ހަބަރު

އެނބުރި މިއައީ "ފަރުވާ ކުޑަކަމުން" މަރުވި ދަރިފުޅަށް އިންސާފު ހޯދަން: އާއިލާ

Jan 22, 2019
14

ދަރިފުޅު މަރުވީ ޑަބްލިޔު ކޮންސްޓްރަކްޝަންގެ ފަރުވާ ކުޑަކަމުން ކަމަށާއި ރާއްޖެއަށް އެނބުރި އައީ މަރުވި ދަރިފުޅަށް އިންސާފު ހޯދައިދޭން ކަމަށް ރޯޝަން ޖިއަންގެ މަންމަ ޑރ. ފަރުޒާނާ ހުސެއިން ބުނެފި އެވެ.

ރޯޝަން ޖިއަން މަރުވެފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު މ. ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ.

ޖިއަންގެ އާއިލާގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމެއްގައި އޭނާގެ މަންމަ ފަރުޒާނާ ބުނީ، އާއިލާއަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެ ކަމަށާއި ނަމަވެސް "ލޯބިވާ ދަރިފުޅު އެނބުރި ނާންނާނެ" ކަމަށެވެ.

ފަރުޒާނާ ބުނީ، އެ ހާދިސާ ހިނގީ އޭނާ ރާއްޖޭގައި މަސައްކަތް ކުރަމުންދާތާ ދެ އަހަރުވެފައި ވަނިކޮށް ކަމަށެވެ. މާލެ އައީ ޗުއްޓީ ލިބުމުން ކަމަށެވެ. ނަމަވެސް ޗުއްޓީ ވެގެންދިޔައީ އެންމެ ހިތާމަވެރި ހާދިސާއާ އާއިލާ ކުރިމަތިލާން ޖެހުނު ޗުއްޓީއަށް ކަމަށްވެސް ފަރުޒާނާ ބުންޏެވެ.

"ޑިސެމްބަރު 16 ވަނަ ދުވަހުގެ ހެނދުނަކީ އެ ހިތްދަތި ހާދިސާ ދިމާވި ދުވަސް، ދަރިފުޅާއެކު ޕޭމަންޓްމަތިން ހިނގާފައި ދަނިކޮށް ދަރިފުޅުގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުނީ ޑަބްލިޔު ކޮންސްޓްރަކްޝަން އިން ހަދަމުންދިޔަ އިމާރާތުން، ވަގުތުން ދަރިފުޅު އައިޖީއެމްއެޗަށް ގެންދެވުނު، ދެ އޮޕަރޭޝަނެއް ކުރުމަށްފަހު އައިސީޔޫއަށް ބަދަލު ކުރެވުނު، ޑޮކްޓަރުންގެ އތައް މަސައްކަތަކުން ވެސް ދަރިފުޅު ސަލާމަތްނުވި، 17 ޑިސެމްބަރުގައި ދަރިފުޅުގެ ފުރާނަ މިދުނިޔެ ދޫކުރި، އޭރު އުމުރުން އަށް އަހަރާއި ތިން މަހާއި 25 ދުވަސް،"

ފަރުޒާނާ ބުނީ، މި ހާދިސާގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު އަސަރެއް ކުރި ކަމަށެވެ. އަދި ކޮންސްޓްރަކްޝަން ދާއިރާގެ ކަންކަން އިސްލާހު ކުރަންޖެހޭކަން މި ހާދިސާއިން އެންހެމާ ދިވެހިންނަށް އެނގިގެން ދިޔަ ކަމަށެވެ.

"އެނބުރި މާލެ މި އައީ ދަރިފުޅަށް އިންސާފު ހޯދަން، މި ހާދިސާ ހިނގާފައިވަނީ އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި މަސައްކަތް ކުރުން، ލިބިގެންދާ ހިތްހަމަ ޖެހުމަކީ މި މައްސަލަ މިހާރު ވެސް ވަރަށް ބާރަށް ތަހްގީގް ކުރެވެމުންދާކަން، ތަހްގީގީ މުއައްސަސާތަކުން ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން،" ފަރުޒާނާ ބުންޏެވެ.

ފަރުޒާނާ ބުނީ، މާދަމާ ފ. ނިލަންދޫ ސިއްހީ މަރުކަޒަށް ވަޒީފާއަށް ނިކުންނާނެ ކަމަށެވެ. އަދި ދަރިފުޅަށް އިންސާފު ލިބެންދެން ރާއްޖޭގައި މަޑުކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

"މީހުން ޖިއަން ދެކެނީ އެވީޑިއޯގައި ސިމެންތި ބަސްތާ ވެއްޓުނު ކުއްޖެއްގެ ގޮތުގައި، ޖިއަން އަކީ ވަރަށްވެސް ހިތްވަރުގަދަ ކުއްޖެއް، އޭނާ ކިޔެވުމަށް ވަަރަށް ލޯބި ކުރޭ، ޓީޗަރުންނާއި ރައްޓެހިން ދެކެވެސް، ޖިއަން ބޭނުންވީ ދުނިޔެ ބަލާލަން ދަތުރުކުރަން، ޖިއަންގެ ހުވަފެނަކީ ޕައިލެޓަކަށްވުން،" ފަރުޒާނާ ބުންޏެވެ.

ފަރުޒާނާ އިތުރަސް ބުނީ، ޖިއަންގެ މަރުގެ ސަބަބުން އާއިލާއަށް ފުން ހިތާމައެއް ލިބިގެންދިޔަ ކަމަށެވެ. މި ހިތްދަތި ވަގުތުގައި ރާއްޖޭގެ ރައްޔިތުން އާއިލާއަށް ދިން ހިތްވަރަށް ޝުކުރު އަދާ ކުރާ ކަމަށެވެ. ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި ނައިބް ރައީސް ފައިސަލް ނަސީމާއި މާލެ ސިޓީ މޭޔާ ޝިފާ މުހައްމަދާއި ފުލުހުންނަށާއި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އަދި އައިޖީއެމްއެޗްގެ ސްޓާފުންނަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށް އޭނާ ބުންޏެވެ.