ސިއްހަތު

ގަވައިދުން ނިދާނަމަ ހިތަށް ވަރަށް ރަނގަޅު!

ރޭގަނޑު އެއްކޮށް ހޭލައި ފިލްމު ނުވަތަ ސީރީސް ބަލަން އިނުމަކީ އެއް ގޮތަކަށް ވެސް ބުއްދިވެރި ގޮތެއް ނޫނެވެ. ހިތުގެ ބައްޔާއި ރޭގަނޑުގެ އަރާމު ނިންޖާ ވެސް ގުޅުމެއް ވެއެވެ. ރޭގަނޑު ރަނގަޅަށް ނުނިދުމާއި ގުޅިފައިވަނީ ހިތުގެ ބަލި ޖެހުމަށް ދިމާވާ ސަބަބުތަށް ކަމުގައިވާ ބަރުދަން އިތުރުވުމާއި އިންސިއުލިން ރެސިސްޓަންސް އަދި ޓައިޕް 2 ޑައިބެޓީސް ގެ އިތުރުން ބްލަޑް ޕްރެޝާ މައްޗަށް ދިއުމެވެ.

ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ރޭގަނޑުގެ ހަމަ ނިންޖާއި އެއްވަރަށް އެއްގަޑިއެއްގައި ނިދަން އޮށޯތުން ވެސް މުހިއްމެވެ.

ޖާނަލް އޮފް ސައިންޓިފިކް ރިޕޯޓްގެ ރިސާރެޗެއް ބުނާގޮތުން ރޭގަނޑު އެކި ގަޑިތަކުގައި ނިދާ މީހުންގެ ބޮޑީ މާސް އިންޑެކްސް މަތިވުމުގެ އިތުރުން، އެމީހުންގެ ބްލަޑް ސުގާ އަދި ބްލަޑް ޕްރެޝާ އިތުރެވެ. އަދި މި މީހުންނަކީ ކުރިއަށް އޮންނަ 10 ވަރަކަށް އަހަރުތެރޭ ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ އެންމެ ބޮޑު ނުރައްކާ އޮތް މީހުނެވެ.

އެހެންކަމުން ހިތުގެ ބަލިން ރައްކާތެރިވުމުގެ ގޮތުން ކޮންމެ ރެއަކު އެއްގަޑިއެއްގައި ނިދަން އޮށޯވެ ނިދުން ވަރަށް މުހިއްމެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެންމެ މަދުވެގެން ހަތް ގަޑިއިރު މެދު ނުކެނޑި ނިދަން ޖެހެއެވެ.

ރޭގަނޑުގެ ނިންޖާ ގުޅިފައިވާ ވަރަށް ގިނަ ކަންތައްތަކެއް ހުރެ އެވެ. އަދި ނިދުމުގެ ކުރިން ގެންގުޅޭ ރޫޓިން އިން ރޭގަނޑުގެ ނިންޖަށް ބޮޑެތި އަސަރުތަކެއް ކުރުވަ އެވެ. ނިދުމުގެ ކޮލިޓީއަށް އަސަރުކުރާ ކަންތަކަށް ބަލާއިރު ދުވާލުގެ ޝެޑިއުލައި ކާއެއްޗެއްސާއި ބޯ އެއްޗެހީގެ އިތުރުން ކާ ބޭސް ވެސް ހިމެނެ އެވެ.

ނިދުމުގެ އާދަ ރަނގަޅު ކުރެވިދާނެ އުކުޅުތަކެއް

1. އިސްކަންދޭންވީ އަބަދުވެސް އެއްގަޑިއެއްގައި ނިދުމަށެވެ. އެއީ ޗުއްޓީ ދުވަސްވަރު ނުވަތަ ހަފްތާ ބަންދު ކަމުގައިވިއަސް އެގޮތުގައި އެކަން ބާއްވާށެވެ.
2. މަދުވެގެން ހަތް ގަޑިއިރު ނިދުން ލިބޭ ވަރަށް ވަގުތު ލާފާ ނިދަން އޮށޯތުން ރަނގަޅެވެ.
3. ނިދި ނާންނަނީސް އެނދަށް އަރާނެ ކަމެއް ނެތެވެ.
4. އެނދަށް އަރާތާ 20 މިނެޓުން ނުނިދިއްޖެނަމަ އަލުން ތެދުވަންވީ އެވެ.
5. މީހާ ރިލެކްސްވާ ކަހަލަ ބެޑްޓައިމް ރޫޓިންއެއް ގެންގުޅޭނަމަ ނިދަން ފަސޭހަވެ އެވެ.
6. އެނަދަކީ ހަމައެކަނި ނިދާ ތަން ގޮތުގައި ބަހައްޓަންވީ އެވެ.
7. ކޮޓަރި ވީހާވެސް ރިލޭކްސްވާ ގޮތަށް ބަހައްޓަންވީ އެވެ. މިގޮތުން އަލި މަޑުކުރުމާއި އަޑު މަޑުކުރުން ހިމެނެއެވެ. އަދި ފިނި ހޫނުމިން ވެސް ރަނގަޅުވަރެއްގައި ބަހައްޓަންވީ އެވެ.
8. ފޯނާއި އައިޕެޑް އަދި ކޮމްޕިއުޓަރު ފަދަ އިލެކްޓްރޯނިކް ޑިވައިސް ތަކާއި ނިދުމުގެ 30 މިނެޓާއި ކުރިން ނުކުޅެންވީ އެވެ.
9. ކެފެއިން ބުއިންތަކުން މެންދުރުން ފެށިގެން ދުރުވާންވީ އެވެ.
10. ރަނގަޅަށް ކަސްރަތުކޮށް ފައިދާހުރި ކާނާ ބޭނުންކުރާ ނަމަ ނިދީގެ މައްސަލަތަކުން ސަލާމަތްކޮށްދެ އެވެ.