ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފަށް މޯލްޑިވްސް ފުޓްބޯލް އެސޯސިއޭޝަން، އެފްއޭއެމްއިން ބޮޑު ތުހުމަތެއްކޮށް ޓްވީޓެއްކޮށްފި އެވެ.
އެފްއޭއެމްގެ ރަސްމީ ޓްވިޓާ އެކައުންޓްގައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެފްއޭއެމްގެ އިންތިހާބީ ލީޑަޝިޕް ބަދަލުކުރުމަށް މިނިސްޓަރު މަހުލޫފް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
އެކަން ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނަންފުޅު މިނިސްޓަރު މަހުލޫފް ބޭނުން ކުރައްވައިގެން ކުންފުނިތަކުން ކުލަބްތަކަށް ދޭ އެހީ ނުލިބޭނެ ކަމަށް ބުނެ ކުލަބްތަކާ ބައްދަލުކޮށްގެން ކަމަށް ވެސް އެ ޓްވީޓްގައިވެ އެވެ.
މިފަދަ މޭރަމަކުން މީގެކުރިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ވާހަކަ ދައްކަވާފައިވެ އެވެ. އެންމެފަހުން ބޭއްވި ފުޓްބޯލް އެވޯޑް ހަފުލާގައި ބައްސާމް ވިދާޅުވީ އެފްއޭއެމްގެ މަގާމުތަކަށް އަންނަން ބޭނުންވާ ފަރާތްތަކުން ދެ އަހަރު ފަހުން އޮންނަ އިންތިހާބަށް ތައްޔާރުވުމަށް އެދޭ ކަމަށެވެ.
މީގެކުރިން ރާއްޖޭގެ ކުލަބުތަކަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ނުލިބުނު ސަބަބު ބަލަން މަހުލޫފް ކޮމިޓީއެއް އެކުލަވައިލުމުން ވެސް މަހުލޫފާއި އެފްއޭއެމްއާ ދެމެދު ކޯޅުންތަކެއް ހިނގި އެވެ.