ހަބަރު

އަންނަ މަހު ކުޅުދުއްފުށި، ސިޓީއަކަށް ބަދަލުވުމުގެ އުއްމީދު ބޮޑު: ކައުންސިލް

އަންނަ ފެބުރުއަރީ މަހު ހދ. ކުޅުދުއްފުށި، ސިޓީއެއްގެ ގޮތުގައި ހަމަޖައްސާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށާއި އެކަން އަންނަ މަހުގެ ތެރޭގައި ހާސިލްވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް އެ އަތޮޅު ކައުންސިލުން ބުނެފި އެވެ. އެއީ ރާއްޖޭގެ އުތުރުގެ ފުރަތަމަ ސިޓީ އެވެ.

ގާނޫނުގައިވާ ގޮތުން އާބާދީގައި 10،000 މީހުން އުޅޭނަމަ އެއީ ސިޓީއެކެވެ. ކުޅުދުއްފުށީގެ އާބާދީ 10،000 އަށް އަރާފައިވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދިނުން ލަސްވެފައިވަނީ ގާނޫނީ ހުރަސްތަކެއް ހުރުމުންނެވެ.

މިހާތަނަށް ސިޓީއަކަށް ބަދަލުކޮށްފައިވަނީ އައްޑޫ އަތޮޅާއި ފުވައްމުލަކެވެ. ވަކި ރަށެއް ސިޓީއަކަށް ހަދަން މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން ކުޅުދުއްފުށި ސިޓީއަކަށް ހެދުމަށްފަހު އެ އަތޮޅުގެ ވެރިކަން ކުރާ ރަށެއް ކަނޑައަޅަން ޖެހެ އެވެ. އަދި އަތޮޅު ކައުންސިލަށް ބަދަލު ގެނެސް، ކުޅުދުއްފުށީ ރަށު ކައުންސިލް އުވާލައި ސިޓީ ކައުންސިލެއް ނަގަން ޖެހެ އެވެ.

ކުޅުދުއްފުށީގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން މިނިސްޓްރީތަކަށް ބައްދަލުކުރެއްވުމަށް މިހާރު މާލެ ވަޑައިގެން އުޅުއްވާ އަތޮޅު ކައުންސިލްގައި ހިމެނިވަޑައިގަންވަނާ ކުޅުދުއްފުށީ މެންބަރު އަހުމަދު އާތިފް ވިދާޅުވީ ކުޅުދުއްފުށީ ސިޓީއަކަށް ހެދުމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލަން ރައީސް އޮފީހާއި ބަންޑާރަ ނައިބު އޮފީހުން މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެކަން ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ.

"ކުޅުދުއްފުށީ ސިޓީއަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނިންމަން ޖެހޭ ކަންކަން ވެސް ނިންމުމަށްފަހު އަންނަ ފެބުރުއަރީ މަހުގެ ތެރޭގައި ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވެގެން ދާނެ ކަމުގެ އުއްމީދު އެބަ އޮތް،" އާތިފް ވިދާޅުވި އެވެ.

ހދ. އަތޮޅު ކައުންސިިލްގެ ރައީސް ހުސެއިން ހަސަން ވިދާޅުވީ ކުޅުދުއްފުށީ ސިޓީއަކަށްވުމުން ދެން އަތޮޅު ވެރިކަން ކުރާނެ ރަށެއް ކަނޑައަޅަން ޖެހޭ އަތޮޅުގެ 12 ރަށުގެ ތެރެއިން ގިނަ ރަށްތަކެއް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ ކަމަށެވެ.

އެ އަތޮޅުގައި އެންމެ ފުރަތަމަ ވެރިކަން ކުރީ ނޮޅިވަރަމްފަރުގަ އެވެ. ނަމަވެސް އެ ރަށުގެ އާބާދީ މަދުވެ ފަހުން ކުޅުދުއްފުއްޓަށް ވެރިކަން ބަދަލުކުރީ އެވެ. މިހާރު ނޮޅިވަރަމްފަރަކީ އެހެން ރަށްރަށުން ވެސް މީހުން އާބާދުކޮށްފައިވާ ބިން ބޮޑު ރަށެކެވެ. އެ އަތޮޅު ނޮޅިވަރަކީ ވެސް އާބާދީ ބޮޑު ރަށެކެވެ. ވަކިން އޮންނަ މަކުނޫދޫގައި ވެސް ގިނަ މީހުން ދިރިއުޅެ އެވެ.