ވިޔަފާރި

ނެސްލޭގެ އުފެއްދުންތައް ޕްލާސްޓިކުގައި ބަންދު ކުރުން ހުއްޓާލަނީ

Jan 24, 2019

ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާބޯތަކެތި އުފައްދާ ނެސްލޭ ކުންފުނިން ޕްލާސްޓިކްގައި ބަންދު ކުރުން ހުއްޓާލަން ނިންމައިފި އެވެ.

ދިވެހިން އާއްމު ކެއުމާއި ބުއިމުގައި ބޭނުންކުރާ ގިނަ ބާވަތްތަކެއް ވެސް އުފައްދާ ކުންފުނިން ބުނެފައިވާ ގޮތުގައި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހުއްޓާލަން ދުނިޔެ ފަށާފައިވާ ކެމްޕޭންގައި ބައިވެރިވުމުގެ ގޮތުން އެ ކުންފުނިން ޕްލާސްޓިކުގައި ބަންދު ކުރުން ހުއްޓާލަން ނިންމާފައިވަނީ 2025 ވަނަ އަހަރު އެވެ.

މިދިޔަ އަހަރު 90 ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރިކޮށްފައިވާ ނެސްލޭ ކުންފުނިން ބުނެފައިވާ ގޮތުގައި ތިމާވެށި ހަޑިކުރާ ޕްލާސްޓިކް ހުއްޓާލަން އަޅާ ފިޔަވަޅާއެކު، ދެން އެ ކުންފުނީގެ އުފެއްދުންތަކުގެ ޕެކިން ހުންނާނީ ދެވަަނަ ފަހަރަށް ބޭނުންކުރެވޭ ފަދަ ރީ-ޔޫސަބަލް ޕެކިންގަ އެވެ.

މި ފިޔަވަޅުތަކުގެ ދަށުން މިހާރު ވެސް އެ ކުންފިން އުފައްދާ ބައެއް ބާވަތްތައް ތިމާވެއްޓާ ރަހުމަތްތެރި އުފެއްދުންތަކަށް ބަދަލު ކުރަން ފަށާފައިވާކަން ނެސްލޭ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ނެސްލޭގެ މި ބޮޑު ނިންމުމާއެކު 2025 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން އުފައްދާ 2،000 އަށްވުރެ ގިނަ މަރުކާގެ އުފެއްދުންތައް ހުންނާނީ ތިމާވެއްޓާއި ރަހުމަތްތެރި ޕެކިންގަ އެވެ. މި ބްރޭންޑުގައި އުފައްދާ ބާވަތްތަކުގެ ތެރެއިން ދިވެހިންގެ މެދުގައި އެންމެ މަޝްހޫރު އުފެއްދުންތަކަކީ މައިލޯ އާއި ކިޓްކެޓް ޗޮކްލެޓް އަދި ކެއްކުމުގައި ބޭނުންކުރާ ތަފާތު ބާވަތްތަކެވެ.