ވޭތުވެ ދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންގެ އަދަދު ދެ ގުނަ އަށްވުރެ އިތުރުވެ، ކުންފުންޏަށް ބުރަ ބޮޑުވެއްޖެ އެވެ.
އެޗްޑީސީގެ އާ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާ 2015 ވަނަ އަހަރު އެ ކުންފުނިން ވަކިވެޑައިގެންނެވިއިރު އެ ކުންފުނީގައި ތިބި މުވައްޒަފުންގެ އަދަދު 400 އަށް ނާރާނެ ކަމަށެވެ. ނަމަވެސް މިހާރު ކުންފުނީގެ މުވައްޒަފުންގެ އަދަދު 955 އަށް އިތުރުވެފައިވާ ކަމަށެވެ.
"އެހެންވީމަ ދެ ގުނަ އަށް ވުރެ ވެސް އިތުރުވެފައި އެވަނީ. [މުވައްޒަފުން ހޯދުމު] ގައި ބަލަން ޖެހޭނީ ހަމައެކަނި ކުންފުނީގެ ފައިނޭންޝަލީ ކެރީ ކުރެވޭނެ ވަރު އެކަންޏެއް ވެސް ނޫން. މި ތަނަށް އެކަށީގެންވާ ވަރުތޯ ވެސް ބަލަންވާނެ،" ސުހައިލް ވިދާޅުވި އެވެ.
ސެޕްޓެމްބަރު މަހު 125 މީހަކަށް ވަޒީފާ!
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހުކޮޅު ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ގިނަ އަދަދެއްގެ މުވައްޒަފުން އެޗްޑީސީ އަށް ވެއްދިކަމުގެ އަޑު ތަކެއް އޭރު ކުރިން ފެތުރުނެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެކަނި 125 މީހަކަށް އެޗްޑީސީ އިން ވަނީ ވަޒީފާ ދިނެވެ. އަދި ބައެއް މުވައްޒަފުން "އެއްވެސް މަސައްކަތެއް' ނެތި ހަމައެކަނި ރައީސް ޔާމީންގެ ކެމްޕޭން އަށް ހުސްކޮފައިވެ އެވެ.
އާ ސަރުކާރުން އެޗްޑީސީގެ އެމްޑީގެ މަގާމު ހަވާލު ކުރި ސުހައިލް ވިދާޅުވީ ގިނަ އަދަދެއްގެ މުވައްޒަފުން ކުންފުނީގައި މިހާރު ތިބުމުގެ ސަބަބުން ކުންފުނީގެ "އެޗްއާރް އޮޑިޓެއް" ކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.
"މިހާރު މިދަނީ އެޗްއާރް މިނިވަން އޮޑިޓެއް ހަދަން. އޭރުން އެނގޭނެ މިހާރު ހުރި ހިއުމަން ރިސޯސް އެންމެ ރަނގަޅުކޮށްތޯ ބޭނުން ކުރަނީ. އަދި މުސްތަގުބަލުގައި ހަދާނީ ކިހިނެއް ތޯ،" ސުހައިލް ވިދާޅުވި އެވެ.
މުވައްޒަފުން ނަށް ދައްޗެއް ނުވާނެ!
ސުހައިލް ވިދާޅުވީ ކުންފުނީގައި ގިނަ އަދަދެއްގެ ތިބި ނަމަވެސް މުވައްޒަފުންނަށް އެއްވެސް ދައްޗެއް ނުވާނެ ކަމަށެވެ.
"މުވައްޒަފަކަށް ދައްޗެއް ނުވާނެ ގޮތަށް މުސާރަ ދެވޭނެ،" ސުހައިލް ވިދާޅުވި އެވެ.
ނިމިދިޔަ ސަރުކާރުގެ ފަހުކޮޅު އެޗްޑީސީގެ ކޭޝް ފްލޯއަށް ވަނީ މައްސަލަތަކެއް ދިމާވެފަ އެވެ. މީގެ މައިގަނޑު އެއް ސަބަބަކީ ކުންފުނީގެ މުވައްޒަފުންގެ އަދަދު ބޮޑުތަކުން އިތުރުވުން ކަމަށް އޭރު އަޑުތައް ފެތުރުނެވެ.