ހަބަރު

އަދީބާއި ޖެހިގެން އުޅޭ މައްސަލައެއް މިނިސްޓަރު އިމްރާން ހާމަ ކޮށްދިނުމަށް ނަޝްވާ އެދިއްޖެ

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަބުދުލްގަފޫރާއި ޖެހިވަޑައިގެން އުޅުއްވާ މައްސަލައެއް ހާމަ ކޮށްދިނުމަށް އަދީބުގެ އަބިކަނބަލުން މަރިޔަމް ނަޝްވާ ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބުދުﷲގެ ކިބައިން އެދިއްޖެ އެވެ.

އަދީބުގެ އާއިލާއާއި، ވަކީލުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝްވާ ވިދާޅުވީ، އެ ސުވާލުގެ ޖަވާބު ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި، ޖަލުން މިނިވަންވެވަޑައިގަތުމަށްފަހު ޝައިޙް އިމްރާން އެންމެ ބާރަށް ވިދާޅުވަމުން ގެންދެވި ވާހަކައަކީ ޖަލުގައި އެންމެ ބޮޑު އަނިޔާއެއް ލިބެނީ އަދީބަށް ކަމަށެވެ.

ނަޝްވާ ވިދާޅުވީ 3 އަހަރު ތެރޭ ލިބިގެންދިޔަ އަނިޔާ އެހާ ބާރަށް މި ސަރުކާރުންވެސް ދެމުންގެންދާތަން ފެންނަމުން ދާ ކަމަށާއި، އަދީބާއި ޖެހިގެން އުޅޭނީ ކޮން މައްސަލައެއް ކަން މިނިސްޓަރު އިމްރާން ސާފުކޮށްލަދޭން ޖެހޭ ކަމަށެވެ.

"ކެރިވަޑައިގަންނަވަންޏާ އަދީބާއި، ޖެހިގެން ތިއުޅޭ ޒާތީ މައްސަލަ އެއް އޮތިއްޔާ އަޅުގަނޑުމެންނަށް އެވާހަކަ އަންގާލަ ދެއްވާށޭ، އެހެން ނޫނިއްޔާމު ދެން އަޅުގަނޑަކަށް ނުފެނޭ ހަގީގަތުގައި، ތިބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ޝައިޙް އިމްރާން އެގޮތަށް ވިދާޅުވެފައި، ފަހެއް ނޫނީ 10 ދުވަހުގެ ތެރޭ އަދީބު އެޑްމިޓް މި ކުރެވުނީ" ނަޝްވާ ވިދާޅުވި އެވެ.

ނަޝްވާ އިތުރަށް ވިދާޅުވީ، އަދީބު ދުވަސް ކޮޅަކަށްވެސް ހޮސްޕިޓަލަށް ގެންދެވުނީ އިމްރާންގެ ހެޔޮފުޅުކަމުން ކަމަށް ބުނަމުންދާ ކަމަށާއި، އެހެން ނަމަވެސް އެކަމަކީ އިމްރާނާއި ބެހޭ ކަމެއް ނޫން ކަމަށެވެ. އެއީ ކަރެކްޝަންސްގެ ގަވައިދުތަކުން ކޮމިޝަނާ އޮފް ޕްރިޒަންސްގެ މައްސޫލިއްޔަތެއް ކަމަށެވެ.