ހޮލީވުޑްގެ އެންމެ ބޮޑު އެވޯޑު ހަފްލާ، އޮސްކާގެ ނޮމިނޭޝަންތައް އިއުލާން ކޮށްފައިވާ އިރު ސުޕަހީރޯ ފިލްމެއް އަލަށް ނޮމިނޭޓް ވެއްޖެ އެވެ.
މާވެލްގެ "ބްލެކް ޕެންތާ" އޮސްކާގެ އެންމެ މޮޅު ފިލްމަށް ނޮމިނޭޓްވުމުން، ސުޕަ ހީރޯ ފިލްމުތަކަށްވެސް އޮސްކާގައި ވާދަ ކޮށްލެވޭނެ ކަމަށް ބުނެ މިކަހަލަ ފިލްމުތަކަށް ލޯބި ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެންމެ މޮޅު ފިލްމުގެ އިތުރުން އެންމެ މޮޅު ކޮސްޓިއުމް އަދި ޑަރިރެކްޓަރުގެ ކެޓަގަރީއިން ވެސް ވަނީ މި ފިލްމު ނޮމިނޭޓް ވެފަ އެެވެ.
މިދިޔަ އަހަރު މާވެލް އިން ނެރުނު "ބްލެކް ޕެންތާ" އަކީ 2018ގެ ހޮލީވުޑްގައި އެންމެ ކާމިޔާބު އެއް ފިލްމެވެ. އެއް ބިލިއަން ޑޮލަރާއެކު، ގްލޯބަލް ބޮކްސް އޮފީހުގައި ހިމެނުނު "ބްލެކް ޕެންތާ" އަކީ މުޅި ފިލްމުގައިވެސް ކަޅު ނަސްލުގެ ކާސްޓެއް ހިމެނޭ ގޮތަށް އުފައްދާފައިވާ ފުރަތަމަ ސުޕަ ހީރޯ ފިލްމެވެ.
ކަޅު ނަސްލުގެ ކާސްޓަކާ އެކު ނެރުނު މި ފިލްމަށް، ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް ވަކާލާތު ކުރާ ގިނަ ބައެއްގެ ސަޕޯޓު ލިބުނެވެ. އެމެރިކާގެ ކުރީގެ ރައީސްގެ އަނބިކަނބަލުން، މިޝެލް އޮބާމާ ވެސް ވަނީ މި ފިލްމުގެ މޮޅު ވާހަކަ އެކި ފަހަރު މަތިން ދައްކާފަ އެވެ.
އޮސްކާ އަކީ "ހުދު ނަސްލު"ގެ މީހުންނަށް ހާއްސަކޮށް ބާއްވާ އެވޯޑު ހަފްލާއެއް ކަމަށް ކްރިޓިކުން އަބަދުވެސް ބުނަމުން ދާއިރު، މިކަހަލަ ފިލްމުތައް މިހާރު އަންނަނީ އޮސްކާގައި ނޮމިނޭޓް ވަމުންނެވެ. އޮސްކާ އިން މި ފިލްމަށް އެވޯޑެއެއް ލިބިއްޖެ ނަމަ ތާރީހުގައި ފާހަގަ ކޮށްލެނޭވެ އެވެ. މާވެލް ޓީމުން އެއްކޮށް "ކަޅު" މީހުންނާއެކު އުފެއްދި ފުރަތަމަ ސުޕަހީރޯ ފިލްމުގެ ލަގަބުވެސް ލިބޭނެ އެވެ.