ހަބަރު

އިންޑިއާ ކަނޑު ރައްކާތެރިކުރުމަށް އެމެރިކާގެ ދައުރު މުހިންމު: ޝާހިދު

Jan 23, 2019
2

ރާއްޖޭގެ މަސްލަހަތާއި ގުޅިފައިވާ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކަތެރިކަމަށް އެމެރިކާ އާއި ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާއި ބައްދަލުކުރެއްވުމަށް އެގައުމަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެމެރިކާގެ ސެންޓާ ފޮ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީސްގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން، ޝާހިދު ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރިކަމަށް ދެ ގައުމުގެ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާފަ އެވެ.

މިގޮތުން، ރާއްޖެއަކީ އިންޑިއާ ކަނޑަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެއްކަން މިނިސްޓަރު ފާހަގަ ކުރެއްވިކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި، ދެކުނު އޭޝިއާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސިޔާސީ މައިދާނުގައި ރާއްޖެ އިތުރަށް ވަރުގަދަވެގެންދާނީ ދެ ގައުމު ގުޅިގެން ކުރެވޭ މަސައްކަތްތައް ފުޅާ ކުރެވިގެން ކަމަށެވެ.