ލައިފްސްޓައިލް

ދިވެހި ކައިވެނިތަކަށް އިނގިރޭސި ދައުވަތެއް!

ކައިވެންޏަކީ ދެމީހެއްގެ ލޯތްބަށް ދިރުން ގެނުވާ، އާއިލާއެއް ފެށުމަށް އިސްލާމް ދީނުގެ ހަމަތަކުގެ މަތިން ޖަހާލެވޭ ފުރިހަމަ އަދި ވަރުގަދަ ގޮށެކެވެ. އެ ގޮށް ނުމޮހި އުމުރު ދުވަހަށް ދެމި އޮތުމަކީ، ކައިވެނި ކުރާ ދެފަރާތުގެ ވެސް އުއްމީދެވެ. ކައިވެނި ކުރާ ދުވަހު، ދެފަރާތުގެ އާއިލާ އާއި ގާޒީންގެ ކުރިމަތީގައި، ދެ ލޮލުން އަންނަ އުފަލުގެ ކަރުނައާއެކު ދެ އަތް އުފުލާލާ ދުއާ ކުރަނީވެސް އެކަކު އަނެކަކަށްޓަކައި ވީ ލޯބި އޭގެ އެންމެ ފޮނި ކަންމަތީ އަބަދަށް ދެމި އޮވޭތޯ އެވެ.

އެއީ އުފާވެރި ވަގުތު ކޮޅެކެވެ. އެދުވަހަށް އެ ވަގުތަށް ދިގު އިންތިޒާރެއް ކުރި ލޯބިވެރިންގެ އިތުރުން އެ އުފަލުގައި އެންމެ ގާތުގައި ހުރެ ބައިވެރިވާނީ އާއިލާ އެވެ. ކުޑަ އިރުއްސުރެ ލޯބިން ބޮޑުކުރި ކުއްޖާ ދިރިއުޅުމުގެ އާ ހަރުފަތެއް ގިރާ ކުރާއިރު ގާތުގައި އެހީވާން ތިބުމަކީ އުފަލުން ކޮށްދޭ ކަމެކެވެ. ދުވަހުގެ މުހިއްމުކަން އިހުސާސް ކުރެވޭ މިންވަރު އާއިލާ އަށާއި ގާތް ރައްޓެހިންނަށް ފޮނުވާ ކުޑަ ކަރުދާސް ކޮޅު ނުވަތަ ކާޑުން ވެސް އެނގޭނެ އެވެ. ބައެއް ފަހަރު މިހެނެވެ: "އަޅުގަނޑުމެންގެ ދެ ކުދިންގެ ކާވެނީގެ އުފަލުގައި ބާއްވާ ހަފުލާއަށް ވަޑައިގެން ދެއްވުން އެދި ދައުވަތު އެރުވީމެވެ"

މިއީ ގާތްތިމާގެ މީހުންނާއި އެކުވެރި ރަހްމަތްތެރިންނަށް އެ މުނާސަބަތުގައި ބައިވެރި ވުމަށް ދޭ ދައުވަތެކެވެ. ދިވެހިން ލިޔެފައިވާ އެ މާނަފުން އިބާރާތްކޮޅު މިހާރު ފެންނަނީ މުޅިން އެެހެން ގޮތަކަށެވެ. އިބާރާތްކޮޅު، ކޮށައި ކުދިކޮށް ދިވެހި ބަސްވެސް އެއިން ފޮހެލާފައި އޮންނާތީ އެވެ.

އިނގިރޭސިން ލިޔެފައި ހުންނަ އެއްޗެއް ދިނުމާއި ދިވެހިން ލިޔެފައިވާ އެއްޗެއް ދިނުމުން އެއިން ބުނެދޭ މާނަ އެތައް ގުނަ އެއް ތަފާތުވެ އެވެ. އަމިއްލަ މާދަރީ ބަހުން ލިޔެފައިވާ އެއްޗެއް ކިޔާލުމުން ހިތަށް ކުރެވޭ އިހުސާސެއް އެހެން ބަހަކު އެވާހަކަ ބުނެގެން ނުކުރެވޭނެ އެވެ. އެ ޖަޒުބާތެއް ނުހުންނާނެ އެވެ. ހާއްސަކޮށް އާއިލާ އަށެވެ.

