ހަބަރު

ސުއޫދަށް ދައުވާ ކުރެވޭނީ ޕީޖީއިން ދައުވާ އުފުލުމުން: ނަޝީދު

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދުގެ މައްޗަށް ދައުވާ ކުރެވޭނީ ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް އެކަމަށް އެދިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަރާލާފައިވާ މީހުންނާއި، ވީނުވީއެއްނޭގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދުގެ މައްސަލައެއް ކުރިމިނަލް ކޯޓުން ވަނީ ބެލުމަށް ނިންމާފަ އެވެ. ސުއޫދުގެ މައްސަލައެއް ބެލުމަށް ކުރިމިނަލް ކޯޓުން ނިންމީ އެ ކޯޓުގެ ގާޒީންނާއި ގޭންގުތަކާއި ގުޅުން އޮންނަ ކަމަށް ބުނެ ސުއޫދު ދެއްކެވި ވާހަކަތަކުގެ ސަބަބުންނެވެ.

އެކަމާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަަލަތައް ތަހުގީގު ކުރާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދުގެ މައްޗަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ދައުވާއެއް ކުރެވޭނީ ޕީޖީ އޮފީހުން، ދައުލަތުން ދައުވާ އުފުލުމުން ކަމަށެވެ.

ރައީސް ނަޝީދު ކުރައްވާފައިވާ ޓުވީޓް

ރައީސް ނަޝީދު އެހެން ވިދާޅުވެފައިވާއިރު، ޖުޑިޝަރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުޑީޝަލް އެކަޑަމީގެ ޗާނެސެލާ އަހުމަދު މާޖިދު ވަނީ ސުއޫދުގެ އަމަލަކީ ކޯޓުތަކުގެ ހުރުމަތް ކެނޑުން ކަމަށާއި، ސުއޫދާއި މެދު ފިޔަވަޅު އެޅުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް ގަނޫނީ ވަކީލުންވެސް ބުނަމުން ގެންދަނީ ކޯޓުތަކުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވައިދުގެ ދަށުންވެސް ސުއޫދުގެ މައްސަލަ ނުބެލޭނެ ކަމަށެވެ. އަދި އެއީ ސުއޫދު ކޯޓުގެ އިހުތިސާސް ނުހިގާ ތަނެއްގައި ހުރެ ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.