ވިޔަފާރި

އާ ޕެސެންޖަރު ޓާމިނަލް ތަނބު ޖަހާއިރު ކުރެހުމެއް ނެތް!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދާ އާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލްގެ ކޮލަމްތައް ޖެހި ނަމަވެސް އެތަނުގެ ފަރުމާއެއް އަދި ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ އެއާޕޯޓުގެ ރަންވޭ އެއްކޮށް ނިމުނު ނަމަވެސް، އެތަން ބޭނުން ކުރަން ފެށޭނީ އިންޓަނޭޝަަނަލް ޕެސެންޖަރު ޓާމިނަލް ނިމިގެން ކަމަށެވެ.

"ކުރިން އަޑުއިވުނީ މިއީ ހަތް މިލިއަން މީހުންނަށް ހަދާ އެއާޕޯޓެކޭ. ނަމަވެސް މިއަދު އޭގެ ތަފުސީލަށް ގޮސް ބަލާއިރުގައި މި ދައްކާ ވާހަކައަކީ 3.7 މިލިއަން ޕަސިންޖަރުން އެރައިވަލް. މުޅި މޫވްމެންޓް ހަތް މިލިއަން. 3.7 މިލިއަން މީހުން އައިސް ފުރުމަށޭ. ހަތް މިލިއަން މީހުންގެ އެރައިވަލްއަކަށް ނޫން މިތަން ހަދަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރު ޕެސެންޖަރު ޓާމިނަލް ހަދާ ގޮތަށް ދާނަމަ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެތަން އަނެއްކާ ވެސް ފުރޭނެ ކަމަށެވެ.

"އެކަހަލަ އެތައް އެތައް ކަމެއް، އެއާޕޯޓްއަކީ ހަމައެކަނި ފްލައިޓް ޖައްސާ ފުރާތަނެއް ނޫން. އެއީ ވަކިން މާކެޓު ކުރާ ތަނެއް. އެކަހަލަ އެއްވެސް ޕްލޭނެއް ނެތް،" ރައީސް ވިދާޅުވި އެވެ.

އެއާޕޯޓާ ބެހޭ ގޮތުން ރައީސް ވާހަކަފުޅު ދެއްކެވިއިރު، ދާދި ފަހުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ އެއާޕޯޓު ވަކިން ވިއްކޭ ތަނެއްގެ ގޮތުގައި ދިވެހި ވަންތަ ސިފަ ގެނައުމަށް މަސައްކަތް ކުރައްވަން މަސައްކަތް ކުރެއްވާނެ ކަމަށެވެ.

ވީއައިއޭ ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ ބިލިއަނެއްހާ ޑޮލަރުގެ މަޝްރޫއުގެ ދަށުން، ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. ގާތްގަނޑަކަށް 300 މިލިއަން ޑޮލަރުގެ މި މަޝްރޫއު ހަވާލު ކުރިތާ ތިން އަހަރު ވެގެން ދިޔައިރު ވެސް އެންމެ ލަސްކޮށް ދަނީ މި މަސައްކަތެވެ. އަދި އާ ޕެސެންޖަރު ޓާމިނަލްގެ ރަސްމީ ކުރެހުމެއް އެމްއޭސީއެލްއިން ވެސް އަދި ދައްކާފައެއް ނުވެ އެވެ. ނަމަވެސް އަބަދުވެސް ބުނަމުން ގެންގޮސްފައިވަނީ ފެސެންޖަރު ޓާމިނަލްގެ މަސައްކަތްވެސް ދަނީ ހަލުވިކޮށް ބާރަށް ކަމަށެވެ.