފެށީ ކީއްވެ ކަމެއް ނޭނގި ހުއްޓާ ދެން ފެންނަނީ އަނިޔާވެރި ކަމާއި މާރާމާރީގެ މަންޒަރު ތަކެކެވެ. ޑްރަގްސް އާއި ޕާޓީ ކުރުމުގައި މަސްތުވެ އުޅޭ ޒުވާނުންތަކަކުން ގޮސް ޓްރެއިލާ ނިންމާލަނީ މޯލްޑިވިއަން އައިޑަލް އަށް ލަވަކިޔަން އެރި ޒަކިއްޓޭ ޖުމައްޔިލްގެ ބޮލުގައި ރަހުމުކުޑަ ގޮތަކަށް ޖަހާ ވައްޓާލާ މަންޒަރުންނެވެ. މި ކުރު ޓްރެއިލާ ނިންމާލާ އިރު މިއީ ރާއްޖޭގެ ސިނަމާގައި އާއްމުކޮށް ނެރޭ ފިލްމުތަކާ ގާތް ކުރާ ވަރުގެ ފިލްމެއްވެސް ނޫންކަން ޑާކްރެއިން އިން ޔަގީންކޮށްދެ އެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓު ޕްރޮޑަކްޝަން ހައުސްއިން މި އަހަރު ތަފާތު ދެ ފިލްމެއް ބެލުންތެރިންނަށް ދޫކޮށްލަ އެވެ. މޫމިން ފުއާދުގެ ވާހަކައަކަށް ނެރޭ ކްރައިމް ތްރިލާ ފިލްމު "ގޮށްރާޅު" އާއި ހެއްވާ މަޖާ ޖޯންރާއަކަށް އުފައްދާ "މާމުއި"ވެސް ރިލީޒް ކުރާނީ މި އަހަރު އެވެ.