ދުނިޔެ

ޚާޝުގްޖީގެ ގަތުލުގެ ބައިނަލްއަގުވާމީ ތަހުގީގެެއް ފަށަނީ

Jan 22, 2019

އިސްޓަންބުލް (ޖެނުއަރީ 22) - ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރުގެ މައްސަލައިގެ ބައިނަލްއަގުވާމީ ތަހުގީގެއް ފެށުމުގެ ތައްޔާރިތައްވަމުން އަންނަ ކަމަށް ތުރުކީ ސަރުކާރުން ބުނެފި އެވެ.

އިސްޓަންބުލްގައި ޒުވާނުންގެ ބައްދަލުވުމެއްގައި، ތުރުކީގެ ފޮރިން މިނިސްޓަރު ވިދާޅުވީ، ޚާޝުގްޖީ މަރާލި މައްސަލާގައި ސައުދީ ސަރުކާރުން ހިންގި ތަހުގީގު އެއްވެސް މައުލޫމާތެއް ތުރުކީ އާއި މިހާތަނަށް ހިއްސާކޮށްފައިނުވާ ކަމަށެވެ.

ސައުދީ ޝާހީ އާއިލާއާ ކުރިން ގާތް ގުޅުމެއް އޮތުމަަށް ފަހު، ފަހުން އެއާއިލާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ޚަޝޫގްޖީ ވީތަނެއް ނޭނގޭ ކަމަށް ބުނުމަށްފަހު، ނޫސްވެރިޔާ މަރުވެފައިވަނީ އޭނާއާ ސުވާލުކުރި ސައުދީ އޮފިޝަލުންތަކަކާ ދެމެދު ހިނގި "މާރާމާރީއެއްގައި" ކަމަށް ފަހުން ވަނީ ބުނެފަ އެވެ.

ތުރުކީ ސަރުކާރުން ގަބޫލުކުރާ ގޮތުގައި، އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް އޮކްޓޯބަރު 2 ވަނަ ދުވަހު ޚާޝުގްޖީ ވަނުމާ އެކު ކަރުގައި ހިފައިގެން އޭނާ މަރާލާފައިވާ ކަމަށެވެ.

ފޮރިން މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، އެ ގަތުލުގެ ހަގީގަތް ފޮރުވުމަށް ހުޅަނގުގެ ގައުމުތަކުން ސައުދީ ސަރުކާރަށް އެހީތެރިވެދެމުން އަންނަ ކަމަށެވެ.

"އަހަރެމެންނަށް އެބަފެނޭ، މިނިވަން ނޫސްވެރިކަމަށް ވަކާލާތުކުރާ މީހުން، ފައިސާ ފެނިގެން މިކަން ފޮރުވަން މަސައްކަތްކުރާތަން،" މިނިސްޓަރު ތުހުމަތު ކުރެއްވި އެވެ.

"އެހެންވީމަ އަހަރެމެން މި އަންނަނީ ކުރިއަށްއޮތް ދުވަސްތަކުގައި ބައިނަލްއަގުވާމީ ތަހުގީގެއް ފެށުމުގެ ތައްޔާރިތައް ވަމުން، އެކަމަށް ބޭނުންވާ ފިޔަވަޅުތައް އަޅަމުން ގެންދާނަން."