ވިޔަފާރި

އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތައް މުޅި ރާއްޖެ އަށް

އުރީދޫގެ ޕާޓްނަރުންގެ ވިއުގަ ފުޅާ ކުރުމުގެ ގޮތުން ގިނަ ހިދުމަތްތަކާއެކު އެކްސްޕީރިއަންސް ސެންޓަރުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުޅުވަން ފަށައިފި އެވެ.

އުރީދޫން ބުނީ މީގެތެރޭގައި ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ޕްލޭނާއި އެޑް-އޯންތައް ހިޔާރުކުރެއްވުން، އުރީދޫގެ ބިލަށް ފައިސާ ދެއްކުން އަދި އެމް-ފައިސާގެ ހިދުމަތްތައް ހޯދުން ވެސް ހިމެނެ އެވެ. ހަމައެހެންމެ، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ތައާރަފް ކޮށްފައިވާ ރަށްތަކުގައި، ސުޕަނެޓްގެ ހިދުމަތްތައް ވެސް އުރީދޫގެ ޕާޓްނަ ފިހާރަތަށް މެދުވެރިކޮށް ބައްލަވައިގަނެވޭނެ އެވެ. އަދި ހުރިހާ ފިހާރަތަކުން ވެސް އުރީދޫގެ ހިދުމަތްތަކާއި ބިލްތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދެވި، ކަސްޓަމަރުންގެ ސުވާލުތަކަށް ވަރަށް ގާތުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ ޓެކްނޮލޮޖީގެ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި، ކަސްޓަމަރުންނާއި ހަމައަށް އަޅުގަނޑުމެންގެ ހިދުމަތްތައް ފޯރުކޮށްދޭ ޑިސްޓްރިބިއުޝަން ސްޓްރެޓެޖީ އިން ފެށިގެންގޮސް ކަސްޓަމަރުންނާއި ކުރާ މުއާމަލާތްތަކާއި ކުންފުނީގެ އެތެރޭގެ ތަފާތު ހިންގުންތަކާއި ހަމައަށްވެސް، އަޅުގަނޑުމެން މިދަނީ ސުމޭކީ އާލާތްތައް މެދުވެރިކޮށް ވަރުގަދަ ކުރަމުން ކަމަށެވެ.

"ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް، އުރީދޫގެ ކޮންމެ ހިދުމަތެއް ހިޔާރުކުރުމުގެ ފުރުސަތު މަގުފަހިކޮށް، ކަސްޓަމަރުންގެ ކޮންމެ ބޭނުމަކަށް ވެސް އަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދެވުމަކީ އަޅުގަނޑުމެން ނުހަނު ފަޚުރުވެރިވާ ކަމެއް. ޒަމާނީ ޓެކްނޮލޮޖީތަކާއި، އީޖާދީ ހިދުމަތްތަކުގެ އެހީގައި އުރީދޫ އިން އަބަދު ވެސް މަސައްކަތް ކުރަމުންދާނީ، އަޅުގަނޑުމެންނާއި އެކު ކަސްޓަމަރުން ކުރާ ކޮންމެ ތަޖުރިބާއެއްވެސް އިތުރަށް ފުރިހަމަކޮށްދިނުމަށް،" ނަޖީބު ވިދާޅުވި އެވެ

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބެހިފައިވާ ކަސްޓަމަރުންނަށް އެއް ފެންވަރެއްގައި، ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމަކީ އުރީދޫ އިން ފެށުނީއްސުރެ އަހަމިއްޔަތުކަންދޭ ކަމެކެވެ. ދެހާސް ސޯޅަ ވަނަ އަހަރު ރާއްޖޭގެ އުތުރުން ދެކުނަށް ސަބްމެރިން ކޭބަލް އެޅުމާއި އެކު، އުރީދޫއިން ވަނީ މުޅި ރާއްޖެއަށް 4ޖީ ޕްލަސް ގެ ނެޓްވަރކް ފޯރުކޮށްދީ، ގައުމުގެ މުއާސަލާތީ ވިއުގަ އެތައް ގުނައަށް ވަރުގަދަ ކޮށްދީފައެވެ. މިކަން ވެގެން ދިޔައީ، އެންމެހާ ދިވެހިންވެސް ހިމެނޭގޮތަށް، ބައިނަލްއަޤްވާމީ ސުމޭކީ ދުނިޔެއާއި ގުޅުވާލަދިން ކަމަކަށެވެ. ހަމައެހެންމެ، އިޤްތިސާދީ އަދި އިޖްތިމާއީ ތަރައްޤީ މަގުފަހިކޮށްދިނުމުގައި ބްރޯޑްބޭންޑުގެ މުހިއްމު ދައުރު ދެނެގަނެ، އުރީދޫ އިން ވަނީ 4ޖީ ޕްލަސް މެދުވެރިކޮށް ބްރޯޑްބޭންޑުގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދީފައެވެ. މީގެ އިތުރުން، އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ ބުރަ މަސައްކަތާއި އެކު، 2018 ގެ ނިޔަލަށް ވަނީ ރާއްޖޭގެ 60 ޕަސެންޓްއަށް ހިދުމަތް ފޯރުކޮށްދީފަ އެވެ.