މަރާލާފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކޮމިޝަނުން ޕްރޮފެސަރު ހަސަން އުގެއިލްގެ އެހީތެރިކަން ހޯދަން ފަށައިފި އެވެ.
މަރުތަކާބެހޭ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ، ތަހުގީގަށް ބޭނުންވާ ބައެއް މީހުން ހޯދުމަށް އުގެއިލްއާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެކަމާ ގުޅިގެން އުގެއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއަށް އެންމެ ފަހުން ކުރެއްވި ދަތުރުގައި މަރުތަކާބެހޭ ކޮމިޝަންގެ މެންބަރުންނާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެކޮމިޝަނުން ތަހުގީގް ކުރަމުންދާ ބައެއް މައްްސަލަތަކުގައި ހިމެނޭ ބައެއް ތަކެތިތައް ބަލާލުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ހުންނެވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މަރުތަކާބެހޭ ކޮމިޝަނުން އުގެއިލްގެ އެހީ ހޯދަމުންދާއިރު، އިއްޔެ ވަނީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭ ވީޑިއޯއެއް އާންމުކޮށް އެއިން ފެންނަ ދެ މީހަކު ހޯދުމަށް އާންމުންގެ އެހީއަށް އެދިފަ އެވެ. އެ ކޮމިޝަނުން އާންމުކުރި ވީޑިއޯއަކުން ފެންނަނީ ދެ ސައިކަލެއްގައި ހަރަކާތްތެރިވި ދެ ޒުވާނެކެވެ.
ކޮމިޝަނުން ބުނި ގޮތުގައި އެއީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭގެ މަންޒަރެކެވެ. އެއީ ޑރ. އަފްރާޝީމް އަނިޔާވެރި ގޮތަކަށް މަރާލި ރެ އެވެ. ވީޑިއޯއިން ފެންނަނީ އަމީނީ މަގުގައި ހުންނަ ސްޓެލްކޯ އިމާރާތުގެ ކުރިމަތިން ކްރަސްޓީސް ރެސްޓޯރެންޓްގެ ހުޅަނގުގައި ހަރަކާތްތެރިވި ބައެކެވެ.
ކޮމިޝަނުން ވަނީ އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ހުރި މީހެއްވާނަމަ އެ ކޮމިޝަނަށް އެންގުމަށް އެދިފަ އެވެ. އާންމުކޮށްފައިވާ ވީޑިއޯއަކީ އެހާ ސާފު ވީޑިއޯއަކަށް ނުވާތީ އޭގެން ފެންނަ މީހުން ވަކިކުރަން އުނދަގުލެވެ.