ހަބަރު

އަދީބާ މެދު އަމަލުކުރާނީ ލާއިންސާނީކޮށް: ވަކީލް

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުއާމެދު އަމަލު ކުރަމުން ގެންދަނީ ގާނޫނު އަސާސީގައި އަންގަވާފައިވާ ގޮތާއި ހިލާފަށް ހަމަހަމަކަން ނަގާލުމަށްފަހު ވަރަށް ލާއިންސާނީކޮށް ކަމަށް އޭނާގެ ގާނޫނީ ވަކީލް ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދީބުގެ ވަކީލް އިސްމާއިލް މުހައްމަދު ވިދާޅުވީ، އަދީބުގެ މައްސަލަތައް މަތީ މަރުހަލާގެ ކޯޓުތަކަށް ހުށަހެޅިފައިވާނެ ކަމަށާއި ނަމަވެސް މިހާތަނަށްވެސް އެއްވެސް މައްސަލައެއްގައި ފައިސަލާއެއް އިއްވާފައިނުވާ ކަމަށާއި އަޑުއެހުމެއްވެސް މިހާތަނަށް ބާއްވާފައިނުވާ ކަމަށެވެ.

އިސްމާއިލް މުހައްމަދު ވިދާޅުވީ، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އަކީވެސް ޖަލުގައި ހުންނެވިއިރު، އެކި ފަހަރުމަތީން ޑޮކްޓަރުގެ އެންގުންތަކާއި އެއްގޮތަށް ގެއަށް ބަދަަލުކޮށް ފަރުވާ ދެއްވި ބޭފުޅެއް ކަމަށާއި ނަމަވެސް އެފަދަ ކަންކަން ތަހައްމަލް ކުރައްވާފައިވާ ފަރާތަކުން އަމަލު ކުރަމުންދަނީ އަދީބުއާ ދޭތެރޭ ވަރަށް އިހާނެތިކޮށް ކަމަށެވެ. އަދި ޑޮކްޓަރުގެ ލަފާޔާއި ހިލާފަށް އަދީބު އަނބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ހިތާމަކުރަން، ރާއްޖޭގެ ގާނޫނު އަސާސީގައި ހަމަހަމަކަމާއެކު އަމަލުކުރުމަށް ނަމަވެސް އިމްރާންގެ އަމަލުތަކުން ފެނިގެންދަނީ ހަމަހަމަކަން ނަގާލުމަށްފަހު އަދީބުއާ ދޭތެރޭގައި ވަރަށް ލާއިންސާނީކޮށް އަމަލުކުރުމަށްފަހު ވަރަށް ގަދަބާރު ބޭނުން ކުރައްވައިގެން އެބޭފުޅާ އަނެއްކާވެސް ޖަލަށް ގެންދެވުނުތަން،" އިސްމާއިލް މުހައްމަދު ވިދާޅުވި އެވެ.

އިސްމާއިލް މުހައްމަދު ވިދާޅުވީ، އަދީބުގެ ސީރިއަސް މެޑިކަލް ކޮންޑިޝަންތަކެއް އެބަހުރި ކަމަށާއި އެކަންކަން ޑޮކްޓަރުންގެ ލިޔުންތަކުން ސާފުވާ ކަމަށެވެ. މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް ހުށަހާޅާފައިވާ ކަމަށާއި އެކޮމިޝަނުންވެސް ވަނީ އަދީބުއާމެދު އަމަލު ކުރެވެމުންދަނީ ޑޮކްޓަރުގެ ލަފަޔާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެކަމާ ގުޅޭ މައްސަލަ ޕޮލިހަށް ހުށަހަޅަން ދިއުމުން އެތަނުން ބަލައިގެންފައިނުވަނީ އެތަނުގެ ބޮޑުން އަންގައިގެން ކަމަށެވެ.

"ފެނިގެންމިދަނީ އަދީބުވީތީ ދަތިކުރުން ނުވަތަ އެބޭފުޅާއަށް ލިބެންޖެހޭ އަސާސީ ހައްގުތަކުން މަހުރޫމް ކުރާކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަ ކުރެވުނީ، އަދީބަށް މިވަނީ ފުރާނައަށް ގެއްލުންވާފަދަ ބަލި ހާލަތުތަކެއް ހުރި ކަމަށް ޑޮކްޓަރުން ލަފާދީފައި، އެހެން ނަމަވެސް އެހެން މީހުންނާ ދޭތެރޭ އަމަލުކުރަމުންދާ ގޮތާއި ހިލާފަށް އަދީބާ ދޭތެރޭ އަމަލު ކުރަމުންދަނީ، " އިސްމާއިލް މުހައްމަދު ވިދާޅުވި އެވެ.

މި މައްސަލާގައި ގާނޫނީ ގޮތުން ކުރެވެންހުރި ހުރިހާ ކަމެއް ކުރަމުންގެންދާ ކަމަށާއި ކަމާގުޅުން ހުރި ހުރިހާ މުއައްސަސާއަކަށް މިކަމާ ގުޅުންހުރި މައްސަލަތައް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ، އަދީބުގެ ބޭސްފަރުވާއަށް ހުރަސް އަޅަނީ އިމްރާން ކަމަށެވެ. އަދި އަދީބަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމަށް ސަރުކާރުންނާއި ހޯމް މިނިސްޓްރީން އެކަން ފަހިކޮށްދޭންޖެހޭ ކަމަށް ނަޝްވާ ވިދާޅުވި އެވެ.

ނަޝްވާ ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރު ދިން އަނިޔާ މި ސަރުކާރުންވެސް އަދީބަށް ދެމުން ގެންދާ ކަމަށެވެ. އަދި އެގޮތަށް އިމްރާން އަމަލު ކުރައްވާ ސަބަބު ބަޔާންކޮށްދިނުމަށްވެސް ނަޝްވާ ވަނީ ގޮވާލާފަ އެވެ.