އޮސްކާސް އެވޯޑްސް

އޮސްކާ ނޮމިނޭޝަންސް: ކުރީގައި "ރޯމާ" އާއި "ދަ ފޭވަރިޓް"

ހޮލީވުޑްގެ އެންމެ ބޮޑު އެވޯޑު ހަފްލާ އޮސްކާ އެވޯޑުގެ ނޮމިނޭޝަންތައް އިއުލާން ކޮށްފި އެެވެ.

ނޮމިނޭޝަންތަކުގައި ހުރިހާ ކެޓަގަރީ އަކުން އެންމެ ކުރީގައި ވާދަ ކުރަނީ ފިލްމު "ރޯމާ" އާއި " ދަ ފޭވަރިޓް" އެވެ. ޑައިރެކްޓަރު އަލްފޮންސޯގެ ޒުވާން ދުވަސްވަރު ދައްކުވައިދޭ ނެޓްފްލިކްސް ފިލްމު "ރޯމާ" އަށާއި ކޮމެޑީ ޑްރާމާ "ދަ ފޭވަރިޓް" ވަނީ އެކި ކެޓަގަރީތަކުން 10 ފަހަރު ނޮމިނޭޓް ވެފަ އެވެ.

މި ދެ ފިލްމާއެކު މާވެލްގެ ފިލްމު "ބްލެކް ޕެންތާ" އެންމެ މޮޅު ފިލްމުގެ ނޮމިނޭޝަންސްގައި ހިމެނުނެވެ. މިއީ ސުޕަހީރޯ ފިލްމެއް އޮސްކާގައި ނޮމިނޭޓްވި ފުރަތަމަ ފަހަރެވެ. އަދި، ގޯލްޑަން ގްލޯބްސް އިން ރަންވަނަ ހޯދި "ބޮހީމިއަން ރެޕްސޮޑީ"ވެސް އެންމެ މޮޅު ފިލްމުގެ ލިސްޓުގައި ނޮމިނޭޓްވި އެވެ. މި ނޮމިނޭޝަން އާއެކު ގޯލްޑަން ގްލޯބްސް އިން އެންމެ މޮޅު ފިލްމު ހޯދި "ބޮހީމިއަން ރެޕްސޮޑީ" އަށް އޮސްކާއިންވެސް އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބުން އެކަށީގެންވާ ކަމަށް ބައެއް ކްރިޓިކުން ބުނެ އެވެ.

އެންމެ މޮޅު ފިލްމުގެ ނޮމިނޭޝަންތައް
"ބްލެކް ޕެންތާ"
"ބްލެކްލެންސްމަން"
"ބޮހީމިއަން ރެޕްސޮޑީ"
"ދަ ފޭވަރިޓް"
"ގްރީން ބުކް"
"ރޯމާ"
"އަ ސްޓާ އިޒް ބޯން"
"ވައިސް"

އޮސްކާ ނޮމިނޭޝަން ތަކުގައި ހިމެނޭ އެންމެ މޮޅު އެކްޓްރެސް އަކަށް "ދަ ވައިފް" އިން ގްލެން ކްލޯސް އާއި " އަ ސްޓާ އިޒް ބޯން" އިން ލޭޑި ގާގާ ވާދަ ކުރާ އިރު މިއީ މިއަހަރުގެ އެންމެ ގަދަ ދެ ނޮމިނޭޝަން ކަމަށް ހޮލީވުޑްގެ ރިޕޯޓުތަކުން ބުނެ އެވެ. އެންމެ މޮޅު އެކްޓްރެސްއަކަށް ވާދަ ކުރާ މީހުންގެ ތެރޭގައި މެލިސާ މެކާތީ، އޮލިވިއާ ކޮމަން އަދި ޔަލިޓްޒާ ވެސް ހިމެނެ އެވެ.

އެންމެ މޮޅު އެކްޓަރުންގެ ލިސްޓުގައި ގޯލްޑަން ގްލޯބްސް އިން އެންމެ މޮޅު އެކްޓަރުގެ ވަނަ ހޯދި "ބޮހީމިއަން ރެޕްސޮޑީ"ގެ ރަމީ މަލެކް ހިމެނެ އެވެ. ރަމީ އާއެކު "ވައިސް" އިން ކްރިސްޓިއަން ބޭލް އާއި "އަ ސްޓާ އިޒް ބޯން" އިން ބްރޭޑްލީ ކޫޕާ ފާހަގަކޮށްލެވެ އެވެ.

މި އަހަރުގެ އޮސްކާ ބޭއްވުމަށް ހަމަޖެހިފައިިވަނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ.