ހަބަރު

ކޮންގްރެސް ޕާޓީގެ ހުއްދައާއެކު ނިހާންގެ ތައުރީފު ގާސިމަށް

ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހަދާ ކޮންގްރެސް ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން ދިނުމާއެކު ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ތައުރީފް ކުރައްވައިފި އެވެ.

މިއަދު އީސީން ކުއްލި ގޮތަކަށް ކޮންގްރެސް ޕާޓީއަށް ހުއްދަދީ، ޖަލްސާ ބާއްވަން ވަނީ އަންގާފަ އެވެ. އެކަމާ އުފަލުން ހުންނަވާ ނިހާން ކުރެއްވި ޓްވީޓެއްގައި ގާސިމަށް ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ. ނިހާން ވިދާޅުވީ ގާސިމަކީ މިހާތަަށް މަޖިލީހުގެ އެންމެ އިންސާފުވެރި ރައީސް ކަމަށެވެ.

ކޮންގްރެސް ޕާޓީ އުފެއްދުމުގެ ހުއްދަ މިއަދު އެ ޕާޓީގެ މުއައްސިސް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަށް ދީފައިވާއިރު ޕާޓީ އުފައްދަން ހުށަހެޅި ފޯމްތަކެއް މައްސަލަ އިއްޔެ ވަރަށް ބޮޑުވެގެން ދިޔައެވެ. ބައެއް ފޯމުތައް އީސީން ސައްހަ ނޫން ކަމަށް ކަނޑައަޅައި ބާތިލް ވެސް ކުރި އެވެ.

އެކަމަކު، އެއީ އެ ޕާޓީއަށް ހުއްދަ ދިނުން ލަސް ކުރަން ކުރާ ކަމެއް ބުނެ، މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާ ހަމައަށް އެ ޝަކުވާ ކޮންގްރެސް އާއި ޕީޕީއެމްގެ މަޖިލިސް މެންބަރުން ގެންދެވި އެވެ. އަދި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް މައްސަލަ ހުށަހަޅަން ނިންމި އެވެ.

އީސީން އެކަމަށް ހުރަސް އެޅުމަށް އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނަމުން ދިޔަ ނަމަވެސް، ގާސިމް ވަނީ އެއްވެސް ބަޔަކަށް ޒާތީ ނުވެވޭނެ ކަމަށާއި ކޮންގްރެސްގެ ހުއްދަ ލަސްކުރަނީ އެ ކޮމިޝަން މެންބަރުންނަށް "ވަގަށް" ގޮވާފައިވާތީ ކަމަށް ކޮމިޝަނުން ބުނި ކަމަށް ވިދާޅުވެފަ އެވެ. އަދި 24 ގަޑިއިރު މަޖިލިސް ހުޅުވައި، އިލެކްޝަން މެންބަރުން ހާޒިރުކޮށްގެން ވެސް އެ ހުއްދަ ހޯއްދަވައިދެއްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވެފައ ވެއެވެ. އެކަމާ ގުޅިގެން ގާސިމް، އިލެކްޝަން މެންބަރު އިސްމާއިލް ހަބީބަށް ފޯނުން ވެސް ގުޅުއްވި އެވެ.