ކޮލަމް

ކޮލަމް އޭޑީ - އަބަދުވެސް އުންމީދުތަކުގައި ޖަހަނީ ކޮޅުފައިން!

މަލްޓި ޕާޓީ ޑެމޮކްރަސީއަކަށް ރާއްޖެ ބަދަލުވި ފަހުން އެކަނި އެއްޕާޓީއަކުން ނިކުމެ އިންތިހާބެއް ކާމިޔާބު ކުރެވިފަ އެއް ނުވެއެވެ. އެއީ ގައިމުވެސް ހަގީގަތެވެ. އެ ހަގީގަތް ބަލައިގަނެ ސިޔާސީ ޕާޓީތަކުން ކޮންމެ ފަހަރަކުވެސް އިންތިހާބާއި ކުރިމަތިލަނީ ކޯލިޝަނެއް ހަދައިގެންނެވެ. އެއިން ވަކިވާ ބައި ކޮންމެ ފަހަރަކު ވެސް ބަލިވަނީ އެވެ.

ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަަށް އެއްތަންވެ، ހިނިތުންވުމާއެކު އަތުގުޅާލައި، "ޔޭ ދޯޯސްތީ ހަމް ނަހީ ޗޯޅެންގޭ" އޭ ބުނެ ރައްޔިތުންނަށް ރީތި މަންޒަރެއް ދައްކުވަ އެވެ. އެ ހިސާބުން ރައްޔިތުންގެ ހިތް އުފާވެ އެވެ. އުންމީދުތަކާއެކު ކޯލިޝަނަށް ސިކުނޑި މުޅީން ފިޓްވެ އެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަލާއިރު، ޖުމްހޫރީ ޕާޓީ ނުވަތަ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ "ކިންގް މޭކާ" އެވެ. ގާސިމާއި ނުލައި ވެރިކަމަކަށް އާދެވޭ ގޮތެއް ވެސް އަދި ވެރިކަމަކަށް ދެމި އޮވެވޭ ގޮތެއް ވެސް ނުވެ އެވެ. އެ ހަގީގަތް މިއަދާ ހަމައަށް ދެމިއޮތުމުން ބައެއް މީހުން މިހާރު ހޭޝްޓެގް، #ސޭޓްނޫންގޮތެއް ބޭނުން ކުރެއެވެ. އެހެން ނަމަވެސް ހަގީގަތަކީ މިހާރު އޮތް ނިޒާމުގައި ގާސިމާ ނުލައި މިހާތަނަށް ބަޔަކަށް ވެރިކަމަށް އާދެވިފައި ނެތުމެވެ.

ރާއްޖޭގައި އެންމެ ފުރަތަަމަ 2008 ވަނަ އަހަރު ބޭއްވި ގިނަ ޕާޓީތައް އެކުލެވޭ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ ވެސް ގާސިމާއެކު ކޯލިޝަނެއް ހަދައިގެނެވެ. އޭގެ ފަހުން 2013 ގައި ބޭއްވި ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބު ލިބިވަޑައިގަތީ ވެސް ގާސިމާއެކު ކޯލިޝަނެއް ހަދައިގެނެވެ.

ދެހާސް އަށާރައިގައި ވެސް ފެނިގެން އެ ދިޔައީ އެ މަންޒަރެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވެސް ވެރިކަމަށް ވަޑައިގެންނެވުނީ ގާސިމް ހުންނެވި ކޯލިޝަންގެ ތެރެއިންނެވެ.

