ހަބަރު

ދިއްދޫ ކައުންސިލްގެ ރައީސް އިސްތިއުފާ ދެއްވައިފި

ހއ. ކައުންސިލްގެ ރައީސް އަލީ ހާޝިމް ދީދީ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ހާޝިމް އިސްތިއުފާ ދެއްވި އިރު އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް ދެއްކެވި ވާހަކަތަކަށް އޭނާ ތާއީދު ކުރައްވާ ކަމަށް ވިދާޅުވުމުން އެރަށު ރައްޔިތުން ވަނީ އޭނާ އިސްތިއުފާ ދިނުމަށް ގޮވާލާ ހާޝިމް މަގާމުން ދުރުކޮށްދިނުމަށް ދިއްދޫ ކައުންސިލަށް ޕެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ.

ޕެޓިޝަންގައި ބުނެފައިވަނީ، ހާޝިމަކީ އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކުރާ މީހުނަށް ތާއީދުކުރާ މީހެއް ކަމަށެވެ. މީގެ އިތުރުން ޕެޓިޝަންގައި ބުނެފައިވަނީ ހާޝިމް މަގާމުން ދުރު ކުރުމުގެ މަސައްކަތް ކައުންސިލްގައި ތިއްބެވި އެހެން މެމްބަރުން ކުރަންޖެހޭ ކަމަށެވެ.

"މިއަދުން ފެށިގެން އަހަރެން ކައުންސިލްގެ ރައީސްކަމުން އިސްތިއުފާ ދެން" އިސްތިއުފާ ދިންކަން ހާމަކުރުމުގެ ގޮތުން ކުރެއްވި ޕޯސްޓުގައި ހާޝިމް ވިދާޅުވެފައި ވެއެވެ.

ހާޝިމް އިސްތިއުފާ ދިނުމުގެ ކުރިން ވިދާޅުވީ އޭނާ ދެއްކެވި ވާހަކަތަށް ދިއްދޫ ރައްޔިތުންނަށް އޮޅުނު ނަމަ މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.