އިނގިރޭސި ބަހުން ލިޔެގެން ކައިވެނީގެ ދައުވަތު ކާޑު ދިނުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ކައިވެނީގެ ދައުވަތު ކާޑުތަކަށް އައި ބޮޑު ބަދަލާއެކު ދިވެހި އިބާރާތްކޮޅު ވެސް ގެއްލުނީ އެވެ.

ކައިވެނީގެ ދައުވަތު ކާޑުތައް ޒަމާނީ ކޮށްލައި އެއީ އާދައިގެ ކަމަކަށް ހެދިޔަސް، ކާވެނި ކާޑަކީ އެދުވަހުގެ މުނާސަބުކަން ދޭހަކޮށްދޭ އެއްޗެކެވެ. ކާވެނި ކުރަނީ ކޮން ރަށެއްގެ ކޮން އަތޮޅެއްގެ މީހަކުކަން އެއް އިރެއްގައި ބުނެދިނީ މި ކާޑުންނެވެ. ކޮން ގެއެއްގެ ކާކުގެ ދަރިޔަކާ ކަން ބުނެދިނީ ވެސް ހަމަ މި ކަރުދާސް ކޮޅުންނެވެ. އާއިލާގެ ފެންވަރާއި ހައިބަތު ދައްކުވައިދިން ކާޑުގައި މިހާރު ލިޔެފައި އޮންނަނީ ދެ ކުދިންނަށް ކިޔާ ވަނަމެވެ. ފުރިހަމަ ނަންވެސް ގިނަ ފަހަރަށް ނޯވެ އެވެ.

ކާޑު ޑިޒައިން ކުރާ، ދިވެހި ޑިޒައިނަރަކު ބުނި ގޮތުގައި، މިހާރު ގިނަ ފަހަރަށް އަންނަނީ ސާމްޕަލް ޑިޒައިނެއް އަމިއްލަ އަށް ހިފައިގެނެވެ.

"އާއްމުކޮށް މިހާރު އަންނަނީ އަމިއްލަ ޑިޒައިނެއް ހިފައިގެން. ޑިޒައިނާ ނުޖެހޭ މާ ބޮޑު ކަމެއް ކުރާކަށް. ވެޑިން ޕާޓީ ތީމް އާ އެއްގޮތަށް ކާޑުގެ ކުލަތަކާއި ނަންތައް ހަމަ އެކަނި ބަދަލުކޮށްލަން ޖެހެނީ. ސިމްޕަލް ޑިޒައިންތައް ބޭނުންވެފަ ކާޑުގަ މާ ބޮޑަށް ލިޔުނީމަ މިހާރުގެ ކުދިންނަކަށް ކަމަކު ނުދޭ. ވީހާވެސް ސިމްޕަލް ކޮށްލަން ބޭނުންވަނީ،" ޑިޒައިނަރަކު ބުންޏެވެ.

ކާވެނި ކާޑު އެކި ފަރާތްތަކަށް ބެހުމަކީވެސް ތަފާތު އިހުސާސެއް ކުރުވާ ކަމެކެވެ. އެތައް ބަޔަކަށް ދައުވަތުދޭ ކާޑު ބޮނޑި ހިފައިގެން ދުވަސްވީ ރައްޓެހިންނާއި ދުރު ތިމާގެ މީހުން ކައިރިއަށް ދެވެ އެވެ. ނަމަވެސް މިހާރު ވައިބާގައި އާއިލާ އެންމެންނާއެކު ހަދާފައި އޮންނަ ގްރޫޕަކަށް ފޮނުވާލާ ފޮޓޯ މެސަޖަކަށް އެކަން ބަދަލުވެ އެ އުފާވެރިކަން ވެސް ގެއްލުނީ އެވެ.

ދިވެހިންގެ ކާވެނިތަކުގައި ހުދު ހެދުމާއި ކޯޓު ފަޓުލޫނު ލިޔަސް، ކާވެނީގެ ރަމްޒެއްގެ ގޮތުގައި އޮންނަ ކާވެނި ކާޑު ދިވެހި ބަހުން ލިޔެފައިވާ އެއްޗަކަށް ބަދަލުކޮށްލައިފިއްޔާ އަދިވެސް މާ ރީތިވާނެ އެވެ.