ފުރަތަމަ އުފެއްދި ދެ ކޯލިޝަންގެ ނަތީޖާ އައީ ވަރަށް ހިތިކޮށެވެ. ސަރުކާރު ރަނަގަޅަށް ހިނގައި ނުގަނެވި އުޅެނިކޮށް، ޅަފަތުގައި ރޫޅެނީ އެވެ. އެކަމާއި ރައްޔިތުން ތިބީ ވަރަށްބޮޑަށް މާޔޫސްވެފަ އެވެ. އެހެން ތިއްބާ 2018 އަށް ކޯލިޝަން ހެދީ ރާއްޖޭގެ ރައްޔިތުންގެ އެންމެ ބޮޑު ތާއީދަކާއި ލޯތްބެެއް ލިބިފައިވާ ލީޑަރުންނެވެ. ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމާއި އިމްރާން އަބުދުﷲ އެވެ. މިބޭބޭފުޅުންނަކީ ސިޔާސީ ގޮތުން ކޯލިޝަންގެ ކަންކަން އޮޅުން ފިލާފައި ތިއްބެވި ބޭފުޅުންނެވެ. ތަޖުރިބާ ވެސް ކުރައްވާފައިތިއްބެވި ބޭފުޅުންނެވެ.

ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް ކޯލިޝަން ހަދައި އިއުލާންކޮށް، ލީޑަރުން ބައްދަލުވެ، އޭގެ ކުރިން "އަށާރަ ނަވާރަ" ކޮމިޓީ ހަދައިގެން މަސައްކަތް ކުރި އިރުވެސް ކޯލިޝަން ފޯމިއުލާއާމެދު ރައްޔިތުންގެ މާބޮޑު އުންމީދެއް ނެތެވެ. ކުރިން ދެ ފަހަރަށް ފެއިލްވެފައިވާ ފޯމިއުލާއަކަށްވާތީ އެވެ.

އެ ކޯލިޝަން ރޫޅޭނެ ކަން ފަހުމް ނުވާން އެއީ "ރޮކެޓް ސައިންސް" އެއް ވެސް ނޫނެވެ. ނަމަވެސް އެ ރައްޔިތުންގެ ބޮޑުބައިގެ ވިސްނުން ބަދަލު ކުރުވީ އެ ހަތަރު ލީޑަރުންނާއި ޕާޓީތަކުގެ އިސްވެރިންގެ އިތުރުން ކެނޑިޑޭޓާއި ރަނިންމޭޓެވެ.

އިންތިހާބު ދުވަސްވަރު އެންމެ ބޮޑަށް ވިއްކި އެއްޗަކީ ގައުމަށްޓަކައި ވަކި ނުވެ ދެމި ތިބުމެވެ. އެވެ. އުސޫލެއްގެ ގޮތުން އިންތިހާބަށް ވިއްކަން އޮންނަނީ މެނިފެސްޓޯ އެވެ. ނަމަވެސް ވިއްކީ ލީޑަރުން އަތުގުޅާލުމާއި ހިނިތުން ވުމުން ގެނެސްދޭ އުންމީދެވެ. ކުރިން ހެދި ގޯސްތައް ތަކުރާރު ނުކުރާނެ ކަމުގައި އުންމީދެވެ.

މިވަގުތު ރާއްޖޭގެ ސިޔާސީ ކަންކަން އޮތީ އެހެން ހެއްޔެވެ؟ ފެންނަނީ ގޯސްތައް ތަކުރާރު ކުރާ ތަނެވެ. އެއްބަޔަކު އަނެއް ބަޔަކަށް އެއްޗެހި ގޮވައި ގަދަ ބަސްބުނެ، އެއްބަޔަކު އަނެއް ބަޔަކަށް ބިރު ދައްކާތަނެވެ. އަނެއްކާވެސް ކޯލިޝަންގެ މާޒީ ތަކުރާރުވާ މޫސުމެއް މިއޮއް ލައިގަންނަނީ އެވެ.

ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވާ ފަދައިން މައްސަލައަކީ އެއް ގޮތެއްގައި ތިބޭވަރަށްވުރެ ސިޔާސީ ގޮތުން އެދުން ބޮޑުވުމެވެ. ގައުމާއި އާންމު މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު ބޮޑުވުމެވެ. އަބަދުވެސް ޖެހެނީ މި މައްސަަލަ އެވެ. މީގެ ކުރިން ހެދި ކޯލިޝަންތައް ވެސް ރޫޅުނީވެސް އެކަމަކާ ހެދި އެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުން ވަޑައިގެންނެވި އިރު ލީޑަރުން ތިއްބެވީ ބަންދުގަ އެވެ. ބައެއް ލީޑަރުން އަރުވާލެއްވިގެނެވެ. އެހެންވެ ލީޑަރުން ތަމްސީލު ކުރަން "އަށާރަ ނަވާރަ" ކޮމިޓީއެއް ހަދައިގެން ކުރިޔަށް ދިޔައެވެ.

ލީޑަރުންނަށް އެކުގައި ސޮއެ ކުރެވެން ނެތުމުން "ސްމާޓް" މޫވްއެއްގެ ގޮތުގައި ކޯލިޝަންގެ ކެނޑިޑޭޓް ވަކި ވަކިން ޕާޓީތަކާއެކު އެއްބަސްވުމުގައި ސޮއެ ކުރެއްވީ އެވެ. ރައީސް މައުމޫން ފިޔަވަ އެވެ. މައުމޫންގެ ފަރާތުން އޭގައި ސޮއި ނުކުރީ އޭރުވެސް އެއްބަސް ވެފައިވާ ގޮތާއި ހިލާފަަށް ކަންކަން ދާން ފަށައިފި ކަމަށް ބަލައިގެނެވެ. ކޯލިޝަންގައި ހުޅު ފަޅައިގެން ދިޔައީ އެއްބަސްވެފައިވާ ގޮތާއި ހިލާފަށް މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެމްޑީޕީ ކުރިމަތިލާން ނިންމުމުންނެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެެއިންތައް ވަކީވަކީން ފަށައި މިހާރު އެއް ބަޔަކު "މަހުޖަނުގެ ކިބައިން" ގައުމު ސަލާމަތް ކުރަންޖެހޭ ކަމަށްބުނެ ވާހަކަ ދައްކަން ފެށީ އެވެ. އަނެއްކޮޅުން ވެސް ގަދަބަސް ބުނަން ފެށީ އެވެ. އެ ގަދަބަސް ބުނުމުގައި ޒާތީވާ ހިސާބަށް ގޮސް މިހާރު މިއޮތީ ނިމޭ ހިސާބުގައެވެ.

މިހާރު ކުރެެވެން އޮތް ކަމަކީ މަޝްވަރާ ކުރުމެވެ. ކޯލިޝަން އެއްބަސްވުމާއި އެއްގޮތަށް އެމްޑީޕީއަށް ދެން އަމަލެއް ނުކުރެވޭނެ އެވެ. ޕާޓީއިން ޕްރައިމަރީ ބާއްވައި ކެނޑިޑޭޓުން ވެސް ހަމަޖެހުމުން އެ މަގު ބަންދުވީ އެވެ. އެހެން ކަމުން ކޯލިޝަންގެ އެތެރެއަށް ތަރުތީބެއް ގެންނަން ދެވެން އޮތް ފަރުވާއަކީ ރައީސް ސޯލިހު އިސްވެ ލީޑަރުން މަޝްވަރާގެ މޭޒަށް ގެންދިއުމެވެ.

ކޯލިޝަން ދެމެހެއްޓުމަކީ ރައީސް ސޯލިހު އާއި، ހަތަރު ލީޑަރުން ވެސް ރައްޔިތުންނަަށް ވެފައިވާ ވައުދެކެވެ. އެ ވައުދާއި ހިލާފުވެ ކޯލިޝަން ރޫޅިއްޖެ ނަމަ ދެން ރައްޔިތުން އެއްވެސް ކޯލިޝަނަކަށް އިތުބާރެއް ނުކުރާނެ އެވެ. މިފަހަަރު ރައްޔިތުންގެ މޭމަތީގައި ކޮޅުފައިން ނުޖަހާނެ ކަމުގެ ޔަގީންކަން ރައްޔިތުން ވަރަށް އަވަހަށް ބޭނުންވެ އެވެ.